ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ޗައިނާ ރައީސް ޖާފަތެއް ދެއްވައިފި
ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ޗައިނާ ރައީސް ޖާފަތެއް ދެއްވައިފި

ފުރަމާނަ ދަތުރުޅެއްގައި މިހާރު ޗައިނާ އަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ޝަރަފްގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ފުރަމާނަ ޖާފަތެއް މިއަދު ދެއްވައިފި އެވެ.

ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ޗައިނާ ރައީސް ޖާފަތެއް ދެއްވައިފި
ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ޗައިނާ ރައީސް ޖާފަތެއް ދެއްވައިފި

ރައީސް އޮފީހުން ބުނި ގޮތުގައި މި ޖާފަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އަނބިކަނބަލުން ޕެންގް ލިޔުއާން އާއި ދެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ރައީސް ޔާމީން ޗައިނާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސްގެ ދައުވަތަކަށް ކުރައްވާ އެންމެ މަތީ ފެންވަރުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުންތައް ވަނީ ބާއްވައިފަ އެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި އިގްތިސާދީ ދާއިރާގެ އިތުރުން އިޖްތިމާއީ ދާއިރާ އިން ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާ ކުރުމާއި ޓެކްނޮލޮޖީގެ ދާއިރާ އިން ރާއްޖެ އަށް އިތުރު ކުރިއެރުންތައް ހޯދުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެއްބަސްވުންތަކެއް ހިމެނެ އެވެ.

އޭގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރުމަށާއި ޗައިނާގެ ވިޔަފާރި ފުޅާކުރުމަށް ގާއިމްކުރާ ސިލްކް ރޫޓުގައި ރާއްޖޭން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއް ހިމެނެ އެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ޗައިނާގެ އިސް ވެރިންނާއި ބައްދަލު ކުރައްވައި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ އަދި އިޖްތިމާއީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އަދި ޗައިނާގެ ވިޔަފާރިވެރިންނާއި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރެއްވި އެވެ.

ހަމައެއާއެކު، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ވަނީ ޗައިނާގެ ސްކޫލެއް ކަމަށްވާ ބެއިޖިންގ ޒިޝުކޫ އެލިމެންޓަރީ ސްކޫލަށާއި ޗައިނާގެ "ގްރޭޓް ހޯލް އޮފް ޕީޕަލް" ބައްލަވާލައްވައިފި އެވެ.

ގްރޭޓް ހޯލް އޮފް ޕީޕަލް އަކީ ޗައިނާގެ ބެއިޖިންގ ގައި ހުންނަ އިމާރާތެކެވެ. އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގޮތުގައި ވެސް ބޭނުންކުރާ މި އިމާރާތަކީ ޗައިނާގައި އެންމެ ރީތިކޮށް އިމާރާތްކޮށްފައިވާ 10 އިމާރާތުގެ ތެރޭގައި ވެސް ހިމެނޭ ތަނެކެވެ. މި އިމާރާތް ހުޅުވާފައިވަނީ 1959 ގަ އެވެ.