07 ޑިސެމްބަރ 2017 - 13:42

ބެއިޖިން (ޑިސެމްބަރު 7) - އިންޑިއާގެ ޑްރޯނެއް ޗައިނާގެ ވައިގެ ސަރަހައްދަށް ވަދެ ވެއްޓިފައިވާ ކަމަށް ޗައިނާގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.
ވެސްޓަން ތިއޭޓާ ކޮމްބެޓް ބިއުރޯގެ ޑިޕިއުޓީ ޑިރެކްޓަރު ޒަންގް ޝުއިލީ ވިދާޅުވީ އެ ހާދިސާ ހިނގީ ވަރަށް ފަހުން ކަމަށެވެ. ނަމަވެސް އެ ހާދިސާ ހިންގި ސަރަހައްދެއް އޭނާ ވިދާޅެއް ނުވެ އެވެ.
ޒަންގް ހަވާލާދީ ޒިންހުއާ ނިއުސް އެޖެންސީން ބުނީ ޗައިނާގެ ވައިގެ ސަރަހައްދު އިންޑިއާ އިން ގަވާއިދާޚިލާފަށް ބޭނުންކޮށްފައިވާ ކަމަށެވެ. ޗައިނާގެ ސަރަހައްދަށް އިންޑިއާގެ ޑްރޯނެއް ވެއްޓިފައިވާ ކަމަށް ބުނި ނަމަވެސް އިންޑިއާ އިން އެކަމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ޗައިނާގެ ރަސްމީ ނޫސް އެޖެންސީ އަށް ޒަންގް ވިދާޅުވީ ޑްރޯންގެ "ވެރިފިކޭޝަން" ޗައިނާގެ ބޯޑަރު ސިފައިން ކޮށްފައިވާ ކަމަށެވެ. އަދި ޗައިނާގެ ސަރަހައްދަށް ޑްރޯނެއް ވެއްޓުމަކީ އެ ގައުމުން ހިތާމަކުރާ ކަމެއް ކަމަށް ޒަންގް ވިދާޅުވި އެވެ.
ހިމާލިޔަން ބޯޑަރުގެ މައްސަލާގައި އިންޑިއާ އާއި ޗައިނާ އިން މި އަހަރުގެ ހޫނުމުސުމުގައި ވަނީ ކުރިމަތިލުމަކާ ހަމައަށް ގޮސްފަ އެވެ. ނަމަވެސް ދެ ގައުމުގެ ސިފައިން ފަހަތަށް ޖެއްސުމުން މައްސަލަ ވަނީ އޮގަސްޓް މަހު ހައްލުވެފަ އެވެ. ބޯޑަރު މައްސަލާގައި ޗައިނާ އާއި އިންޑިއާ އިން ވަނީ 1962 އަހަރު ހަނގުރާމަކޮށްފަ އެވެ.