09 ޑިސެމްބަރ 2017 - 07:10

ޖޯން ޓްރަވޮލްޓާގެ އާ ފިލްމް "ގޮޓީ" މި މަހުގެ 15 ގައި ރިލީޒް ކުރަން ތާވަލްކޮށްފައި ވަނިކޮށް، ކުއްލި ގޮތަކަށް އެ ފިލްމް އެ ތާރީހުގައި ރިލީޒް ނުކުރަން، އޭގެ ޑިސްޓްރިބިއުޝަނާ ހަވާލުވެފައިވާ ލަޔަންސްޓޭޓުން ނިންމުމުން ޓްރަވޮލްޓާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އޭނާ ބުނީ ފިލްމް ރިލީޒް ކުރަން 10 ވަރަކަށް ދުވަހަށްވެފައި ވަނިކޮށް، ލަޔަންސްގޭޓުން ނިންމި ނިންމުމާ ދޭތެރޭ ވަރަށް ކަންބޮޑުވާ ކަމަށެވެ.
ލަޔަންސްގޭޓުން ބުނި ގޮތުގައި ފިލްމް ރިލީޒް ކުރަން ނިންމި ތާރީހުގައި އެ ފިލްމް ސިނަމާތަނަށް ނުގެންނަން ނިންމި މައިގަނޑު ސަބަބަކީ ފިލްމް އަޅުވަން މި ފަހަރު ލިބުނު ތިއޭޓަރުތައް މަދުވުމެވެ. އެކަމަކު "ގޮޓީ" އަކީ ވަރަށް ވަރުގަދަކޮށް ރިލީޒް ކުރެވިދާނެ ކަހަލަ ވަރުގަދަ ފިލްމެއް ކަމަށާއި ފިލްމް ރިލީޒް ކުރަން ބޭނުން ވަނީ "ބޮޑުކޮށް" ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ލަޔަންސްގޭޓްގެ މި ވާހަކަތައް ޓްރަވޮލްޓާ ގަބޫލެއް ނުކުރެ އެވެ.
އޭނާ ތުހުމަތު ކުރާ ގޮތުގައި އެ ކުންފުނީގެ ބޭނުމަކީ ކޮންމެހެން ގިނަ ސިނަމާތަކެއްގައި ފިލްމް އެޅުވުމެއް ނޫނެވެ. އަދި މީގެ ފަހަތުގައި އޮތީ ފިލްމް ވިޔަފާރިި ހަލާލުކޮށްލުން ކަމަށް ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ އެކްޓަރު ތުހުމަތު ކުރެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ދަނޑިވަޅުގައި "ގޮޓީ" ރިލީޒް ނުކުރަން ލަޔަންސްގޭޓުން ނިންމި އެއް ސަބަބަކީ އެ ކުންފުނީގައި ހިއްސާވާ ބައެއް މީހުންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެންނެވެ. ފިލްމް ނާޅުވަން ނިންމި ނަމަވެސް، ދެން ފިލްމް ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ވެސް ނުކުރެ އެވެ. އެހެންވެ މިހާރު ބެލެވޭ ގޮތުން "ގޮޓީ" ދެން މި އަހަރު ފެނުމުގެ ފުރުސަތު ކުޑަ އެވެ.
ޓްރަވޮލްޓާ ބުނީ "ގޮޓީ" ގެ ޑިސްޓްރިބިއުޝަން ލަޔަންސްގޭޓާ ހަވާލު ކުރުމަކީ ގޯހެއް ކަމަށް މިހާރު ދެކޭ ކަމަށާއި އެ މީހުންގެ އަތުން ފިލްމްގެ ރައިޓްސް ހޯދަން ވެސް މިހާރު ބޭނުންވާ ކަމަށެވެ. އެގޮތުން "ކެފޭ ސޮސައިޓީ" އާއި "ބްލޫ ޖޭޒްމިން" ފަދަ ފިލްމްތައް ގެނެސް ދީފައިވާ އޭނާގެ ގާތް ޕްރޮޑިއުސަރު އެޑްވަޑް ވަލްސަން ގާތު ފިލްމްގެ ރައިޓްސް ގަތުމަށް އެދިފައިވާ ކަމަށް ޓްރަވޮލްޓާ ބުންޏެވެ.
މިކަމާ ބެހޭ ގޮތުން އެޑްވަޑް ވެސް ބުނީ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ލަޔަންސްގޭޓުން ނިންމި ނިންމުމާ ދޭތެރޭ އޭނާ ވެސް ވަރަށް ކަންބޮޑުވާ ކަމަށެވެ.
ކެވިން ކޮނޮލީ ޑައިރެކްޓްކޮށްފައިވާ "ގޮޓީ" އަކީ އިޓަލީ ދަރިކޮޅުގެ އެމެރިކާގެ ގޭންގްސްޓާރެއް ކަމަށްވާ ޖޯން ގޮޓީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ބައޮގްރަފިކަލް ކްރައިމް ޑްރާމާއެކެވެ. މި ފިލްމްގައި ޓައިޓްލް ރޯލް ކުޅެފައި ވަނީ ޓްރަވޮލްޓާ އެވެ.