10 ޑިސެމްބަރ 2017 - 06:39

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކެޕްޓަން ވިރާޓު ކޯލީ އާއި ފިލްމީ ތަރި އަނުޝްކާ ޝަރުމާގެ ކައިވެނި ޑިސެމްބަރު 12 ވަނަ ދުވަހު އިޓަލީގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. ބައެއް ރިޕޯޓްތައް ބުނަނީ ކައިވެނި ކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު 18 ގައި ކަމަށެވެ. ނަމަވެސް ވިރާޓު އާއި އަނުޝްކާގެ ތަރުޖަމާނުން އަދިވެސް ބުނަނީ މިއީ ދޮގެއް ކަމަށެވެ.

އިންޑިއާ ޓުޑޭ އަށް މައުލޫމާތު ދިން ވިރާތު އާއި އަނުޝްކާގެ ގާތް މީހަކު ބުނެފައިވަނީ މި ކައިވެނި އިންޑިއާގެ ބާންޑްރާ ފެމެލީ ކޯޓުގައި ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ރެޖިސްޓްރޭޝަން ފޯމްތައް އަނުޝްކާ ނަގާފައިވާ ކަން ވެސް އޭނާ ޔަގީން ކޮށްދިނެވެ.
މި ކައިވެނި އިޓަލީގައި ކުރަން ތައްޔާރުވާ ކަމުގެ ހެކިތައް މިހާރުވެސް ދަނީ ފެންނަމުންނެވެ. އެގޮތުން އަނުޝްކާ ވަނީ އޭނާގެ އާއިލާގެ އެންމެންނާއި އާއިލާގެ މީހުންގެ ކައިވެނިކޮށްދޭ ޕަންޑިތު މީހާ ގޮވައިގެން އިޓަލީ އަށް ފުރައިފަ އެވެ. އަދި ޑިސެމްބަރު މަހު ސްރީ ލަންކާއާ އެކު ކުޅޭ ޓެސްޓް ސީރީޒްގައި ވެސް ނުކުޅެ ވިރާޓު ވަނީ ޗުއްޓީ ނަގައިފަ އެވެ. އޭނާ ޗުއްޓީ ނެގީ އަމިއްލަ ކަމަކަށް ކަމަށް ބުނެ އެވެ. އަދި މިހާރު ވިރާޓު ވެސް ވަނީ އިޓަލީގަ އެވެ.
ވިރާޓުގެ އާއިލާގެ މީހުންނާއި ގާތް އެކުވެރިން ވެސް މިލާނަށް ދާން މިހާރު ޓިކެޓް ނަގައި ފުރަން އަންނަނީ ތައްޔާރުވަމުން ކަމަށް އިންޑިއާ ޓުޑޭގައިވާ ބުނެފައިވެ އެވެ. އަދި އަނުޝްކާގެ ބައްޕަ އޭނާގެ ބައެއް އަވައްޓެރިންނަށް ވެސް މި ކައިވެނީގެ ދައުވަތު ފޮނުވާފައިވާ ކަމަށްވެ އެވެ.
މިދިޔަ އަހަރު އަނުޝްކާ ދީފައިވާ އިންޓަވިއުއެއްގައި އޭނާ އާއި ވިރާޓުގެ ކައިވެނި ވަރަށް އަވަހަށް ކުރަން ހަމަޖެހިފައިވާ ކަން ޔަގީން ކޮށްދީފައި ވެ އެވެ. ނަމަވެސް މިހާރު މިކަން މިހާ ބޮޑަށް ސިއްރުކޮށްގެން އުޅެނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ފަހަރެއްގައި ރާނީ މުކަރުޖީ އާއި އަދިތުޔާ ޗޯޕްރާގެ ކައިވެނި ގޮތަށް ހަމައެކަނި އާއިލާގެ މީހުންގެ ހާޒިރުގައި ހަމަހިމޭން މާހައުލެއްގައި ކައިވެނިކުރަން ބޭނުންވާތީ ކަމަށް ވެދާނެ އެވެ.