09 ޑިސެމްބަރ 2017 - 17:20

އިސްލާމީ މަރުކަޒުގެ ބޭރުގައި ދުއާ ކުރަން ހުއްޓައި، ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ބައްޕަ މުހައްމަދު ހައްސާން ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
އިއްޔެގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ ބޭރުގައި ދުއާ ކުރަން ހުއްޓައި، ހައްސާން ހައްޔަރު ކުރިއިރު ބަދު ދުއާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހު އޭނާ ފުލުސް އޮފީހަށް ވެސް ވަނީ ހާޒިރުކޮށްފަ އެވެ.
ޝަރުތުތަކާ އެކު ކޯޓުން ހައްސާން ދޫކޮށްލީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ގެންދިއުމުންނެވެ. އެކަމަކު ކޯޓުން ކުރީ ކޮން ޝަރުތުތަކެއް ކަމެއް ސާފެއް ނުވެ އެވެ.
އަނިޔާވެރިކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިސްލާމީ މަރުކަޒުގައި ދުއާ ކުރަނިކޮށް ކުރިން ވެސް ހައްސާން ހައްޔަރުކުރި އެވެ.