09 ޖުލައި 2016 - 08:04

"ސީކްރެޓް ކޮންވަޒޭޝަން"ގެ ނަމުގައި ފޭސްބުކްގައި ވެސް ތިން ވަނަ ފަރާތަކަށް ނޭނގޭ ގޮތަށް ޗެޓްކުރެވޭނެ "އިންޑް-ޓު-އިންޑް" އެންްރިޕްޝަން ހިމަނައިފި އެވެ.
އެންކްރިޕްޓް ކޮށްފައިވާ އެއްޗެއް ކިޔަން އެނގޭނީ އެ މެސެޖެއް ފޮނުވި މީހާ އާއި ލިބެންޖެހޭ މީހާ އަށް އެކަންޏެވެ. އެހެންވެ ފާރަލައިގެން ބަލަން ބޭނުން ވިޔަސް މީގެ ފަހުން ފޭސްބުކްގައި ދައްކާ ވާހަކަ އިންޓަސެޕްޓް ކޮށް ބެލުމުގެ ގާބިލްކަން ތަންފީޒީ އިދާރާތަކަކަށް ވެސް ނޯންނާނެ އެވެ.
ފޭސްބުކުން ބުނީ މި ހިދުމަތް މިހާރު ދޭން ފަށާފައިވާ ކަމަށާއި އެކަމަކު އަދި އެންމެންނަށް ލިބެން ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. މިހާރު ދަނީ މަޑުމަޑުން، ކަނޑައެޅޭ ވަކި އަދަދެއްގެ މީހުންނަށް ކޮންމެ ދުވަހަކު ވެސް ހިދުމަތް ދެމުންނެވެ.
ސިއްރު ޗެޓްގެ ވާހަކަ އަކީ ދާދި ފަހުން ގަދަވެގެން އުޅޭ އަޑެކެވެ. ޕްރައިވެސީގެ މައްސަލަތައް ބޮޑުވެ އެކަމަށް މީހުން ދޭ ސަމާލުކަން އިތުރުވެގެން ދިއުމާ އެކު، ޗެޓް އެޕްލިކޭޝަންތަކުގައި ވަނީ މި ފީޗާ ހިމަނަން ފަށައިފަ އެވެ. އެގޮތުން ފޭސްބުކްގެ އެޕްލިކޭޝަނެއް ކަމަށްވާ ވަޓްސްއެޕް އަކީ ޕްރައިވެސީ ރަނގަޅު ކަމަށް މަޝްހޫރު އެޕެކެވެ. އެޕަލްގެ އައިމެސެޖް އާއި ގޫގުލްގެ އަލޯގައި ވެސް މި ރައްކާތެރިކަން ވަނީ ހިމަނައިފަ އެވެ.
ފޭސްބުކް ޗެޓްގައި އެންކްރިޕްޝަން ހިމަނަނީ އިހުތިޔާރީ ކަމެއްގެ ގޮތުގަ އެވެ. މާނަ އަކީ، ބޭނުން ނަމަ އެންކްރިޕްޝަން އޮންކޮށްލެވޭ ގޮތަށް ހުރުމެވެ. މިގޮތަށް އެންކްރިޕްޓް ކުރާ ސީކްރެޓް ޗެޓެއްގައި ނަމަ ޖިފް ފައިލް ފަދަ ބައެއް ކޮންޓެންޓް މަސައްކަތެއް ނުކުރާނެ އެވެ. އެކަމަކު ވަކި ވަގުތެއް ހަމަވުމުން މެސެޖުތައް އަމިއްލަ އަށް ފޮހެވޭ ގޮތް ހެދޭނެ އެވެ.
ފޭސްބުކް މެސެންޖާ ބޭނުންކުރާ އެކްޓިވް މީހުންގެ އަދަދު މިހާރު 900 މިލިއަނަށް ވުރެ ގިނަ އެވެ.