09 ޖުލައި 2016 - 07:58

ކޮޓަރީގެ ކުޑަދޮރު ކައިރި އަށް ރާމިޒް ހުއްޓުނު އިރު މެންދަމުން އަލިވެ ދޭއް ޖަހަނީ އެވެ. ޓްރައިޕޮޑްގެ މަތިން އަޅުވާފައި އޮތް ފޮތިގަނޑު ނަގައި ކުޑަދޮރުން ބޭރަށް ކެމެރާ އަމާޒުކޮށްލި އެވެ. ވެހެމުންދާ ވާރޭގެ ތެރެއިން ވިދުވަރުގެ އަލިކަމާ އެކު އިރުއިރުކޮޅާ ޖައްވު އަލިވެގެން ދެ އެވެ. ނަމަވެސް އެ ވިދަނީ ރާމިޒް ބޭނުންވާ ދިމާލަކުން ނޫނެވެ. މާ ދުރު ނޫން ހިސާބެއްގައި ހުރި އިމާރާތް ހުރަސް ނާޅާ ނަމަ، އޭނާ ބޭނުންވި މަންޒަރުތައް ކެމެރާގައި ރައްކާކުރެވުނީހެވެ. އޭނާ އިންތިޒާރު ކުރަމުން އެ ދަނީ އެ އިމާރާތުން ނެއްޓި، ކެމެރާ އަށް ފެންނަ ހިސާބުން ވިދައިލާނެ ވަގުތަކަށެވެ.
ނިކަން ގަދައަށް ވިދައިލި ވަގުތު ރާމިޒް ދެތިން ޝޮޓް ނެގި އެވެ. ނަމަވެސް ބޮޑަށް ފްރޭމަށް އަރާފައި ހުރީ އެ އިމާރާތެވެ. ވިދުމުގެ އަލިކަން ފެންނަނީ ވަރަށް ކުޑަ ތަންކޮޅަކުންނެވެ. ކެމެރާގެ ޑިސްޕްލޭ އިން އެ ފޮޓޯތައް ބަލަމުން ދިޔަ އިރު ރާމިޒަށް އެއް ކަމެއް ފާހަގަކުރެވުނެވެ. އަށް ބުރީގެ އެ އިމާރާތުގެ އެއްވެސް ތަނެއްގައި އަލިކަމެއް ނެތް ނަމަވެސް، ޓެރަހުގައި ހުރި ކުޑަ ކޮޓަރި ހުރީ ދިއްލައިފަ އެވެ. އެއް ފޮޓޯގައި މީހަކު ކުޑަދޮރާ ނިވާވަނިކޮށް ބުރަކަށި އަރާފައި ހުއްޓެވެ.
ރާމިޒް، އޭނާގެ ކެމެރާގެ ވައިޑް ލެންސް ނަގައި 300އިގެ ޒޫމެއް އަޅުވައިލި އެވެ. ކެމެރާގައި ލޯ ޖަހައި ބަލައިލި އިރު، އެ ކޮޓަރި އެހުރީ އޭނާގެ ކުރިމަތިން އަތް ފޯރާހާ ކައިރީގަ އެވެ. ހުޅުވާފައި ހުރި ކުޑަ ދޮރުގެ ތެރެއިން ކޮޓަރީގެ މުހިންމު ތަންތަން އެ ހުރީ ފެންނާށެވެ. ބޮޑު ދޮރުގެ ދޮރުފޮތިގަނޑު ވަޔާ ކެހިލާ ކޮންމެ ފަހަރަކު ކޮޓަރީގެ ބާކީ ބައި އެކުގައި ފެނެ އެވެ.
އެއީ ޓެސްޓަށް ފިލާވަޅު ދަސްކުރުމަށްޓަކައި، ޝާއިލާ އަށް ބައްޕަ ހަދައިދިން ކުޑަ ކޮޓަރި އެވެ. މާދަމާ އޮތީ ފަހު ޓެސްޓު ކަމަށްވުމުން، އޭނާ ބޭނުންވީ ތަންކޮޅެއް ދަންވަންދެން ފިލާވަޅު ދަސްކޮށްލަން އިންނާށެވެ. ޓެސްޓު ނިންމާފައި އައިސް ނިދައިލެވޭނެތީ އެވެ. ފޮތް ނެގުމުގެ ކުރިން އެނދު ކައިރީގައި ހުރެ ނިދާ ހެދުމަށް ބަދަލުވެލި އެވެ.
