09 ޑިސެމްބަރ 2017 - 16:25

މާދަމާއިން ފެށިގެން ސުޕްރީމް ކޯޓު ރިސެސް އަށް ދާން ނިންމައިފި އެވެ.
މާދަމާއިން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށް އެ ކޯޓުން ބުންޏެވެ. ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގަ އެވެ.
ކޯޓު ރިސެސްގައި އޮންނަ މުއްދަތުގައި ޚާއްސަ ހާލަތެއް ނެތް ނަމަ، އާންމު އުސޫލުން އެއްވެސް ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާނެ އެވެ. އެކަމަކު މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް އާންމު އުސޫލުން ގެންދާނެ އެވެ.
ސުޕްރީމް ކޯޓު މާދަމާ އިން ފެށިގެން ރިސެސް އަށް ދާން ނިންމި އިރު ސިވިލް ކޯޓާއި ޖުވެނައިލް ކޯޓު މިހާރު ވެސް އޮތީ ރިސެސްގަ އެވެ. އެ ދެ ކޯޓުގެ ރިސެސް ނިމޭނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ރިސެސްގައި އޮތް ނަމަވެސް ސިވިލް ކޯޓުން ދަނީ ބައެއް މައްސަލަތަކުގެ ޝަރީއަތް ބާއްވަމުންނެވެ.
ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހަކީ ހައި ކޯޓުގެ ވެސް ރިސެސް މުއްދަތެވެ. އެކަމަކު މިފަހަރު ރިސެސްގެ މުއްދަތުގައި އެ ކޯޓުން ޝަރީއަތްތައް ދަނީ ހިންގަމުންނެވެ. ކްރިމިނަލް ކޯޓުގެ ރިސެސް އަދި ނުފެށެ އެވެ.