09 ޑިސެމްބަރ 2017 - 23:04

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގެންފި އެވެ.
ރައީސް ޔާމީންގެ ދެކަނބަލުންގެ ދަތުރުފުޅުގައި މުހިންމު 12 އެއްބަސްވުމެއްގައި ދެ ގައުމުން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ސިލްކް ރޫޓްގައި ރާއްޖެ ބައިވެރިވުމާ ބެހޭ އެއްބަސްވުމާއި ވިޔަފާރީ އާއި އިގްތިސާދާއި އިޖްތިމާއީ ދާއިރާ އަދި ޓެކްނޮލޮޖީގެ ދާއިރާއިން އެހީވުމާ ގުޅޭ އެއްބަސްވުންތައް ހިމެނެ އެވެ.
މީގެެ އިތުރުން ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގަތް ސަރުކާރުގެ ވަފުދުން ވަނީ ޗައިނާގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް ފަހުން ޗައިނާއާ ވަރަށް ގާތް ގުޅުމެއް ރާއްޖެއިން އަންނަނީ ބާއްވަމުންނެވެ. ރާއްޖޭގައި މިހާރު ހިންގާ ބޮޑެތި ބައެއް މަޝްރޫއުަތައް ޗައިނާގެ ކުންފުނިތަކުން ހިންގާއިރު އެ މަޝްރޫއުތަކަށް ލޯނު އެހީ ވެސް ދެނީ ޗައިނާއިންނެވެ.