ރާއްޖެ އާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި
ރާއްޖެ އާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި

ރައީސް އަބްދުﷲ ޔާމީން، މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ އެކު ދެ ގައުމުގެ ރަސްމީ ވާހަކަތައް މިއަދު ބާއްވަވައިފި އެވެ.

ޗައިނާގެ "ގްރޭޓް ހޯލް އޮފް ޕީޕަލް" ބޭއްވި ރަސްމިއްޔާތުގައި ވަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ 12 އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކާއި ވިޔަފާރި އާއި އިގްތިސާދީ އަދި އިޖްތިމާއީ ދާއިރާއިން އެއްބަސްވުންތަކެއްގައި ސޮއިކުރި އެވެ. މީގެ ތެރެއިން އެންމެ ފާހަގަކުރެވެނީ ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރި ކުރުމުގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އެވެ.

ރައީސް އޮފީހުން ބުނީ ޗައިނާގެ ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޕަންގް ލިޔުއާން ވަނީ ރައީސް ޔާމީނާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމަށް ރަސްމީ ގޮތުން މަރުހަބާ ދަންނަވައިފައި ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ދެކަނބަލުން ގްރޭޓް ހޯލް އޮފް ޕީޕަލް އަށް ވަޑައިގަތުމުން މަރުހަބާ ކިޔުމުގެ ގޮތުން، 21 ބަޑީގެ ސަލާމެއް އަރުވައި ހަތަރު ބޭފުޅުން އެކުގައި ފޮޓޯފުޅެއް ނެންގެވި އެވެ.

ގްރޭޓް ހޯލް އޮފް ޕީޕަލް އަކީ ޗައިނާގެ ބެއިޖިންގ ގައި ހުންނަ އިމާރާތެކެވެ. މިއީ ޗައިނާގައި އެންމެ ރީތިކޮށް އިމާރާތްކޮށްފައިވާ 10 އިމާރާތުގެ ތެރޭގައި ވެސް ހިމެނޭ އިމާރާތެކެވެ. މި އިމާރާތް ހުޅުވާފައިވަނީ 1959 ގަ އެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ވަނީ ޗައިނާގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ އަދި އިޖްތިމާއީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ބެހޭ މަޝްވަރާ ކުރައްވައިފަ އެވެ. އަދި ޗައިނާގެ އިންވެސްޓަރުންނާއި އެ ގައުމުގައި އުޅޭ ދިވެހިންނާ ރައީސް ޔާމީން ބައްދަލުކުރެއްވި އެވެ.