08 ޑިސެމްބަރ 2017 - 14:15

މެންޗެސްޓާ (ޑިސެމްބަރު 8) - ކިތަންމެ މުހިއްމު މެޗަކަށް ތައްޔާރުވާން ޖެހުނަސް އިދިކޮޅު ޓީމަށް އޮޅުވާލުމަށް ދޮގެއް ނުހަދާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މޮރީނިއޯ މިހެން ބުނެފައިވަނީ މެންޗެސްޓާ ސިޓީ ޕެޕް ގާޑިއޯލާ އާއި އާސެނަލްގެ ކޯޗު އާސެން ވެންގާ ދެއްކި ވާހަކަ އަކަށް ރައްދެއް ދިނުމުގެ ގޮތުންނެވެ.
ގާޑިއޯލާ ވަނީ ސިޓީގެ ޕްލޭމޭކަރު ޑޭވިޑް ސިލްވާ އަށް ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ޝަހުތަރު ޑޮނެސްކާ ދެކޮޅަށް ނުކުޅެވުނީ އަނިޔާވެގެން ކަމަށް ބުނެފަ އެވެ. އަދި ފަހަރެއްގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ސިލްވާ އަށް ނުކުޅެވިދާނެ ކަމަށެވެ. ވެންގާ މިދިޔަ ހަފްތާގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ފްރާންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒެޓޭ އަށް ނުކުޅެވޭނެ ކަމަށް ބުނެފަ އެވެ. ލަކަޒެޓޭ ވަނީ އެ މެޗުގައި ކުޅެ ޔުނައިޓެޑް ކޮޅަށް ލަނޑު ވެސް ޖަހައިފަ އެވެ.
"އަހަރެން ދޮގެއް ނުހަދާނަން. ފިޓްނަސްއާ ބެހޭގޮތުން ވެސް އެއްވެސް ކަމަކާ ބެހޭގޮތުން ވެސް. އަހަރެން ދޭނީ ރަނގަޅު މައުލޫމާތު. އެކަމަކު އެބަ ފެނޭ ބައެއް މީހުން މިކަމުގައި ވެސް އޮޅުވާލާ މަންޒަރު،" ގާޑިއޯލާ އާއި ވެންގާ އަށް ރައްދުވާ ގޮތަކަށް މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ އާދިއްތަ ދުވަހު ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ އެރިކް ބެއިލީ އާއި މައިކަލް ކެރިޗް އަށް ނުކުޅެވުނު ނަމަވެސް ޒަލަޓަން އިބްރަހިމޮވިޗާއި ފިލް ޖޯންސް އަދި މަރުއާން ފެލައިނީ އަށް ކުޅެވޭނެ ކަމަށެވެ. އެހެން ނަމަވެސް މިދިޔަ ހަފްތާގައި އާސެނަލް އަތުން މޮޅުވި މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ޕައުލް ޕޮގްބާ ވަނީ ތިން މެޗަށް ސަސްޕެންޑްވެފަ އެވެ.
މި މެޗަކީ ލީގުގެ އެއް ވަނައިގައި ސިޓީން ނަގާފައިވާ ލީޑު ކުޑަކުރަން ޔުނައިޓެޑަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ސިޓީ މި ވަގުތު އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު، 15 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑަށް 15 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޔުނައިޓެޑުން ވަނީ ސިޓީގެ ކެމެރާ ކްރޫ އާދިއްތަ ދުވަހުގެ މެޗުގެ ކުރިން ޔުނައިޓެޑުގެ ދަނޑަށް ވަންނަން އެދުމުން އެކަމަށް ދެކޮޅު ހަދައިފަ އެވެ. ސިޓީގެ ކެމެރާ ކްރޫ ޔުނައިޓެޑުގެ ދަނޑަށް ވަންނަން އެދުނީ އެމޭޒަން އިން ސިޓީގެ މި ސީޒަނުގެ ޑޮކިއުމެންޓްރީ އެއް ތައްޔާރުކުރަމުންދާތީ ކޮންމެ ބޮޑު މެޗެއްގެ ކުރިން އެ މެޗުގެ ވީޑިއޯތަކެއް ނެގުމަށް ބޭނުންވާތީ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޔުނައިޓެޑުން ސިޓީގެ އެދުމަށް ފުރަގަސްދިނީ ސިޓީގެ ކެމެރާ ކްރޫ ޔުނައިޓެޑްގެ ޗޭންޖިން ރޫމަށް ވަންނަން ވެސް އެދިފައިވުމުންނެވެ. އެއީ އެއްވެސް އިރެއްގައި ޔުނައިޓެޑުން އިދިކޮޅު ޓީމެއްގެ ބަޔަކަށް ޗޭންޖިން ރޫމަށް ވަނުމުގެ ހުއްދައެއް މީގެ ކުރިން ވެސް ދީފައިނުވާތީ އެވެ.
އެމޭޒަން އިން މި ސީޒަނުގައި ތައްޔާރުކުރާ 13 މިލިއަން ޕައުންޑުގެ އަގުހުރި ސިޓީގެ ޑޮކިއުމެންޓްރީ ދައްކަން ނިންމާފައިވަނީ އަންނަ އަހަރުގަ އެވެ.