އިސްލާމީ ޔުނިވާސިޓީގެ އޯޕަންޑޭ ކުރިއަށް ދަނީ
އިސްލާމީ ޔުނިވާސިޓީގެ އޯޕަންޑޭ ކުރިއަށް ދަނީ

އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ވަނުމަށް ބޭނުންވާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ގޮތުން ބާއްވާ އޯޕަންޑޭ ފެށިގެން ކުރިއަށް އެބަދެއެވެ.

އައިޔޫއެމްގެ ހޯލްގައި ކުރިއަށްދާ އޯޕަންޑޭގެ ފުރަތަމަ ބައި ކުރިއަށް ދިޔައީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. ދެ ވަނަ ބައި އޮންނާނީ މާދަމާގެ އެ ގަޑިތަކުގަ އެވެ.

"އޯޕަންޑޭގެ ހަރަކާތްތަކުގައި ޖެނުއަރީ 2018 ސެމިސްޓާގައި އަލަށް ތައާރަފްކުރާ ކޯސްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން މިފަހަރު ފުރުސަތު ހުޅުވާލެވުނު ކޯސްތަކުގެ މައުލޫމާތު ދިނުމާއި އަދި ކޯސްތަކަށް ވަންނަ ދަރިވަރުންގެ އެޕްލިކޭޝަން ފޯމް ފުރުމާއި ބަލައިގަތުމުގެ އިތުރުން ދަރިވަރުންގެ ސެޓްފިކެޓްތައް އެޓެސްޓް ކޮށްދިނުން ވެސް ކުރިއަށް ގެންދަން،" އޯޕަންޑޭ އާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި އިސްލާމިކް ޔުނިވާސިޓީން ބުނެފައި ވެއެވެ.

އައިޔޫއެމް އިން ޖެނުއަރީ މަހު ފަށަން ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ފަސް ދާއިރާއަކުން މުޅިން އަލަށް 17 ކޯހެއް ފަށަން ހަމަޖެހިފައި ވެއެވެ. އަދި އެ ކޯސްތަކާއި އެކު ޖުމްލަ 50 ކޯހަކަށް ކުރިމަތިލުމަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ފުރުސަތު ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި، ޕީއެޗްޑީ ކޯހަކާއި، މާސްޓާސް ޑިގްރީގެ ހަތް ކޯހަކާއި، ޕޯސްޓް ގްރެޖްއޭޓް ދެ ކޯހުގެ އިތުރުން ބެޗްލާސް ޑިގްރީ ލެވަލްގެ 10 ކޯސް ހިމެނެ އެވެ. އަދި ޑިޕްލޮމާ ލެވެލްގެ 13 ކޯހާއި، ސެޓްފިކެޓް ލެވަލް 1-4ގެ 17 ކޯހެއް ހިމެނެ އެވެ.

އައިޔޫއެމް އިން ބުނީ، ކޯސްތަކުގައި ބައިވެރިވުމަށް މި މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ފޯމް ހުށައެޅޭނެ ކަމަށެވެ.