08 ޑިސެމްބަރ 2017 - 22:05

މިއަދު ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ބޭރުގައި ދުއާކުރަން ހުއްޓައި ހައްޔަރު ކުރި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ބައްޕަ، މުހައްމަދު ހައްސާނަށް، ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ތުހުމަތާ އެކު ގިނަ ތުހުމަތުތަކެއް ފުލުހުން ކޮށްފި އެވެ.
ހައްސާން ހައްޔަރު ކުރުމަށް ފަހު ފުލުހުން ތައްޔާރުކުރި މައުލޫމާތު ފޯމުގައިވާ ގޮތުން އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެ އެވެ. އޭގެތެރޭގައި، ދައުލަތް ހިންގުމުގެ ދާއިރާއަށް ހުރަސްއެޅުމާއި ތަނަކުން ފިލައިގެން ދިއުމާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެ ހުރި މުވައްޒަފަކަށް ހުރަސްއެޅުމާއި އެފަދަ މުވައްޒަފެއްގެ ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން ހިމެނެ އެވެ.
މީގެ އިތުރުން ހުއްދަ ނެތި ވިޔަފާރިއެއް ހިންގުމާއި ލައިސަންސް ނެތި އިމްޕޯޓްކުރުމާއި ހުއްދަ ނަގަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ތުހުމަތު ވެސް ހިމެނެ އެވެ.
މަހްލޫފުގެ ބައްޕަގެ މައްޗަށް ދެން ކޮށްފައި ވަނީ އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ތުހުމަތާއި އިސްލާމް ދީނާ ދެކޮޅު އަމަލުތައް ހިންގުމުގެ ތުހުމަތެވެ. އޭގެ ދަށުން، ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމާއި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތަކުގެ ވާހަކަ ދެއްކުމުގެ ތުހުމަތުކޮށްފައިވެ އެވެ.
މަހްލޫފް ވަނީ އޭނާގެ ބައްޕަ ހައްޔަރުކޮށް ފުލުހުން ތައްޔާރުކޮށްފައިވާ މައުލޫމާތު ފޯމު ޓްވީޓް ކުރައްވައި އެކަމަށް ފާޑު ވިދާޅުވެފަ އެވެ. މަހުލޫފް ވިދާޅުވީ ބައްޕަގެ މައްޗަށް ކުރާނެ ތުހުމަތުތަކެއް ނެތިގެން، ދުއާކުރުމަކީ ޖިންސީ އަމަލަކަށް އެދުން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމޭތޯ ކުޑަގޮޅީގައި އޮވެގެން ވެސް ބައްޕަ ދުއާކުރާނެ ކަމަށާއި ދެން ހަދާނީ ކިހިނެއްތޯ ސުވާލު ކުރެއްވި އެވެ.
އިސްލާމީ މަރުކަޒުގައި މީގެ ކުރިން ހައްސާން އިސްވެ ހުރެ ދައުލަތުގެ އިސްވެރިންގެ މައްޗަށް ބަދު ދުއާކުރި ކަމުގެ ތުހުމަތުގައި އިއްޔެ ވެސް ވަނީ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަނިޔާވެރިކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިސްލާމީ މަރުކަޒު ސަރަހައްދުގައި ދުއާކުރަނިކޮށް، މީގެ ކުރިން ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.