09 ޖުލައި 2016 - 08:03

މަޝްހޫރު ގިނަ ތަރިންތަކެއް ހިމެނޭ ފެންޓަސީ/ސުޕަހީރޯ ފިލްމް "ތޯ" ސިލްސިލާގެ ތިން ވަނަ ފިލްމުގެ ޝޫޓިން އޮސްޓްރޭލިއާގައި ފަށައިފި އެވެ.

މާވެލް އިން ގެނެސްދޭ "ތޯ: ރެގްނަރޮކް" ގެ ޝޫޓިން މިދިޔަ ހޯމަ ދުވަހު ފެށުމާ އެކު، އެ ސްޓޫޑިއޯގެ ވައިސް ކޯ ޕްރެޒިޑެންޓް ލުއިސް ޑި އެސްޕޮސީޓޯ ވަނީ ޑައިރެކްޓަރާއި ފިލްމުގެ ކުރޫ އަށް ހެޔޮ އެދުންތައް ފޮނުވައިފަ އެވެ.
މި ފަހަރުގެ "ތޯ" ޑައިރެކްޓް ކުރަނީ ވަޓް ވީ ޑޫ އިން ދަ ޝެޑޯސް (2014) އާއި މި އަހަރު ކުރީކޮޅު ރިލީޒްވި "ހަންޓް ފޮ ވައިޑާ ޕީޕަލް" ގެ ޑައިރެކްޓަރު ޓެއިކާ ވައިޓިޓި އެވެ.
"ތޯ: ރެގްނަރޮކް" ޓައިޓްލް ރޯލުން މި ފަހަރު ވެސް ކްރިސް ހެމްސްވޯތު ފެނިގެންދާ އިރު ކާސްޓުންގެ ތެރޭގައި އިދްރީސް އެލްބާ، ކޭޓް ބްލެންޗެޓް، މާކް ރަފަލޯ، ޓޮމް ހިޑެލްސްޓަން އަދި ޖެފް ގޮލްޑްބްލަމް އަދި އެންތަނީ ހޮޕްކިންސް ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.
މި ފިލްމް ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 25، 2017 ގަ އެވެ.
"ތޯ" ގެ ދެ ފިލްމެއް މިހާތަނަށް ސިނަމާ އަށް އައިސްފައިވާ އިރު "ތޯ: ދަ ޑާކް ވޯލްޑް" ސިނަމާ އަށް އައީ 2013 ގަ އެވެ. އެލަން ޓޭލާ ޑައިރެކްޓް ކުރި ފިލްމަށް ބޮކްސް އޮފީހުގައި 644.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
މީގެ ފުރަތަމަ ފިލްމް ރިލީޒް ކުރީ 2011 ގަ އެވެ. ކެނެތު ބްރެނާ ޑައިރެކްޓް ކުރި އެ ފިލްމަށް 449.3 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.