ބޮލީވުޑްގެ އެންމެ ކަމުނުދާ ފިލްމުތަކުގެ ލިސްޓު
ބޮލީވުޑްގެ އެންމެ ކަމުނުދާ ފިލްމުތަކުގެ ލިސްޓު

މި އަހަރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނީ މިއީ ބޮލީވުޑަށް ވަރަށް ނާކާމިޔާބު އަހަރެއް ކަމުގައި ބުނެވިދާނެ އެވެ. ސަބަބަކީ ފިލްމު އިންޑަސްޓްރީގެ އެންމެ ގިނަ ބަޔެއްގެ އުންމީދުތަކާ ގުޅިފައިވާ ތަރިންގެ ތެރޭގައި ހިމެނޭ ޝާހްރުކް ޚާނާއި ސަލްމާން ޚާންގެ ފިލްމުތައް ފްލޮޕްވެފައި ވާތީ އެވެ.

ޝާހްރުކްގެ "ޖަބް ހެރީ މެޓް ސޭޖަލް" އާއި ސަލްމާންގެ "ޓިއުބުލައިޓް" އަކީ މިއަހަރުގެ އެންމެ ފޫހި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމުތައް ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.

މިއަހަރުގެ މިހާތަނަށް ފްލޮޕްވި ގިނަ ފިލްމުތަކުގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ހަތް ފިލްމެއް އިންޑިއާގެ ނޫސްތަކުން ކަނޑައަޅާފައިވެ އެވެ. މިއީ ބޮޑެތި ތަރިންނާއި ފިލްމުގެ ބަޖެޓް އަދި ފިލްމުގެ ކޮންޓެންޓްގެ ފޫހިކަމާއި އަޑުއަރާފައިވާ ވަރަށް ފިލްމު ނުހިނގުން ފަދަ ކަންކަމުގެ މައްޗަށް ބިނާކޮށް ހެދި ލިސްޓެކެވެ.

މީގެ ތެރެއިން އެންމެ ކުރީގައި އުޅެނީ ސަލްމާންގެ "ޓިއުބުލައިޓް" އެވެ. "ބަޖްރަންގީ ބައިޖާން"ގެ ޑައިރެކްޓަރު ކަބީރް ޚާން އުފެއްދި މި ފިލްމުގައި ބެލުންތެރިންނަށް ގަޔާވާ ކަހަލަ އެއްވެސް ސިފައެއް ނެތެވެ. ގިނަ ބަޔަކު ބުނީ ފިލްމަކީ ބޮލުގެ ރިހުމެއް ކަމަށެވެ. އަދި "ބަޖްރަންގީ ބައިޖާން" އާއި މި ފިލްމު އެއްގޮތްކަމުގެ ޝަކުވާ ވެސް ވަނީ ކޮށްފަ އެވެ.

ދެ ވަނަ ފިލްމަކީ ވިދްޔާ ބާލަންގެ "ބޭގަމް ޖާން" އެވެ. ވިދްޔާގެ އެކްޓިން ކިތަންމެ މޮޅަސް މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފަ އެވެ.

ޝްރައްދާ ކަޕޫރުގެ "ހަސީނާ ޕާކާ" އަކީ ވެސް މިއަހަރުގެ އެންމެ ހުތުރު ފިލްމުތަކުގެ ތެރޭގައި ހިމަނާފައިވާ ފިލްމެކެވެ. މި ފިލްމު ކުޅުމަކީ ޝްރައްދާ ފިލްމީ ކެރިއަރުގައި ހެދި އެންމެ ބޮޑު ގޯސް ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ. ފިލްމުގެ ވާހަކައިގައި އޮއްޓަރެއް ނެތުމާއި ފޫނުބެދޭ ތަންތަން ގިނަކަމުން މިއީ އެއްގޮތަކަށް ވެސް ކަމުދާ ފިލްމެއް ނޫން ކަމަށް ވަނީ ގަބޫލު ކުރެވިފަ އެވެ. އަދި ބޮކްސް އޮފީހުގައި ފިލްމަށް ކުރިމަތިވި ނާކާމިޔާބީން މިކަން ވަނީ ޔަގީން ކުރެވިފަ އެވެ.

ސިދާރްތު މަލްހޯތުރާ އާއި ޖެކްލީން ފެނާންޑިސްގެ "އަ ޖެންޓްމޭން" އަކީ ވަރަށް މޮޅު ފިލްމަކަށް ވާނެ ކަމަށް ފިލްމުގެ އިޝްތިހާރުތައް ބަލާފައި ގިނަ ބަޔަކު އުންމީދު ކުރި އެވެ. ނަމަވެސް ހީކުރި ވަރާ ގާތަށް ވެސް މި ފިލްމު ރީއްޗެއް ނުވި އެވެ. އަދި ފިލްމު ވެފައިވަނީ މިއަހަރު ނުކުތް އެންމެ ނާކާމިޔާބު ފިލްމުތަކުގެ ތެރޭގަ އެވެ.

ކްރީތީ ސަނަން އާއި ސުޝާންތު ސިންގް ރާޖްޕޫތުގެ "ރާބްތާ" އަކީ ވެސް ވަރަށް ރީތިވާނެކަމަށް އުންމީދު ކުރެވުނު ފިލްމެކެވެ. ނަމަވެސް "ކަރަން އަރްޖުން" އާއި "ކަރްޒް" އާ ވަރަށް އެއްވައްތަރު ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމު ވެސް ވީ ވަރަށް މާޔޫސްކުރުވި ފިލްމަކަށެވެ.

ޝާހްރުކް އާއި އަނުޝްކާ ޝަރުމާގެ "ޖަބް ހެރީ މެޓް ސޭޖަލް" އާ ދޭތެރޭ ބެލުންތެރިން ކުރީ ވަރަށް ފޮނި އުންމީދެކެވެ. ނަމަވެސް ޑައިރެކްޓަރު އިމްތިޔާޒު އަލީގެ މި ފިލްމު ވެގެން ދިޔައީ އޭނާ ކުރިން އުފެއްދި "ތަމާޝާ" އާ ދާދި އެއް ވައްތަރެއްގެ ފިލްމަކަށެވެ. އަދި ޝާހްރުކް ކަހަލަ އެކްޓަރަކު މިފަދަ ފިލްމެއް ކުޅުނީތީ ވެސް ގިނަ ބަޔަކު ސުވާލު އުފައްދާފައިވެ އެވެ.

އެންމެ ކަމުނުދާ ފިލްމުތަކުގެ ލިސްޓުން ހަތް ވަނަ ލިބިފައި ވަނީ ވިޝާލް ބަރްދްވާޖްގެ "ރަންގޫން" އެވެ. ކަންގަނާ ރަނާވަތު ކަހަލަ ކުޅަދާނަ އެކްޓަރަކަށް ވެސް މި ފިލްމު ފެއިލްވުމުން ސަލާމަތެއް ކޮށެއް ނުދެވުނެވެ.