07 ޑިސެމްބަރ 2017 - 15:05

ގާޒާ (ޑިސެމްބަރު 7) - ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާ އިން އިއުލާން ކުރުމަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުން ކަމަށް ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވިދާޅުވެއްޖެ އެވެ.
ގާޒާ ސިޓީގައި މިއަދު ދެއްވި ބަޔާނެއްގައި ހަނިއްޔާ ވަނީ އާ އިންތިފާޒާއެއް ފެށުމަށް ގޮވާލައްވައިފަ އެވެ.
"ޑޮނަލްޑް ޓްރަމްޕް އެ ވަނީ މެދުއިރުމަތީގެ ސުލްހަ ނަގާލާފައި،" ހަނިއްޔާ ވިދާޅުވި އެވެ. "އެމެރިކާގެ ނިންމުމަކީ އުދުވާނެއް. މުސްލިމުންނާ ދެކޮޅަށް އިއުލާންކުރި ހަނގުރާމައެއް."
ހަނިއްޔާ ވިދާޅުވީ މުޅި ގުދުސް އަކީ ފަލަސްތީނުގެ ތަނެއް ކަމަށާއި މުސްތަގްބަލުގައި އުފެދޭ ފަލަސްތީނުގެ ދައުލަތަކަށް ވާނީ ވެސް ގުދުސް ކަމަށެވެ.
ފަލަސްތީނުގެ ބިންތަކުގައި އެމެރިކާ އިން ހިންގާ އުދުވާނީ ސިޔާސަތުތަކާ ދެކޮޅު ހެދުމަށް ފަލަސްތީނުގެ ހުރިހާ ޖަމާއަތްތަކެއް އެކަތިގަނޑަކަށްވުމަށް ހަނިއްޔާ ވަނީ ގޮވާލައްވައިފަ އެވެ.
ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ޓްރަމްޕް ރޭ އިއުލާން ކުރެއްވީ ދުނިޔޭގެ ގައުމުތަކުން ދެމުންދިޔަ އިންޒާރުތަކަށް ބެލުމެއް ނެތި އެވެ.