08 ޖުލައި 2016 - 23:14

ފޮޓޯއެއް ނެގި މައްސަލާގައި މިދިޔަ މޭ މަހު މީހަކު ހައްޔަރުކުރި މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ނިންމައިފި އެވެ.
އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ހަމްނާ ވަހީދު ހައްޔަރުކުރީ އައިޖީއެމްއެޗް ކައިރީގައި ޕާކްކޮށްފައި ހުރި ވެހިކަލްތަކެއް ފުލުހުން ޓޯ ކުރަނިކޮށް އެ މަންޒަރު ފޮޓޯ ނެގުމުންނެވެ.
ފޮޓޯ ނުނެގޭނެ ކަމަށް ބުނެ ހަމްނާ ހައްޔަރުކޮށް، އޭނާ ހައްޔަރުކުރި ސަބަބު ބުނެދޭން ދެކޮޅު ހަދާފައިވާ ކަމަށާއި ބަންދުން ދޫކޮށްލިއިރު އެކަމުގެ ލިޔުމެއް ވެސް ދީފައިނުވާ ކަމަށް މައްސަލައިގެ ލިޔުމުގައިވެ އެވެ. އަދި ހަމްނާ ނުކުރާ ކަމެއް ކުރި ކަމަށް އެއްބަސް ކުރުވަން މަސައްކަތް ކުރި ކަމަށް އެންއައިސީއަށް އޭނާ ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.
އެ މައްސަލަ ބަލަން އެންއައިސީ އިން މިހާރު ވަނީ ނިންމައި، އެކަން ހަމްނާއަށް އަންގައިފަ އެވެ.
ފުލުހުންގެ މައްސަލަތައް ކުރިން ބަލަމުން އައީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ކަމަށް ވިޔަސް އެންއައިސީ އުފެދުމާ އެކު، ޕޮލިސް އިންޓަގްރިޓީ ކޮމިޝަން ވަނީ އުވިފަ އެވެ. އަދި ފުލުހުންނާ ގުޅޭ މައްސަލަތައް ވެސް މިހާރު ބަލަނީ އެންއައިސީންނެވެ.