ނަބީހާ އާއި ނަބާހާ ފައިނަލަށް، ތާރީހީ ކާމިޔާބެއް
ނަބީހާ އާއި ނަބާހާ ފައިނަލަށް، ތާރީހީ ކާމިޔާބެއް

އިންޑިއާގެ ގުވަހާޓީގައި މިހާރު ކުރިޔަށްދާ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެން ޑަބަލްސް އިވެންޓުގެ ފައިނަލުން ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ ޖާގަ ހޯދައިފި އެވެ.

މިއީ ސަރަހައްދީ ލެވެލްގައި ކުޅޭ މުބާރާތެއްގެ ޓީމު އިވެންޓު ބައިގެ ފައިނަަލަކުން ރާއްޖެ އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ނަބާހާ އާއި ނަބީހާ ފައިނަލުން ޖާގަ ހޯދީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުން ބަންގްލަދޭޝްގެ ޕެއާއެއް ކަމަށްވާ ރޭޝްމާ އަކްތަރާއި އުރްމީ އަކްތަރުގެ ޕެއާ ބަލިކުރުމަށް ފަހު އެވެ. ނަބާހާ އާއި ނަބީހާ ސެޓުތައް ގެންދިޔައީ 21-14، 21-15 އިންނެވެ.

ނަބީހާ ވަނީ ދާދި ފަހުން ނިމުނު ބެޑްމިންޓަން ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފައިނަލުގައި އެ މުބަރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މައިސާ ފަތުހުﷲ ބަލިކުރުމަށް ފަހު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ނަބާހާ އާއި ނަބީހާ ދަނީ ޖަޕާންގެ ޓޯކިޔޯގައި 2020 ވަަނަ އަހަރު އޮންނަ އޮލިމްޕިކްސް އަށް ކޮލިފައިވުމަށް ކުރިއަށްގެންދާ ތަމްރީންތަކުގައި ބައިވެރިވަމުންނެވެ. މި މުއްދަތުގެ ތެރޭގައި މި ދެ ކުޅުންތެރިންނަށް ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުން ފުރުސަތު ހޯދައިދިނުމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މުބާރާތުގެ ފައިނަލުގައި މިއަދު ހަވީރު ނަބާހާ އާއި ނަބީހާގެ ޕެއާ ނުކުންނާނީ އިންޑިއާގެ ޕެއާއެއް ކަމަށްވާ އަޝްމިތާ އާއި މިތުލާގެ ޕެއާއާ ދެކޮޅަށެވެ.

ދެން މި މުބާރާތުގައި ރާއްޖެ އަށް އެންމެ ރަނގަޅު ކާމިޔާބެއް ލިބުނީ މިކްސް ޑަބަލްސް، އަންހެން ސިންގަލްސް އަދި ފިރިހެން ޑަބަލްސް އިވެންޓުންނެވެ. މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ މުހައްމަދު އަރްސަލާން އަލީ އާއި ނަބީހާގެ ޕެއާ ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އަދި އަންހެން ސިންގަލްސް އިވެންޓުގައި ރާއްޖޭގެ ނަފްހާ ނަސްރުﷲ ވެސް ސެމީގައި ކުޅުނުއިރު، ފިރިހެން ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ޝައުލާން ފަތުހީ އާއި މުހައްމަދު އާކިފް ވެސް ސެމީގައި ކުޅުނެވެ.

ބީއޭއެމް އިން މިހާރު ކަނޑައަޅާފައިވާ ޓާގެޓަކީ 2019 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑަލް ގެނައުމެވެ.