09 ޑިސެމްބަރ 2017 - 09:14

ކިޑްނީގައި ހިލަ އުފެދިގެން ފަރުވާ ކުރުމަށް އިންޑިއާގެ ބެންގަލޫރުގައި ހުއްޓާ އަބްދުﷲ ރިޒާއަށް، ހޮސްޕިޓަލުން ދިމާވި ރަހުމަތްތެރިޔަކު ކިޔައިދިނީ އެ ބަލީގައި ދިމާވި ހިތްހަލާކުވާ ފަދަ ވާހަކައެކެވެ. ރަހުމަތްތެރިޔާ ބުނީ ކިޑްނީ ވަނީ ފެއިލްވެފައިވާކަން އެނގުމާ އެކު އޭނާ ދޫކޮށްލާފައި އަނބިމީހާ ދިޔައީ ކަމަށެވެ. އެކަމާ އެ ރަހުމަތްތެރިޔާ، ރިޒާގެ ކުރިމަތީގައި ވަރަށް ރޮއެ ހިތާމަ ކުރި އެވެ.

"ފިރިމީހާ އެންމެ ހާލުގައި ޖެހުނު ވަގުތު އެހެން ހަދަން ހެޔޮވާނެތަ؟ މިއީ އަނބިމީހާއަށް އެންމެ ބޭނުން ވާނެ ވަގުތެއް ނޫންތަ؟" ރަހްމަތްތެރިޔާގެ ވާހަކަތަކާ ގުޅިގެން ރިޒާ އަށް ކުރެވުނީ މި ސުވާލެވެ.

