10 ޑިސެމްބަރ 2017 - 06:35

އީރާނުގެ، އުމުރުން 19 އަހަރުގެ ސަހަރް ތާބަރް މިދިޔަ ހަފުތާގައި ސޯޝަލް މީޑިއާގައި މަޝްހޫރު ވެގެން ދިޔަ އެވެ. އެންޖެލީނާ ޖޮލީއާ އެއްވައްތަރުވާން ވެގެން 50 ސާޖަރީ ހެދި ކަމަށް އޭނާ ބުނެ ޕޯސްޓް ކުރި ފޮޓޯތަކެއްގެ ވައިރަލްވެ އޭނާ މަޝްހޫރުވުމުގެ ސަބަބަކަށްވީ ސިފަ ގެއްލި "ޒޮމްބީ" އެއް ގޮތަށް ހުރުމެވެ. އެކަމަކު މިހާރު އޭނާ ބުނަނީ އެއީ ބޮޑު ދޮގެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ފޮޓޯތަކަކީ އަސްލު ފޮޓޯތަކެއް ނޫން ކަމަށާއި އެއީ މޭކަޕާއި ފޮޓޯޝޮޕް ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯތަކެއް ކަމަށް ވަނީ ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި އެއީ މަޖަލަކަށް ކުރި ކަމެކެވެ.
ސަހަރް ބުނި ގޮތުގައި އެއީ ވެސް ފާޑެއްގެ އާޓެކެވެ. ކޮންމެ ފަހަރަކު މޫނަށް ވައްތަރެއް ޖައްސާލާފައި ފޮޓޯއެއް ނަގާއިރަށް އޭނާއަށް ވަރަށް މަޖާވެ އެވެ. އެހެންވެ އަމިއްލައަށް އެކި ވައްތަރު ޖައްސާފައި ފޮޓޯ ނަގަމުން ގޮސް މޭކަޕްކޮށްގެން ސިފަ ބަދަލުކޮށްގެން ފޮޓޯ ނަގައި އަދި ފަހުން ފޮޓޯޝޮޕުން ވެސް ފޮޓޯތަކަށް ބަދަލު ގެނައީ އެވެ.
ސަހަރްގެ އަސްލު ފޮޓޯތަކެއް ވެސް މިހާރު އިންޓަނެޓްގައި ދައުރުވަމުންދާއިރު އެ ފޮޓޯތަކުން އޭނާގެ އަސްލު ސޫރަ ވަނީ ފެނިފަ އެވެ. އަދި އިންޓަނެޓުގައި މަޝްހޫރުވާން ވެގެން އޭނާ ޝެއާ ކޮށްފައިވާ ފޮޓޯތަކަށް ވުރެ ހަގީގަތުގައި ސަހަރްގެ ސިފަ މާ ރީތިކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.