ރިޔާސީ ކެންޑިޑޭޓް ކޮބައިތޯ އަހަން ޖެހުމަކީ ރައީސްގެ އެންމެ އަނިޔާވެރި ސިފަ: އަލީ ނިޒާރު
ރިޔާސީ ކެންޑިޑޭޓް ކޮބައިތޯ އަހަން ޖެހުމަކީ ރައީސްގެ އެންމެ އަނިޔާވެރި ސިފަ: އަލީ ނިޒާރު

އިދިކޮޅު ފަރާތްތަކުން ނެރޭ ރިޔާސީ ކެންޑިޑޭޓް ކޮބައިތޯ ރައްޔިތުން ވަރަށް ގިނައިން ސުވާލުކުރާ ކަމަށާއި އެހެން އަހަން ޖެހުމަކީ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަނިޔާވެރި ސިފަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ފ. މަގޫދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އިދިކޮޅު ޕާޓީތަކުގެ ވެރިން ކޮންމެ ރަށަކަށް ދިޔަޔަސް، އެންމެން ވެސް ސުވާލު ކުރަނީ ރިޔާސީ ކެންޑިޑޭޓު ކޮބައިތޯ ކަމަށެވެ.

ގުޅިފައިވާ ހަތަރު ޕާޓީގައި ވެސް ގިނަ ބަޔަކު ލޯބިވާ ލީޑަރުން ތިއްބެވި ނަމަވެސް، ރައްޔިތުން އެ ސުވާލު ކުރަން ޖެހުމަކީ ރައީސް ޔާމީންގެ އެންމެ އަނިޔާވެރި ސިފަ ކަމަށާއި މި ވާހަކަތައް ދައްކަން، އިލްމީ ބަހުސްއަކަށް ދާކަށް ނުވަތަ މާމޮޅު މީހަކަށް ވާން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ހޮޅުއަށިތަކުގައި ވެސް ދެއްކޭނެ، ފަސޭހައިން ދޭހަވާނެ ފަދަ ވާހަކައެކެވެ.

އިދިކޮޅު ކޮންމެ މީހަކު ލަނީ ޖަލަށް ކަމަށް ވިދާޅުވެ ނިޒާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ބައްޕަ މުހައްމަދު ހައްސާން ހައްޔަރުކުރުމާ ގުޅިގެން ފާޑު ވިދާޅުވެފަ އެވެ. ނިޒާރު ވިދާޅުވީ އިދިކޮޅު ފަރާތްތަކާމެދު ސަރުކާރުން މިހާރު އަމަލު ކުރަނީ "ދަރި އަތުނުޖެއްހިއްޖެ ނަމަ ބައްޕަ ނަގާ ޖަލަށް ނުވަތަ ބައްޕަ އަތު ނުޖެހުނީމައި ދަރި ޖަލަށް" ލާގޮތަށް ކަމަށެވެ.

ހައްސާން ހައްޔަރު ކުރީ މިހާރު ސްރީ ލަންކާގައި ހުންނެވި މަހުލޫފް އަތުނުޖެހުމުން ކަމަށާއި ހަމައެގޮތަށް ރިޝްވަތުގެ ތުހުމަތުގައި، މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހައްޔަރު ކުރީ، އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަތުނުޖެހުމުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިއީ ގާނޫނީ ހަމަތަކުގެ މަތިން ރައީސަކު ކުރައްވާނެ ކަމެއް ނޫން ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

އޭނާ ރައީސްގެ ތަރައްގީގެ ސިޔާސަތަށް ވެސް ފާޑު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަށްރަށް ތަރައްގީ ކުރުމުގެ ވިސްނުމާ ރައީސް ޔާމީން ދުރެވެ. ކަމަށާއި މާލެ ތަރައްގީ ކުރުމަށް އެ މަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތަކަކީ އެހެން ރަށްރަށާ މެދު ވެވަޑައިގަންނަވާ ބޭއިންސާފެއް ކަމަށާއި ރަށްރަށުގެ މީހުންނާ މެދު ރައީސް ޔާމީން ގެންގުޅުއްވަނީ، ދިރިއުޅެން އުނދަގޫ ސިޔާސަތެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން އެ މަނިކުފާނުގެ ވިސްނުންފުޅަކީ ދިިރިއުޅޭ ރަށް ދޫކޮށްފައި، އެންމެން ކުލި ދައްކައިގެން މާލޭގައި ދިރިއުޅެން އައުން ކަމަށާއި ގައުމަށް ލިބޭ އާމްދަނީއަށް ނުބަލައި، ދަރަނިކުރުވައިގެން މާލޭގައި ކުރާ މަސައްކަތްތަކަކީ ރަށްރަށުގެ ރައްޔިތުންނަށް ވާ ބޭއިންސާފެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ރައްޔިތުން ގަންނަ ކޮންމެ އެއްޗަކުން ޓެކްސް ނަގާއިރު އެ ފައިސާއިން ރަށްރަށުގެ ނަރުދަމާ އާއި ބޯފެން ގާއިމުނުކޮށްދީ، އަދި މާލޭގެ ރައްޔިތުން ދަރަނިކުރުވައިގެން ހިންގާ މަޝްރޫއުތަކަކީ ވެސް ރައްޔިތުންނަށް ވާ ބޭއިންސާފެއް ކަމަށް ނިޒާރު ވިދާޅުވި އެވެ.