11 ޑިސެމްބަރ 2017 - 10:57

މެޑްރިޑް (ޑިސެމްބަރު 11) - ސީޒަނުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އޮތް ބާސެލޯނާ ކުރިއަށް އޮތްތަނުގައި އެ ފޯމު ދަމަހައްޓައިފި ނަމަ ޓީމުތަކުން ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހިލުންވާނެ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.
ސްޕެނިޝް ލީގުގައި ރޭ ރަށުންބޭރުގައި 10 ކުޅުންތެރިންނާ އެކު މެޗުގެ ފަހު ހާފުގައި ކުޅުނު ވިޔަރެއާލް އަތުން ބާސެލޯނާ މޮޅުވީ 2-0 އިންނެވެ. މި މެޗުގެ 60 ވަނަ މިނިޓްގައި ބާސެލޯނާގެ ސާޖިއޯ ބުސްކެޓްސް އަށް ކުރި ފައުލަކަށް ވިޔަރެއާލްގެ ޑެނިއަލް ރަބާ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
މެޗުގެ ފަހު 20 މިނިޓް ތެރޭގައި ބާސެލޯނާގެ ދެ ގޯލު ޖެހީ ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އެވެ.
"އަހަރެން ކާމިޔާބީގެ ވާހަކަ ދައްކަން ބޭނުންވަނީ ލީގު ނިންމާފައި. އޭގެ ކުރިން ބޭނުމީ މެޗުތަކުގެ ވާހަކަ ދައްކަން. އެނގޭހާ ވެސް ކަަމަކީ މި ފޯމުގައި ކުރިއަށްދާނަމަ އިދިކޮޅަށް ނުކުންނަ ޓީމުތަކަށް ފަސޭހަނުވާނެ ބާސެލޯނާ ހުއްޓުވަން. ޖެހިލުންވެސް ވާނެ. މިއީ އަހަރެމެންގެ ހިތްހަމަ ޖެހުން،" ކުރިން އެތުލެޓިކް ބިލްބާއޯ އަށް ކޯޗުކޮށްދިން ވަލްވޭޑޭ ބުންޏެވެ.
ރޭގެ މޮޅާ އެކު ބާސެލޯނާ އިން ވަނީ ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ 15 މެޗުން 39 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް 15 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ރޭ ރެއާލް ބެޓިސް އަތުން 1-0 އިން ހޯދި މޮޅާ އެކު އެތުލެޓިކޯ މެޑްރިޑް ވަނީ އަލުން ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 15 މެޗުން ވަނީ 33 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ހަތަރު ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ވަނީ 15 މެޗުން 31 ޕޮއިންޓް ލިބިފަ އެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓުމުން އެތުލެޓިކޯގެ ކުޅުންތެރިން ތިބީ މާޔޫސްވެފައި ނޫން ކަމަށް އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ ބުނެފަ އެވެ.
"ފުޓްބޯޅައިގައި ކޮންމެ ހާލަތަކަށް ވެސް ކުޅުންތެރިން ތައްޔާރުކުރުން ކޯޗެއްގެ ޒިންމާ އަކީ. އެކަން އަހަރެން މިދަނީ ކުރަމުން އެކަން. ޔަގީނުން ވެސް އެނގޭ ކަމަކީ އެތުލެޓިކޯ ކުޅުންތެރިން ތިބީ ގޮތް ހުސްވެފައި ނޫން ކަން،" ސިމިއޯނީ ބުންޏެވެ.