ވިރާޓު-އަނުޝްކާގެ ލޯތްބަކީ ވެސް ފިލްމެއް
ވިރާޓު-އަނުޝްކާގެ ލޯތްބަކީ ވެސް ފިލްމެއް

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓު ކޯލީ އާއި އަނުޝްކާ ޝަރުމާ އަކީ ގިނަ ބައެއްގެ ހިތް އަތުލާފައިވާ ލޯބި ޖޯޑެކެވެ. މި ދެ ތަރިންގެ ލޯބި ފެށިފައިވަނީ 2013 ގައި އެމީހުން އެކުގައި ކެމްޕެއިން އިޝްތިހާރެއް ކުޅުނު ހިސާބުންނެވެ. ރައްޓެހިވެގެން މިހާތަނަށް ހޭދަވި ހަތަރު ވަރަަކަށް އަހަރުގެ ތެރޭގައި ބޮލީވުޑްގެ ލޯބީގެ ފިލްމަކާ މި ދެ ތަރިންގެ ލޯތްބާ ވަރަށް އެއްގޮތެވެ. ރުޅިވުމާއި އަލުން ރައްޓެހިވުން ފަދަ ކަންކަން ގިނަ އެވެ.

އަނުޝްކާ އާއި ވިރާޓު އެކުގައި މަސައްކަތްކުރި ފުރަތަމަ ޓީވީ ކޮމާޝަލްގެ ޝޫޓިންގެ ދުވަސްވަރު އެ މީހުންގެ މެދުގައި ރަނގަޅު އެކުވެރިކަމެއް އުފެދުނެވެ. އަދި އެކުގައި ވަގުތު ހޭދަކުރަން ފެށި އެވެ. ދެން ފެނުނީ އަނުޝްކާގެ ހިތް ފަތަހަ ކުރަން ވިރާޓު މަސައްކަތް ކުރަމުން ދިޔަ ތަނެވެ. އަދި ދެ މީހުން އެކަނި ރޭގަނޑުގެ ކެއުންތަކަށް ގޮސް އުޅެން ފެށި އެވެ.

ރައްޓެހިވެގެން އުޅޭ ކަމަށް މި ދެ މީހުން ވެސް އެންމެ ކުރިން އެއްބަހެއް ނުވެ އެވެ. ނޫސްވެރިން ސުވާލުކުރުމުން ބުނަނީ އެމީހުންގެ މެދުގައި އެކުވެެރިކަން ނޫނީ ނެތް ކަމަށެވެ. ނަމަވެސް ވިރާޓު އެކި ގައުމުތަކަށް ކްރިކެޓް ކުޅެން ގޮސް އުޅޭއިރު އަނުޝްކާ އޭނާއަށް ޒިޔާރަތް ކުރުމާއި އަނުޝްކާ "ބޮމްބޭ ވެލްވެޓް" ކުޅެން ސްރީ ލަންކާއަށް ގޮސް ހުއްޓާ ވިރާޓު އޭނާ ކައިރިއަށް ދިއުމާއި އަދި ފަހުން އަނުޝްކާ "ޕީކޭ"ގެ ޝޫޓިންގައި އުޅެނިކޮށް ވިރާޓު ގޮސް އަނުޝްކާގެ 26 ވަނަ އުފަން ދުވަސް ފާހަގަކުރުން ފަދަ ކަންކަމުން، މި މީހުން ރައްޓެހިވެގެން އުޅޭކަން ނޭނގޭ އެއްވެސް މީހަކު ނެތެވެ.

ސިއްރުން ލޯބީގެ ގުޅުން ބޭއްވުމަށް ފަހު ދެ މީހުން ރައްޓެހިވެގެން އުޅޭ ކަމަށް އެއްބަސްވީ 2014 އޮކްޓޯބަރުގައި އިންޑިއަން ސުޕަ ލީގުގައި ވިރާޓު ކުޅުނު ދުވަސްވަރު އެވެ. އެ އަހަރު ނޮވެމްބަރު މަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ކްރިކެޓް މެޗެއްގެ މެދުތެރެއިން ވިރާޓު ވަނީ މެޗު ބަލަން އިން އަނުޝްކާ އަށް ފްލައިން ކިސް އެއް ފޮނުވާލައިގެން އެމީހުންގެ ލޯތްބަށް އިއުތިރާފުވެފަ އެވެ. އަދި އަނުޝްކާ ވެސް ފަހުން ވަނީ އޭނާ އާއި ވިރާޓު ރައްޓެހިވެގެން އުޅޭކަމަށް ނޫސްވެރިން ގާތު އެއްބަސްވެފަ އެވެ.

އެހެނިހެން ލޯބިވެރިން ފަދައިން އަނުޝްކާ އާއި ވިރާޓުގެ ލޯބީގައި ވެސް ތަފާތު މައްސަލަތައް ޖެހި ބައެއް ފަހަރަށް އެމީހުން ރުޅިވެފައިވެ އެވެ ނަަމަވެސް މާ ގިނަ ދުވަހެއް ނުވެ އަނެއްކާވެސް ރައްޓެހިވަނީ އެވެ. އެގޮތުން ފޯނުން އެ ދެ މީހުން ވީ އަރާރުމެއްގެ ވާހަކަ ވެސް ވަރަށް މަޝްހޫރުވި އެވެ. އެއީ މިދޔަ އަހަރުގެ ފެބްރުއަރީގައި ކައިވެނި ކުރަން އަނުޝްކާ އެއްބަސްނުވުމުން ހިނގި އަރާރުމެކެވެ.

