ދަރިން ނުލިބޭތީ ކުދިން އެޑޮޕްޓްކުރަނީ؛ މިހާރު 51 ކުދިން
ދަރިން ނުލިބޭތީ ކުދިން އެޑޮޕްޓްކުރަނީ؛ މިހާރު 51 ކުދިން

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ދެމަފިރިއެއް ކަމަށްވާ މީނާ ރާނާ އާއި ވިރެންދުރަ ރާނާ އަކީ ދަނޑުވެރި ދެމަފިރިންނެވެ. އުމުރުން މިހާރު 50 އިން މައްޗަށް ގޮސްފައިވާ މި މީހުންގެ ކައިވެންޏަށް 10 ވަރަކަށް އަހަރުވީ އިރުވެސް ދަރިއަކު ނުލިބެ އެވެ. އެހެންވެ ކުރި ޓެސްޓްތަކުން، މީނާގެ ރަހިމުގައި ވަރަށް ވަރުގަދަ ޓިއުމަރެއް އިންކަން އެނގުނެވެ.

ޓިއުމަރު ނަގަން ހޯދި ފަރުވާތަކަށް ފަހު ދަރިއަކު ނުލިބޭނެ ކަމަށް ޑޮކްޓަރުން ބުންޏެވެ. އެހެންވެ 1990 ވަނަ އަހަރު އެމީހުން ވަނީ އެއްލާލާފައި އޮއްވައި ހޮވި ފިރިހެންކުއްޖަކު އެޑޮޕްޓްކޮށްފަ އެވެ. އެއް އަހަރުގެ މި ކުއްޖާއަށް އެމީހުން ކީ މަންގަރަމް އެވެ.

އޭގެ ފަސް އަހަރު ފަހުން އެ ކުއްޖާ މަރުވި ނަމަވެސް އަޅާލާނެ މީހަކު ނެތް ކުދިން ހޯދައިގެން ގެނެސް ބެލުމަކީ މި ދެމަފިރިންގެ އުފަލަކަށް ހެދި އެވެ.

މީނާ ބުނި ގޮތުގައި އޭނާ ބަލަން ހަވާލުވާ ކުދިންނަކީ ކޮން ދީނެއްގެ ކޮން ވައްތަރެއްގެ ކުދިންނެއްތޯ ވެސް އޭނާ ނުބަލަ އެވެ. އޭނާއަށް އެ ކުއްޖަކު ބަލަން ހަވާލުވާ ހިސާބުން އެއީ އޭނާގެ އަމިއްލަ ދަރިއެއް ކަމަށް މީނާގެ ދެމަފިރިން ގަބޫލު ކުރެ އެވެ. އަދި އެކުދިންނަށް ތައުލީމު ދިނުމަށް ސަމާލުކަން ދެ އެވެ.

މި ދެމަފިރިން ކުދިން އެޑޮޕްޓްކުރާތާ 30 އަހަރު ފާއިތުވީއިރު 51 ކުދިން އެބަތިއްބެވެ. އޭގެ ތެރެއިން މިވަގުތު އެމީހުންގެ ކައިރީގައި ތިބީ 46 ކުދިންނެވެ. ދެން ތިބި ކުދިން ވަނީ ކިޔަވައި ނިމި ވަޒީފާ ހޯދައިގެން ކައިވެނިކޮށް އެހެން ހިސާބުތަކަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

މިހާރު ކައިރީގައި ތިބީ 19 އަންހެން ކުދިންނާއި 27 ފިރިހެން ކުދިންނެވެ. މީގެ ތެރެއިން ގިނަ ކުދިންނަކީ ކޮންމެވެސް ނުކުޅެދުންތެރިކަމެއް ހުރި ކުދިންނެވެ.

ހެޔޮއެދޭ މީހަކު ހަދިޔާކުރި ބިމެއްގައި އެ ދެމަފިރިން މިހާރު ވަނީ ޔަތީމުޚާނާއެއް ހުޅުވައިފަ އެވެ. މިތަނުގެ ތެރޭގައި ކުޑަކުޑަ ސްކޫލެއް ވެސް ހުރެ އެވެ. އަދި ބަދިގެ އާއި ކުޅޭ ސަރަހައްދެއް ވެސް އޮވެ އެވެ.

ވިރެންދުރަ ބުނި ގޮތުގައި ކުދިން ބަލަހައްޓަނީ އެކި ފަރާތުން ދޭ ޚައިރާތުންނެވެ. އަދި އަވަށްޓެރިން ކާނާ އާއި އެހެނިހެން ސާމާނު ވެސް ހަދިޔާކުރެ އެވެ.

މި ދެމަފިރިން ގެންގުޅުނު ކުދިންގެ ތެރެއިން މަމްތާ، 22، އަކީ މިހާރު ޑިސްޓްރިކްޓް ކޮލެޖެއްގައި ޕޯސްޓް ގްރެޖުއޭޝަނަށް ކިޔަވާ ދަރިވަރެކެވެ. މަމްތާ ބުނި ގޮތުގައި އޭނާގެ މައިންބަފައިންގެ ގޮތުގައި މިއަދު ދެކޭ މި ދެމަފިރިން އޭނާއާ ހަވާލު ނުވި ނަމަ މިއަދު އޭނާ އުޅޭނެ ހާލެއް ވިސްނާލަން ވެސް ނޭނގެ އެވެ. އަދި އޭނާގެ މުޅި ހަޔާތު އެ ދެމަފިރިންނަށް ގުރުބާން ކުރިޔަސް ނުފުދޭނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.