10 ޑިސެމްބަރ 2017 - 06:37

އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ބޭއްވި ކައިވެނީގެ ހަފުލާއެއްގެ ތެރެއިން، އަންހެންމީހާ އޭނާގެ ލޯބިވެރިޔަކާ އެކު ދުވެ ފިލައިފި އެވެ.
ފައްޅިއެއްގައި މި ކައިވެނީގެ ރަސްމިއްޔާތު ކުރިޔަށް ދިޔައިރު އަންހެންމީހާ ހުރީ މޫނު މައްޗަށް ފޮތިގަނޑެއް ވައްޓާލައިގެންނެވެ. ކައިވެނިކޮށްދީ ނިންމާލުމުގެ ގޮތުން އަނބި ގަބޫލުކުރަންތޯ، ކައިވެނި ކޮށްދޭ މީހާ ސުވާލު ކުރުމުން ފިރިހެން މީހާ އާނއެކޭ ބުންޏެވެ.
ފިރި ގަބޫލުކުރަންތޯ އަންހެންމީހާއާ ސުވާލުކުރި އެވެ. ދެތިން ފަހަރު ސުވާލު ކުރިއިރު ވެސް އެމީހާ އެއްޗެކޭ ނުބުނެ ހުރުމަށްފަހު ކައިވެނި ކުރަން ބޭނުމެއް ނޫނޭ އަންހެންމީހާ ބުންޏެވެ. އަދި މޫނުމައްޗަށް ވައްޓާލާފައި އޮތް ފޮތިގަނޑު ދަމައިގަނެ ފިރިހެންމީހާގެ އަތަށް ދީފައި ލޯބިވެރިޔާގެ އަތުގައި ހިފައިގެން އަންހެންމީހާ ނުކުމެގެން ދިޔައީ އެވެ.
އެހިސާބުން ދެ ފަރާތުގެ އާއިލާގެ މެދުގައި ވަރުގަދަ ޒުވާބެއް ވެސް ހިނގި އެވެ. ފިރިހެންމީހާގެ އާއިލާއިން ތުހުމަތު ކުރި ގޮތުގައި އަންހެންމީހާގެ ލޯބިވެރިޔަކު ހުރެ އަދި އޭނާ އެ ކައިވެންޏަށް ނުގަބޫލުއިރު ވެސް އޮޅުވާލައިގެން އާއިލާއިން އެ ކައިވެނި ކުރުވަން އުޅުނީ އެވެ. އަދި ކައިވެނީގެ ރަސްމިއްޔާތު ކުރިޔަށް ދިޔައިރުވެސް އެމީހުން އެކަން ސިއްރުކޮށްގެން ތިބިކަމަށް ފިރިހެންމީހާގެ އާއިލާގެ މީހުން ބުނަމުން ދިޔަ އެވެ.