އޭރު ވިރާޓު ބޭނުންވީ އޭނާއާ ކައިވެނި ކޮށްގެން އަނުޝްކާ ބޮލީވުޑް ދޫކޮށްލާށެވެ. ނަމަވެސް އަނުޝްކާއަށް އެކަމަކާ އެއްބަހެއް ނުވެވުނެވެ. އެކަމާ އަރާރުން ވަމުން ދަނިކޮށް އަނުޝްކާ އަށް ސަލްމާން ޚާނާ އެކު "ސުލްތާން" ކުޅެން ލިބުނެވެ. އެ ފިލްމު ކުޅެން އަނުޝްކާ ސޮއިކުރީ ވިރާޓުގެ ކައިވެނީގެ ޕްރޮޕޯޒަލަށް ޖަވާބެއް ނުދީ އެވެ. މިކަމާ ވެސް ދެ މީހުންގެ މެދުގައި ވަރަށް މައްސަލަ ހޫނުވި އެވެ.

ނަމަވެސް "ސުލްތާން" ރިލީޒްވެ ފިލްމަށް ލިބުނު ކާމިޔާބީގެ އުފަލުގައި ސަލްމާން ބޭއްވި ޕާޓީއަކުން އަނެއްކާވެސް އަނުޝްކާ އާއި ވިރާޓު އަތުގުޅާލައިގެން ތިއްބާ ފެނުނެވެ. އޭރު ވެސް ކައިވެންޏަށް ޕްރެޝަރު ކުރުން ވިރާޓު ހުއްޓައެއް ނުލަ އެވެ. ނަމަވެސް އަނުޝްކާ ބޭނުންވީ ކެރިއަރަށް ފޯކަސް ކުރާށެވެ. އަނެއްކާ ދެ މީހުންގެ މެދުގައި ޒުވާބު ހޫނުވެގެން ގޮސް އެންމެ ފަހުން އެކަކު އަނެކަކާ އަބަދަށްޓަކައި ވަކިވާން މި ދެ ތަރިން ނިންމި އެވެ. މިކަން ޔަގީންވީ އިންސްޓަގްރާމްގައި ދެ މީހުން އެކަކު އަނެކަކު އަންފޮލޯ ކުރި ހިސާބުންނެވެ.

މިދިޔަ އަހަރު ތެރޭ ދެ މީހުން ރުޅިވި ނަމަވެސް އަހަރު ނުނިމެނީސް އަނެއްކާވެސް ގުޅުނެވެ. މިދިޔަ ޑިސެމްބަރު މަހު އޮތް، ކްރިކެޓް ކުޅުންތެރިޔާ ޔޫވްރާޖް ސިންގް އާއި ހޭޒަލް ކީޗްގެ ކައިވެނީގެ ރަސްމިއްޔާތަށް މި ދެ ތަރިން ދިޔައީ އަނެއްކާވެސް އަތު ގުޅާލައިގެންނެވެ. އޭގެ ފަހުން ވެލަންޓައިން ޑޭގައި ވެސް ވިރާޓު ވަނީ އަނުޝްކާ އާއި އޭނާގެ ފޮޓޯއެއް ޓުވީޓްކޮށްފަ އެވެ. އަނުޝްކާއާ އެކު ހޭދަކުރާ ކޮންމެ ދުވަހަކީ ވެސް ލޯބިވެރިންގެ ދުވަހެއް ކަމަށް ވިރާޓު ބުނެފައިވެ އެވެ. އަދި މި އަހަރުގެ އަންހެނުންގެ ދުވަހު ވިރާޓު ވަނީ އޭނާގެ މަންމަ އާއި އަނުޝްކާ އެކުގައި ނަގާފައިވާ ފޮޓޯއެއް ޓުވީޓްކޮށްފަ އެވެ. އެއީ އޭނާގެ ހަޔާތުގެ އެންމެ މުހިއްމު ދެ އަންހެނުން ކަމަށް މި ފޮޓޯގެ ކެޕްޝަނަކަށް ވިރާޓު ލިޔެފައިވެ އެވެ.

އޭގެ ފަހުން ދެ މީހުން އެންގޭޖްވި ކަމުގެ ޚަބަރުތަކެއް ވެސް ފެތުރުނެވެ. ނަމަވެސް އެއީ ދޮގެއް ކަމަށް ބުނެ ވިރާޓުު ފަހުން ޓުވީޓްކުރި އެވެ.

މިހާރު އިވޭ ގޮތުގައި ކުރިޔަށް އޮތް ހަފުތާގެ ތެރޭގައި ވިރާޓު އާއި އަނުޝްކާ އިޓަލީގައި ކައިވެނި ކުރަން ވަނީ ހަމަޖެހިފަ އެވެ. ދެ ފަރާތުގެ ތަރުޖަމާނުން އަންނަނީ މި ވާހަކަ ދޮގު ކުރަމުންނެވެ. ނަމަވެސް އިންޑިއާގެ ނޫސްތަކުން ބުނަނީ މި ކައިވެނި ކުރާނެ ކަމުގެ ހުރިހާ ނިޝާނެއް އެބަ ފެންނަ ކަމަށެވެ.