08 ޑިސެމްބަރ 2017 - 16:03

ގުދުސް (ޑިސެމްބަރު 8) - އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި ފަލަސްތީނުން މަރުހަބާ ނުކިޔާނެ ކަމަށް އަންގައިފި އެވެ.
ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަންނަކަން އިއުލާން ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ބަޔާނުގައި ވަނީ ޕެންސް ވަރަށް އަވަހަށް މެދުއިރުމައްޗަށް ފޮނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ފަތަހަ ޖަމާއަތުގެ ސީނިއާ މެންބަރެއް ކަމަށްވާ ޖިބްރީލް ރަޖޫބު ވިދާޅުވީ މައިކް ޕެންސަށް ފަލަސްތީނުން މަރުހަބާ ނުކިޔާނެ ކަމަށާއި ރައީސް މަހްމޫދު އައްބާސް ވެސް އޭނާއާ ބައްދަލު ނުކުރާނެ ކަމަށެވެ.
ޕެންސަކީ އިޒްރޭލުގެ ވެރިރަށަށް ގުދުސް ހެދުމަށް ތާއީދު ކުރައްވާ ފަރާތެކެވެ.
ރައީސް އައްބާސް ވިދާޅުވެފައި ވަނީ މެދުއިރުމަތީގެ ސުލްހައިގައި މެދުވެރިއެއްގެ ރޯލު އަދާކުރުމުގެ ދައުރު އެމެރިކާ އަށް މިހާރު ގެއްލިއްޖެ ކަމަށެވެ.
ޕެންސް މެދުއިރުމައްޗަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ މި މަހު ފަހުކޮޅު އެވެ.