ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ އިސް ބޭފުޅަކާ ރައީސް ބައްދަލުކުރައްވައިފި
ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ އިސް ބޭފުޅަކާ ރައީސް ބައްދަލުކުރައްވައިފި

ރައީސް އަބްދުﷲ ޔާމީން، ޗައިނާގެ ގާނޫނު ހަދާ މަޖިލިސް ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) ގެ ސްޓޭންޑިން ކޮމެޓީގެ ޗެއާމަން ޖަން ދާ ޖިއާންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ އިސް ބޭފުޅަކާ ރައީސް ބައްދަލުކުރައްވައިފި
ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ އިސް ބޭފުޅަކާ ރައީސް ބައްދަލުކުރައްވައިފި

ރައީސް އޮފީހުން ބުނި ގޮތުގައި ބެއިޖިންގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައި ބޭއްވި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ބަދަހިވެފައި އޮތީ ދެ ގައުމުގެ ވެރިން އެކުގައި މަސައްކަތް ކުރެއްވުމަށް އަހައްމިއްޔަތުކަން ދެއްވާތީ ކަމަށް ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ސަބަބުން އިޖުތިމާއީ، އިގްތިސާދީ، ތަރައްގީއަށް މަގުފަހިވެ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވުމަށް ވަނީ މަގުފަހިވެފައި ކަމަށެވެ. ރައީސް ވަނީ ޗައިނާ އިން އަބަދުވެސް ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސް ވަނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ފާހަގަކުރައްވައި، މި ދާއިރާ އިން ޗައިނާ އިން ކުރާ މަސައްކަތްތަކަކީ ދުނިޔޭގެ ގައުމުތަކަށް ނަމޫނާއެއް ކަމުގައި ވިދާޅުވެފަ އެވެ.

މީގެއިތުރުން ޗައިނާގެ ރައީސް ޝީ ޖިންޕިން 2014 ގައި ރާއްޖެއަށް ކުރެއްވި ޒިޔާރަތަށްފަހު ބޮޑު ގައުމަކާއި ކުޑަ ގައުމަކާ ދެމެދުގައި އޮތް ގާތް ގުޅުމުގެ އާ ބާބެއް ފެށިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އެންޕީސީގެ ސްޓޭންޑިން ކޮމެޓީގެ ޗެއާމަން ޖަން ދާ ޖިއާން ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމަކީ ބޮޑެތި ގައުމުތަކާއި ކުދި ގައުމުތަކާ ދެމެދުގައިވެސް ވަރުގަދަ ގުޅުމެއް ގައިމް ކުރެވިދާނެ ކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ސަބަބުން ވިޔަފާރީގެ ދާއިރާ އިން އިތުރު ފުރުސަތުތައް ހުޅުވި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ އެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ޗައިނާ އިން އަބަދުވެސް އިހްތިރާމް ކުރާނެ ކަމަށާއި ޗައިނާ އިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ ފުރާވަޑައިގެންނެވިއިރު، ރައީސްގެ ދެކަނބަލުން ވަނީ ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމީ ހަފްލާގައި ބައިވެރިވެވަޑައިގެންފައެވެ. އަދި، ޗައިނާގެ ބެއިޖިންގައި ދިރިއުޅޭ ދިވެހިންނާ ރައީސްގެ ދެކަނބަލުން ވަނީ ބައްދަލުކުރެއްވި އެވެ.

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދުގައި ރަސްމީ މަޝްވަރާ ބައްދަލުވުންތައް ވަނީ ބާއްވައިފަ އެވެ. އަދި، ރާއްޖެ އާއި ޗައިނާ އާ ދެމެދު ގުޅުން ބަދަހި ކުރުމާބެހޭ 12 އެއްބަސްވުމެއްގައި ދެ ގައުމުން ވަނީ ސޮއިކޮށްފަ އެވެ.