މެސީގެ ބެލޮންޑިއޯ ރެކޯޑާ ރޮނާލްޑޯ ހަމަކޮށްފި
މެސީގެ ބެލޮންޑިއޯ ރެކޯޑާ ރޮނާލްޑޯ ހަމަކޮށްފި

ޕެރިސް (ޑިސެމްބަރު 8) – ފްރާންސް ފުޓްބޯލް މަޖައްލާ އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑް ފަސް ވަނަ ފަހަރަށް ހާސިލްކޮށް ރެއާލް މެޑްރިޑުގެ ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ، ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ ރެކޯޑާ ހަމަކޮށްފި އެވެ.

މެސީ ބެލޮންޑިއޯ އެވޯޑް ހޯދީ ފީފާއާ ގުޅިގެން ފްރާންސް ފުޓްބޯލް މަޖައްލާ އިން އެވޯޑްދިން އިރު އެވެ. ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން އެއްކޮށްލައިގެން ދެމުން އައި ބެލޮންޑިއޯ އެވޯޑާއި ފީފާ އެވޯޑް ވަކިކުރަން ނިންމީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ. ފީފާއިން މިހާރު ދެމުން އަންނަނީ ފީފާ ބެސްޓް އެވޯޑެވެ. މި އެވޯޑް ދިން ދެ ފަހަރު ވެސް މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޮނާލްޑޯ އެވެ.

ރޮނާލްޑޯ އެއް ވަނަ ހޯދިއިރު، މި ފަހަރު ވެސް ދެ ވަނަ އަށް ދިޔައީ މެސީ އެވެ. އަދި ތިން ވަނަ އަށް ދިޔައީ ޕީއެސްޖީގެ ތަރި ނޭމާ އެވެ.

ރޮނާލްޑޯ މި ފަހަރުގެ އެވޯޑް ހޯދިއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށާއި ސެމީ ފައިނަލްގައި ބަޔާން މިއުނިކް ކޮޅަށް ހެޓްރިކް ހަދައިފަ އެވެ. އަދި ފައިނަލުގައި ޔުވެންޓަސް ކޮޅަށް ދެ ލަނޑު ޖެހި އެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން. މިއީ ކޮންމެ އަހަރަކު ވެސް އަހަރެން ބޭނުންވާ އެވޯޑްތަކެއް. މި ފަހަރު މި ލިބުނީ ކްލަބްގައި ހޯދި ކާމިޔާބީތަކާ އެކު. މިއީ ވަރަށް ކާމިޔާބު އަހަރެން. ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު އަހަރެމެން ހޯދިން. މުޅި ސީޒަނުގައި އަހަންނަށް އެހީވެދިން ޓީމުގެ ކުޅުންތެރިންނާއި އެންމެނަށް ޝުކުރު އަދާކުރަން،" ރޮނާލްޑޯ ބުންޏެވެ.

ދެ ވަނަ އަށް ދިޔަ މެސީ ވަނީ މިދިޔަ އަހަރަށް ބަލާއިރު ޖުމްލަ 52 ގޯލު ޖަހައިފަ އެވެ. މިއީ އެއް ވަނަ އަށް ދިޔަ ރޮނާލްޑޯ އަށް ވުރެ ތިން ގޯލު އިތުރު އަދަދެކެވެ. ރޮނާލްޑޯ އަށް ޖެހުނީ 49 ގޯލެވެ.

އިނގިރޭސި ޕްރިމިއާ ލީގަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ރޭންކިންގެ އެންމެ މަތީގައި އުޅެނީ ހަތް ވަނައިގައި އޮތް ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކޯންޓޭ އެވެ.