09 ޑިސެމްބަރ 2017 - 07:09

ކުޅަދާނަ އެކްޓަރު ރާޖްކުމާރު ރާއޯ އާއި ޝްރައްދާ ކަޕޫރުގެ ފިލްމެއް އިއުލާން ކޮށްފި އެވެ. އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ހޮރޯ-ކޮމެޑީ އެކެވެ. ޝްރައްދާ އާއި ރާޖްކުމާރު ވަނީ މި ފިލްމާ ބެހޭގޮތުން ޓުވީޓްކޮށްފަ އެވެ.
ޝްރައްދާގެ ޓުވީޓްގައި އޭނާގެ އެންމެ ފޭވަރިޓް އެއް އެކްޓަރު ރާޖްކުމާރާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި ފިލްމު ޑައިރެކްޓްކުރަނީ ރާޖް އެންޑް ޑީކޭ ކަމަށް ބުނެފައިވެ އެވެ.
ރާޖްކުމާރުގެ ޓުވީޓްގައި ވެސް ޝްރައްދާއާ އެކު ފިލްމު ކުޅެވޭތީ ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ.
ފިލްމުގެ ނަމާއި އިތުރު ތަފްސީލުތައް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ޝްރައްދާ މި ފިލްމުގައި ކުޅެނީ ކުޑަ އަވަށެއްގައި ދިރިއުޅޭ ސިއްރުން ފުރިފައިވާ ދިރިއުޅުމެއް އުޅޭ އަންހެންކުއްޖެއްގެ ބައި ކަމަށްވެ އެވެ.
ޝްރައްދާ މިހާރު ކުޅެމުން އަންނަނީ ސައުތު އިންޑިއާގެ ފިލްމެއް ކަމަށްވާ "ސާހޯ" އެވެ. މި ފިލްމުގެ ބަތަލަކީ ސައުތުގައި މިހާރު އެންމެ ވިދާ އެއް އެކްޓަރު ކަމަށްވާ ޕްރަބާސް އެވެ.
ރާޖްކުމާރު ވަނީ އައިޝްވަރިޔާ ރާއީއާ އެކު ކުޅޭ "ފެނީ ޚާން"ގެ މަސައްކަތް މި ހަފުތާގައި ފަށައިފަ އެވެ.
އަންނަ އަހަރަކީ ބޮލީވުޑްގައި މީގެ ކުރިން ނުފެންނަ އެކްޓަރުންގެ ޖޯޑުތައް ފެނިގެން ދާނެ އަހަރަކަށް ވާނެ އެވެ. އެގޮތުން ރަންބީރު ކަޕޫރާއި އާލިއާ ބަޓް "ބްރަހްމަޝްތުރާ" ކުޅެން ހަމަޖެހިފައިވާއިރު "ރާޒީ" އިން އާލިއާ އާއި ވިކީ ކައުޝަލް ފެނިގެން ދާނެ އެވެ. އަދި ވަރުން ދަވަން އާއި އަނުޝްކާ ޝަރުމާ ވެސް ދަނީ "ސުއި ދާތާ ކިޔާ ފިލްމެއް ކުޅެމުންނެވެ. މިއީ ވެސް މުޅިން އާ ޖޯޑެކެވެ.