ފޮތް ހިފައިގެން ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ފެށި އެވެ. ބައެއް ފަހަރު ކުޑަދޮރު މަތީ އުޅަނބޮށި ވިއްދާލައިގެން ހުއްޓިލަ އެވެ. އިރުއިރުކޮޅާ ވައިޓް ބޯޑުގައި ކޮންމެވެސް އެއްޗެއް ނޯޓް ކޮށްލަ އެވެ. އަނެއް ބައި ފަހަރު ޓެރަހަށް ނުކުމެ ރެއިލިންގައި އަތް އަޅުވާލައިގެން އޮވެ އެވެ. އެހެން އޮއްވައި ވިދައިލާ އިރަށް ދުވެ ގޮސް ކޮޓަރި އަށް ވަދެ ދޮރު ލައްޕައި ކޮޓަރި ނިއްވާލަ އެވެ. ގުގުރީގެ އަޑު ކެނޑުމާ އެކު އަނެއްކާ ވެސް ކޮޓަރި ދިއްލަ އެވެ.
ރާމިޒް ހިތް ފުރެންދެން އެ މަންޒަރުތައް ކެމެރާގައި ރައްކާކުރަމުން ދިޔަ އެވެ. ކުދި ވީޑިއޯ ކްލިޕްތަކާއި ސްޓިލް ފޮޓޯ ތަކެވެ. ރާމިޒް ބޭނުންވީ ވިދަމުންދާ އިރު، ވިލާތަކުގެ ތެރެއިން އަލީގެ ދޯދިތައް އެކި މިސްރާބަށް ދުވެފައި ހުންނަ މަންޒަރުތައް ފޮޓޯ ނަގާށެވެ! ނަމަވެސް މިރޭ މި ލިބުނީ ވިދުވަރަށް ވުރެ ވިދުން ގަދަ، ހަރަކާތްތައް މާ ފުރިހަމަ ފޮޓޯތަކެއް ކަމުގެ ހިތްހަމަޖެހުން ލިބުނެވެ.
އަނެއް ދުވަހު ހެނދުނު ތެދުވެ އެ އިމާރާތުގެ ހުރިހާ ސިފަތަކާއި ކުލަޔާއި ޑިޒައިނަށް ބަލައިގެން ރާމިޒް އެ އިމާރާތް ފާހަގަ ކޮށް، އެކި މަގުތަކުން ގޮސް އެ އިމާރާތުގެ ކުރިމަތިން މަގުގެ އަނެއް ފަރާތުގައި މަޑުކޮށްލި އެވެ. އަށެއް ޖަހަނިކޮށް، ސްކޫލް ޔުނީފޯމްގައި ތިބި ހަތަރު ކުދިން އެ އިމާރާތުން ނުކުމެ މަގުގެ ދެކުނަށް ގޮސް އޮބައިލި އެވެ. އިރުކޮޅެއް ފަހުން އިތުރު ތިން ކުއްޖަކު ނުކުމެގެން މަގުގެ އުތުރަށް ހިނގައިގަތެވެ.
"އަހަރެން ދާންވީ ކޮން ކޮޅަކަށް ހެއްޔެވެ! ދާނީ ކޮން ކުއްޖެއްގެ ފަހަތުން ހެއްޔެވެ؟ އެ ތަނުން އެ ކުއްޖަކީ ކޮބައި ހެއްޔެވެ؟ އޭގެ ތެރޭގައި އަނެއްކާ އެ ކުއްޖާ އެބަ ހުރި ހެއްޔެވެ؟" ރާމިޒްގެ ހިތުގައި އުފެދުނު މި ސުވާލުތަކާ އެކު އެނބުރި ގެއާ ދިމާލަށް ހިނގައިގަތެވެ.
