ދެކުނު އޭޝިއާ ފެޑެެރޭޝަނުގެ އިސް މަގާމަކަށް މޫސަ
ދެކުނު އޭޝިއާ ފެޑެެރޭޝަނުގެ އިސް މަގާމަކަށް މޫސަ

ދެކުނު އޭޝިއާގެ ބެޑްމިންޓަން ފެޑެރޭޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އައްޔަންކޮށްފި އެވެ.

ދެކުނު އޭޝިއާ ފެޑެރޭޝަނުގެ ރައީސަކީ އިންޑިއާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް ޑރ. ހިމަންތާ ބިސްވާ ޝަރްމާ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ވަނީ މި ފެޑެރޭޝަނުގެ ފުރަތަމަ ބައްދަލުވުން އިންޑިއާގެ ގުވަހާޓީގައި ބާއްވައިފަ އެވެ.

މީގެ އިތުރުން މޫސަ އަންނަނީ ދުނިޔޭގެ ބެޑްމިންޓަންގެ މައި އިދާރާ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ކައުންސިލުގެ މެމްބަރެއްގެ މަގާމު ވެސް ފުރުއްވަމުންނެވެ. އަދި އޭނާ އަކީ ބެޑްމިންޓަން އޭޝިއާ ޑިވެލޮޕްމެންޓް ކޮމިޓީގެ ޗެއާމަން ވެސްމެ އެވެ.

މޫސަ ވިދާޅުވީ މި ސަރަހައްދަށް ހާއްސަ ބެޑްމިންޓަން ފެޑެރޭޝަނެއް އުފެދުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަަމަށެވެ.

"މި ފުރުސަތުގައި އަހަރެން ވަރަށް ބޮޑަށް ޝުކުރުއަދާކުރަން ބޭނުން މިކަމުގައި އެހީތެރިވެދިން ހުރިހާ ފަރާތަކަށް. ހާއްސަކޮށް ބެޑްމިންޓަން އޭޝިއާ އާއި އިންޑިއާގެ ބެޑްމިންޓަން އެސޯސިއޭޝަނަށް ޝުކުރުއަދާކުރަން މި ހުވަފެން ހަގީގަތަކަށް ހަދައިދިނުމުގައި އެހީތެރިވެދިނީތީ،" މޫސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލިބުނު މި ފުރުސަތުގެ ބޭނުން ހިފައި މި ސަރަހައްދުގެ ބެޑްމިންޓަން އެހެން ލެވެލަކަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކުރިން ގައުމީ ޓީމަށް ކުޅުއްވި މޫސަ ފާއިތުވި 10 ވަރަކަށް އަހަރު ފެނިފައިވަނީ ބެޑްމިންޓަންގެ އިދާރީ ބައިންނެވެ. މޫސަ ވަނީ މިދިޔަ އަހަރު މެއި މަހު ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނާ ހަވާލުވުމަށް ފަހު މޫސަ އަންނަނީ ސަރަހައްދީ ފެންވަރުގައި ދިވެހި ބެޑްމިންޓަން ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މޫސަ ވަނީ އޭނާގެ ދައުރުގައި ގިނަ ގައުމުތަކަށް ހުޅުވާލައިގެން ރާއްޖޭގައި ބެޑްމިންޓަން ޗެލެންޖްގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ބާއްވައިފަ އެވެ.