ރޮނާލްޑޯ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ: ޒިދާން
ރޮނާލްޑޯ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ: ޒިދާން

މެޑްރިޑް (ޑިސެމްބަރު 9) – ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ކަމަށް ރެއާލް މެޑްރިޑުގައި އޭނާ އަށް ކޯޗުކޮށްދޭ ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ރޮނާލްޑޯ ވަނީ ބެލޮންޑިއޯ އެވޯޑް ބުރާސްފަތި ދުވަހުގެރޭ ކާމިޔާބުކޮށް، އެ އެވޯޑް ފަސް ފަހަރު ހާސިލްކޮށް ލިއޮނަލް މެސީ ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. އެކަމަކު އަދިވެސް އެއް ބަޔަކު ދެކޭ ގޮތުގައި ޑިއޭގޯ މަރަޑޯނާ އާއި ޕެލޭ އަދި މެސީގެ ފެންވަރަށް ރޮނާލްޑޯ ނުދެ އެވެ.

"ތަފާސްހިސާބުތައް ހެކިދޭ. އޭނާ އަކީ ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިއާ. އަހަންނަށް ވުރެ އެތައް ތަނެއް ކްރިސްޓިއާނޯ ރޮނާލްޑޯ މޮޅު. އެކަމަކު އަހަރެން އެކަމާ ކަންބޮޑެއްނުވޭ. ސަބަބަކީ އަހަރެން ވެސް ކާމިޔާބު ކެރިއަރެއް ހޭދަކޮށްފައިވާތީ،" ޒިދާން ބުންޏެވެ.

އުމުރުން 32 އަހަރުގެ ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑަށް 2009 ވަނަ އަހަރުން ފެށިގެން 412 މެޗު ކުޅެދީ 418 ގޯލް ޖަހައިދީފަ އެވެ. އޭނާ ވަނީ އެ ޓީމަށް ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ އަދި ސްޕެނިޝް ލީގު ދެ ފަހަރަށް ކާމިޔާބުކޮށްދީފަ އެވެ.