އޭގެ ދެ މަސް ފަހެވެ. ރާމިޒް ކޮޓަރީގެ މޭޒު ދޮށުގައި އިނދެ، އޭނާ ނެގި ފޮޓޯތައް ލެޕްޓޮޕުން ބަލަމުން ދިޔަ އެވެ. އޭގެ ތެރެއިން ވެސް އޭނާ އަށް އެންމެ ކަމުދިޔައީ، ހުދު ހެދުމެއް ލައިގެން ބޯގަންވިލާ ގަހުގެ ފިޔާތޮށި މާތަކުގެ މެދަށް ވަދެ ސެލްފީ ނަގަން ހުރި ފޮޓޯ އެވެ. އެ ހުރިހާ ފޮޓޯތަކުގެ ތެރެއިން ރާމިޒަށް އެންމެ ރީތިވި 31 ފޮޓޯ ޕްރިންޓްކޮށް އަލްބަމަކަށް ލާފައި މޭޒު މަތީގައި އޮތެވެ. އޭރު ވެސް ރާމިޒްގެ ލޯ ހުރީ ޓެރަސްމަތީ ހުރި ކޮޓަރި އަށެވެ.
****
ޝާއިލާ އަށް ތައްޔާރު ނުވެވި އުޅެނިކޮށް ކޮޓަރި ދޮރުގައި ތަޅައިގަތް އަޑު އިވުނެވެ. ދޮރު ހުޅުވައިލި އިރަށް އެ ފަސް ކުދިން ކޮޓަރި ތެރެއަށް ދެމިގަނެ ޝާއިލާ ގޮވައިގެން ނުކުތެވެ. ހީނ ސަމާސާ ކުރަމުން މަގު ހުރަސްކުރުމަށް ހިނގައިގަތްތަނާ، މަގުން އަނެއް ފަރާތަށް ހުރަސްކުރި މީހެއްގެ ގައިގައި ޝާއިލާ ވަރަށް ބާރަށް ލައިގަތެވެ. ސޮރީއޭ ބުނެ ހައެއްކަ ފިޔަވަޅަށް ދިޔަ ފަހުން ހުއްޓުން އެރީ ކޮނޑުގައި އޮތް ދަބަސް ނެތް ހެން ހީވެގެންނެވެ. އެނބުރި ބަލައިލި އިރު އޭނާގެ ގައިގައި ޖެހުނު މީހަކު ގުދުވެ އެ ދަބަސް ނަގަނީ އެވެ.
"ނަން ނޭނގުނަސް ބުނެވޭނީ ހަމަ ވަރަށް ލޯތްބޭ! ވަރަށް ހިތްގައިމޭ! ކޮންމެވެސް ދުވަހަކުން ބައްދަލުވާނެ ކަމަށް އިންތިޒާރު ކުރާނަން." ޝާއިލާގެ އަތަށް ދަބަސް ދިއްކޮށްލަމުން އެ ޒުވާން ފިރިހެނާ ބުންޏެވެ.
ރާމިޒް އެނބުރި ހިނގައިގަތުމުން ޝާއިލާ ވެސް ހަރުކޮށް ހިނގާފައި ގޮސް ރައްޓެހިންނާ އަރައި ހަމަކުރި އެވެ. ނަމަވެސް އެ ޒުވާނާގެ ބަސްތަކުން އޭނާގެ ހިތަށް އުނދަގޫ ކުރަން ފެށި އެވެ. ސޯލްޓް ކެފޭ ރެސްޓޯރަންޓްގައި، ކްލާސް ކުދިން ދިން ފެއާވެލް ޕާޓީގައި އިން އިރު ވެސް ޝާއިލާގެ ކަންފަތުގައި އެ ބަސްތައް ގުގުމަ އެވެ.
