09 ޑިސެމްބަރ 2017 - 12:57

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ ބައްޕަ މުހައްމަދު ހައްސާނަށް، ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ތުހުމަތު ކުރެވުނީ ފުލުހުންގެ ސިސްޓަމަށް އެރި އޮޅުމަކުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްސާނަށް އެހާ ބޮޑު ތުހުމަތެއް ކުރެވުނީ، ފުލުހުންގެ އިންޓްރާ ނެޓްގައި ހުރި ބައެއް މައުލޫމާތުތަކަށް އެރި އޮޅުމަކުން ކަމަށެވެ.
"ސިސްޓަމް އިޝޫއެއް މިއުޅެނީ. އެކަމަކު [މަހްލޫފްގެ ބައްޕަ އަށް] އެހެނިހެން ތުހުމަތުތަކުގައި މައްސަލައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
"މިއީ އާންމުކޮށް ދިމާވާ ކަމެއް ވެސް ނޫން."
އިއްޔެގެ ހުކުރު ނަމާދަށް ފަހު، އިދިކޮޅު ފަރާތްތަކުން އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ދުއާކުރުމުގައި ހުއްޓައި ހައްޔަރުކުރި ހައްސާންގެ މައްޗަށް ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ތުހުމަތުގެ އިތުރުން އެހެން ބައިވަރު ތުހުމަތުތައް ވެސް ފުލުހުން ކުރެ އެވެ.
އޭގެ ތެރޭގައި، ދައުލަތް ހިންގުމުގެ ދާއިރާ އަށް ހުރަސްއެޅުމާއި ތަނަކުން ފިލައިގެން ދިއުމާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެ ހުރި މުވައްޒަފަކަށް ހުރަސްއެޅުމާއި އެފަދަ މުވައްޒަފެއްގެ ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން ހިމެނެ އެވެ.
މީގެ އިތުރުން ހުއްދަ ނެތި ވިޔަފާރިއެއް ހިންގުމާއި ލައިސަންސް ނެތި އިމްޕޯޓްކުރުމާއި ހުއްދަ ނަގަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ތުހުމަތު ވެސް ހިމެނެ އެވެ.
މަހްލޫފުގެ ބައްޕަ ހައްޔަރު ކުރުމަށް ފަހު، ފުލުހުން ތައްޔާރު ކޮށްފައިވާ މައުލޫމާތު ފޯމްގައިވާ ގޮތުން، ދެން ކޮށްފައި ވަނީ އިސްލާމް ދީނާ ދެކޮޅު އަމަލުތައް ހިންގުމުގެ ތުހުމަތެވެ. އޭގެ ދަށުން، ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމާއި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތަކުގެ ވާހަކަ ދެއްކުމުގެ ތުހުމަތުކޮށްފައިވެ އެވެ.
މަހްލޫފްގެ ބައްޕަ އިސްލާމީ މަރުކަޒުގައި ދުއާ ކުރަން ހުއްޓައި އިއްޔެ ހައްޔަރުކޮށްފައިވާއިރު، އިސްލާމީ މަރުކަޒުގައި މީގެ ކުރިން ހައްސާން އިސްވެ ހުރެ ދައުލަތުގެ އިސްވެރިންގެ މައްޗަށް ބަދު ދުއާކުރި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
ހައްސާންގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް މިއަދު މެންދުރު ކްރިމިނަލް ކޯޓަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.