އޭރު ރިޒާގެ ކިޑްނީ ވެސް ދިޔައީ ހަލާކުވަމުންނެވެ. އެކަމަކު އުމުރުން 36 އަހަރުގެ ރިޒާގެ އަނބިމީހާ ރިޒާއާ މެދު ކަންތައް ކުރީ އެކުވެރިޔާގެ ފަރާތުން އިވުނު ގޮތާ ދިމާ އިދިކޮޅަށެވެ. އެ އުނދަގޫ ދަނޑިވަޅު އޭނާގެ އަތުގައި ހިފީ ލޯބިވާ އަނބިމީހާ އެވެ. ފިރިމީހާގެ ދިރިއުޅުމުގެ އުއްމީދު އާލާކޮށްދިނީ، އުމުރުން 32 އަހަރުގެ އައިމިނަތު މުނާ އޭނާގެ ކިޑްނީ ހަދިޔާކޮށްގެންނެވެ.
ކިޑްނީ ބަދަލުކުރުމަށް އިންޑިއާގައި ކުރި އޮޕަރޭޝަނަށް ފަހު، ތިން މަސް ފަހުން މާލެ އައުމުން "މިހާރު"ން އެ މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކާލުމުން، ދެމަފިރިން އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި ލޯބި އެނގުނެވެ. ތިން ދަރިންގެ ހައްގުގައި އަނބިމީހާވި ގުރުބާނީގެ އަގު ދުލުން ބަޔާންކޮށްދޭކަށް ރިޒާއަކަށް ނޭނގުނެވެ. މުނާ ބުނީ ހަށިގަނޑުގެ އެއްބައި ފިރިމީހާއަށް ހަދިޔާކުރީ އޭނާއާ ނުލައި ދިރިއުޅުމެއް ނެތްކަން އެނގޭތީ ކަމަށެވެ.
"އަޅުގަނޑު ކިޑްނީ ހަދިޔާ ކުރީ ތިން ކުދިންނާއި ފިރިމީހާގެ ހައްގުގައި. އަދި ކުރިއަށް އޮތްތަނުގައި އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި،" މުނާ ބުންޏެވެ.
ކިޑްނީގައި މައްސަލަ އުޅޭކަން ރިޒާއަށް އެނގުނީ މީގެ ތިން އަހަރު ކުރިން މަންމަ ޑޮކްޓަރަށް ދެއްކުމަށް ޓްރިވެންޑްރަމަށް ދިޔުމުންނެވެ. ކުޑަކަމު ދިއުމުގައި މައްސަލައެއް އުޅޭތީ މަންމަގެ އެދުމަކަށް އޭނާ ވެސް ޓެސްޓު ހައްދާލީ އެވެ. އެކަމަކު ކިޑްނީގައި މައްސަލަ އުޅޭކަން ނަތީޖާއިން ދެއްކުމުން، ޑޮކްޓަރުން އެދުނީ ވަގުތުން ވަގުތަށް އެޑްމިޓް ކުރާށެވެ.
މަސްވެރިކަން ކޮށްގެން، ށ. ފޯކައިދޫގައި އާދައިގެ ދިރިއުޅުމެއް އުޅެމުން އައި ރިޒާގެ އަަތަކު އޭރު ފައިސާއެއް ނެތެވެ. އެހެންވެ، އޭނާ އެނބުރި ރަށަށް ދިޔައީ، ފައިސާކޮޅެއް އެއްކޮށްލައިގެން އަލުން އިންޑިއާއަށް ދާގޮތަށެވެ.
"ރަށަށް އައިސް އެކި މަސައްކަތްކޮށްގެން ފައިސާ ހޯދައިގެން އެކޮޅަށް ދެވުނީ ހަ މަސް ފަހުން. އޭރު ވަނީ ކިޑްނީ ހަލާކުވެފައި. އެކަމަކު ޑަޔަލިސިސް ނުހަދާ އަދި އުޅެވޭނެ ކަމަށް ބުނެ ޑޮކްޓަރުން ފޮނުވާލީ،" ރިޒާ ބުންޏެވެ.
ރަށަށް ގޮސް ރިޒާ އަލުން މަހަށް ދާން ފެށި އެވެ. އެކަމަކު މާގިނަ ދުވަހެއް ނުވެ އޭނާގެ ދެ ފަޔާއި މޫނު ދުޅަވާން ފެށި އެވެ. އެހެންވެ، އަނެއްކާ ވެސް "އެކި މީހުން އަތުން އެހީ ހޯދައިގެން" އިންޑިއާއަށް ދިޔުމުން، އެނގުނީ ކިޑްނީ ފެއިލްވެފައިވާ ކަމެވެ. ދެން ޖެހުނީ ޑަޔަލިސިސް ހަދަން ފަށާށެވެ.
ރިޒާ ބުނިގޮތުގައި ކިޑްނީ ފެއިލްވެފައިވާކަން އެނގުމާއެކު އަންހެނުން އޭނާގެ ކިޑްނީ ދޭނެކަމަށް ބުންޏެވެ.
"އެންމެ ކުރިއްސުރެ އަންހެނުން ބުނަމުން އައީ ދެރަނުވާށޭ. ތިމަންނައާ ދިމާވަންޏާ ތިމަންނަގެ ކިޑްނީ ދޭނަމޭ،" ރިޒާ ބުންޏެވެ.
"ވަރަށް އުފާވޭ އެކަމާ. އެވަރު ކަމެއް ކޮށްދިނީމައި،"
ދެ ކިޑްނީ ފެއިލް ވެގެން، ރިޒާގެ ދެމަފިރިން އުޅުނީ ހިތްދަތި ދިރިއުޅުމެކެވެ. ދެމަފިރިންގެ ދިހަ އަހަރުގެ ދަރިއެއް ހުންނައިރު، އެ ދެ މީހުން ވެސް މީގެ ކުރިން ކައިވެންޏެއް ކޮށް ދަރިން ތިބެ އެވެ. ކައިވެންޏަށް ނުވަ އަހަރު ވީއިރު އެ ހުރިހާ ކުދިންނަށް ވެސް ހަރަދުކޮށް، ބަލަހައްޓަމުން އަންނަނީ ދެމަފިރިންނެވެ.
ހަފުތާއަކު ތިން ފަހަރު ޑަޔަލިސިސް ހަދަން ޖެހުމުން، ވަޒީފާ އާއި ދަރިން ދޫކޮށްލާފައި ރިޒާގެ ދެމަފިރިން ވިލިމާލޭގައި ދިރިއުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެހެންވެ، މާލީ ގޮތުން އެ މީހުންގެ ހާލަތު ވަރަށް ދަށެވެ.
ދެ ދަރިން ބަލަމުން، ރަށުގައި އާދައިގެ ދިރިއުޅުމެއް އުޅެމުން އައި މުނާ، އޭނާގެ އެއް ކިޑްނީ ފިރިމީހާއަށް ހަދިޔާކުރުމުގެ މަގްސަދު ވަރަށް މަތިވެރި އެވެ. ދަރިން ދޫކޮށްލާފައި މާލެ ބަދަލުވީ، ޑަޔަލިސިސް ހެދުމަށް ވުރެ، ކިޑްނީ ހަދިޔާކޮށްގެން ދަރިންނަށާއި ފިރިމީހާއަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށެވެ.
"ދަތިހާލުގައި އުޅުމަށް ވުރެ މިގޮތް ރަނގަޅު ކަމަށް ފެންނާތީ އަޅުގަނޑު މިކަން ކުރީ. އާއިލާގެ އެންމެންގެ ވެސް ފަރާތުން ވަރަށް ހިތްވަރު ލިބުނު،" މުނާ ބުންޏެވެ.
ކިޑްނީއެއް ލިބި، ފިރިމީހާއަށް ވޭންކުޑަ ދިރިއުޅުމެއް ހޯދައިދެވުނީތީ އޭނާ ހުރީ އުފަލުންނެވެ.
ރިޒާ ބުނިގޮތުގައި ބަލިވީއްސުރެ އެންމެ ގާތުގައި ހުރި އަނބިމީހާގެ ލޯތްބާއި އަޅާލުން އަބަދުވެސް އޭނާއަށް ލިބެ އެވެ. އަދި ފުރާނަ ސަލާމަތް ކޮށްދިނުމަށް އަނބިމީހާވި އެ ގުރުބާނީގެ ބަދަލުގައި، ކޮންމެ ހާލެއްގައި ވެސް އަބަދުވެސް އޭނާގެ ހިދުމަތުގައި ހުންނާނެ ކަމަށް ރިޒާ ބުންޏެވެ.
"އަޅުގަނޑު އެދެން ކޮންމެ ދެމަފިރިއަކު ވިޔަސް އަދި ދެމަފިރިން ނޫން ކަމުގައި ވިޔަސް މިވަރު ކަމެއް ދިމާވީމައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް. ބަލިވީމައި ދޫކޮށްނުލައި. އެހީތެރިވުމަށް. ކިޑްނީ ހަދިޔާ ކުރުމަށް ފަސް ނުޖެހުމަށް،" އަނބިމީހާ ގާތު އިނދެ، ރިޒާ ބުންޏެވެ.