ޕާޓީ ނިމިގެން ގެއަށް އައި އިރު ހަތެއް ޖަހަނީ އެވެ. އަވަސް އަވަހަށް ކޮޓަރި އަށް ވަދެ، ފެންވަރައި ތައްޔާރުވެލި އެވެ. ހުދު ކުލައިގެ އަތް ދިގު ޓީޝާޓެއް ލުމަށް ފަހު، އޭގެ މަތިން ލީ، ފަޔާ ހަމައަށް ހުރި މެރޫން ކުލައިގެ ދިގު އަތް ކެނޑި ޖެކެޓެކެވެ. މަޑު މުށި ކުލައިގެ ޝޯލްއަކުން އިސްތަށިގަނޑު ނިވައިކޮށްލައި މުޅި ހަށިގަނޑަށް ސެންޓު ފުޅި ބުރުވައިލި އެވެ. އޭރު ތިރީ ބުރީގައި އޭނާގެ ބައްޕަމެން ފޮއްޓަކާއި އަތް ދަބަހެއް ތައްޔާރުކޮށްގެން އިންތިޒާރުގައި ތިއްބެވެ.
"އޭނާ ފުރަނީތަ! އަނެއްކާ އެ ލޯބި ކުއްޖާ މަށަށް ގެއްލެންތަ އެއުޅެނީ! ނޫން އެހެނެއް ނުވާނެ. ބައްޕަމެން ފުރުވަން އެއާޕޯޓަށް ގޮސްފައި އަންނާނެ." އެ ކޮޓަރީގެ ހަރަކާތްތައް ކެމެރާގެ ޒޫމުން ބަލަން ހުރި ރާމިޒުގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.
ފްލައިޓްގައި ހަމަޖެހިލުމާ އެކު، ޝާއިލާ އަށް އިހްސާސްކުރެވުނީ އެކަނިވެރިކަމެވެ. މަންމައާ ވަކިވުމުގެ ހިތާމަ އާއި އެކަނިވެރި ކަމެވެ. ލޮލުން ފާއްދާލި ކަރުނަ ފުހެލުމަށްޓަކައި ޓިޝޫއެއް ނަގަން ހޭންޑް ބޭގަށް އަތް ކޮއްޕައިލުމުން އަތް ޖެހުނީ އެއަށް ވުރެ ހަރު އެއްޗެއްގަ އެވެ. ނަމަވެސް އެއީ ފޯނު ނޫން ކަން އެނގުމުން ރަނގަޅަށް ދަބަސް ހުޅުވައި ބަލައިލި އެވެ. ދަބަހުން ނެގުނީ ބޭރުގައި "އެންމެ ރީތި 31 ފޮޓޯ" ޖަހާފައި އޮތް ކުޑަ އަލްބަމެކެވެ.
*****
ޓެރަހުގައި ހުރި އެ ކޮޓަރިން އަލިކަމެއް ނުފެންނަތާ މަސް ދުވަސްވީ އިރު ވެސް ރާމިޒް ކޮންމެ ދުވަހަކު އިންތިޒާރު ކުރެ އެވެ. އެ ކުއްޖާ ފުރައިގެން އެ ދިޔައީ ކޮން ތަނަކަށް ކިހާ ދުވަހެއް ކަމެއް ނޭނގުނަސް، ކޮންމެވެސް ދުވަހަކުން އެނބުރި އަންނާނެކަން ރާމިޒަށް ގަބޫލުކުރެވެ އެވެ. އޭނާ އަށް ނޭގެނީ ކުރަން ޖެހެނީ ކިހާ ދިގު އިންތިޒާރެއް ކަމެވެ.
އެތައް މަހެއް ފަހުން މިއަދު ވެސް ރާމިޒް އޮފީހުން ގެއަށް އައި އިރު 5:30 ވަނީ އެވެ. ހެދުން ބަދަލުކޮށްލައިގެން ނުކުމެ ކޮފީ ތައްޓެއް ހިފައިގެން މޭޒު ދޮށުގައި ޖައްސައިލި އެވެ. އެފްބީ އަށް ވަދެ އެކި ރައްޓެހިންގެ ޕޯސްޓްތަކަށް ލައިކް ދެމުން ކޮމެންޓް ކުރަމުން ދެ އެވެ. ޗެކް ނުކުރާތާ ދެ ދުވަސް ފަހުން މެއިލް ވެސް ހުޅުވައި ބަލައިލި އެވެ. އިންބޮކްސްގެ ތެރޭގައި، ޝާއިލާ ހަސަންގެ ނަމުގައި އިން މެއިލްއަކަށް ލޯ ހުއްޓުނެވެ.
"ތީ ކާކު ކަން ނޭނގުނަސް، އަހަރެންގެ އެ ފޮޓޯތައް ނެގީ ރަނގަޅު ނިޔަތެއްގައި ނަމަ، އެ އަލްބަމްގައި އިން ހުސް ޖާގަ ފުރައިދޭނެ ދުވަހެއްގެ އިންތިޒާރުގައި ހުރީމެވެ. އެ އަލްބަމްގެ ބޭރުގައި ޖަހާފައި އޮތް ގޮތުން ނަމަ އެއީ އެންމެ ރީތިވި 31 ފޮޓޯ އެވެ. އެހެންވިއްޔާ އަހަރެންގެ އެފަދަ ކިތަންމެ ފޮޓޯއެއް ރާމިޒްގެ އަތުގައި ހުންނާނެ އެވެ. އެ އަލްބަމް އަހަންނަން ލިބުނުތާ މިއަދަށް މިވީ ބަރާބަރު އަހަރު ދުވަހެވެ. ކޮންމެ ދުވަހަކު އަހަރެން އެ ފޮޓޯތައް ބަލަމެވެ. އެ ފޮޓޯތަކާ މުޚާތަބުކޮށް ވާހަކަ ދައްކަމެވެ. ފޮޓޯ ނެގި މީހާ ޖަވާބެއް ދޭނެ ކަމުގެ އުންމީދުގަ އެވެ. ޖަވާބެއް ނުލިބުނަސް އެ ފޮޓޯތަކަކީ އަހަރެންގެ ހަޔާތުގެ އެއް ބައެވެ. ހަމަ ލޮލުން ވެސް ނުވަތަ ކެމެރާއެއްގެ ލެންސް ތެރެއިން ވެސް ތިހާ ގިނައިން އަހަރެންނަށް ބެލި އިތުރު ފިރިހެނަކު ނުހުންނާނެ އެވެ. އެ އަލްބަމްގައި ޖަހާފައި އޮތް އެފްބީ އެޑްރެހުން ރާމިޒްގެ ޕޯސްޓްތައް ކޮންމެ ދުވަހަކު ކިޔަމެވެ. ހުރިހާ ފޮޓޯތަކެއް ބެލީމެވެ. އެތައް ހާސް ފޮޓޯއެއް ހުރި އިރު، އަންހެން ކުއްޖެއްގެ އެންމެ ފޮޓޯއެއް ވެސް ނުދެކެމެވެ. ނަމަވެސް އަހަރެންގެ ފޮޓޯތަކެއް ރާމިޒް ނެގުމުގެ ސިއްރަކީ ކޮބައިކަމެއް ނޭނގުނެވެ. ފަހަރެއްގައި އެއީ ރާމިޒްގެ އަމިއްލަ އުފަލަކަށް ނެގި ފޮޓޯތަކެއް ކަމަށް ވެސް ވެދާނެ އެވެ. އަދި ރާމިޒަކީ އެހެން މީހެއްގެ މިލްކެއް ކަމުގައި ވެސް ވެދާނެ އެވެ. އެހެން ކަމަށްވާ ނަމަ، މައާފް ކުރަމުން މި މެއިލް ޑިލީޓް ކޮށްލާށެވެ. އެ އަލްބަމް ފުރައިލަ ދޭން ބޭނުން ނަމަ، އަންނަ ހޯމަ ދުވަހުގެ ރޭ އެމިރޭޓްސް ފްލައިޓް ޖައްސާ ގަޑީގައި އެއާޕޯޓުން ދިމާވާނެ ކަމަށް އުންމީދު ކުރަމެވެ. ބައްޕަމެންނަށް ނާންގައި މި ދަނީ ސަޕްރައިޒެއް ދޭކަށް ނޫނެވެ. ބާކީ އޮތް ފޮޓޯގަނޑު ނެގިދާނެ ކަމުގެ އުންމީދުގަ އެވެ." އެ މެއިލް ކިޔުނީ ކިތައް ފަހަރު ކަމެއް ރާމިޒަށް ވެސް ނޭނގެ އެވެ. (ނިމުނީ)