ބިގް ބޮސްގެ ބައިވެރިއެއްގެ އަންހެނުން ހީނާގެ ދިފާއުގައި
ބިގް ބޮސްގެ ބައިވެރިއެއްގެ އަންހެނުން ހީނާގެ ދިފާއުގައި

މިހާރު ބިގް ބޮސްގެ ގޭގައި ތިބި ބައިވެރިންގެ ތެރޭގައި ހިމެނޭ ޓީވީ ބަތަލާ ހީނާ ޚާން އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވާއިރު ބިގް ބޮސްގެ އެހެން ބައިވެރިއެއް ކަމަށްވާ ޓީވީ އެކްޓަރު ހިތެން ތޭޖްވާނީގެ އަންހެނުން ގޯރީ ޕްރަދާން ހީނާ ދިފާއުކޮށް ވާހަކަ ދައްކައިފި އެވެ.

ބިގް ބޮސްގެ ގޭގައި މިހާރުވެސް ހުރި ހިތެންގެ އަންހެނުން ގޯރީ ބުނި ގޮތުގައި ހީނާ އަކީ ދަންނަ މީހެއް ވެސް ނޫން ކަމަށާއި ނަމަވެސް ބިގް ބޮސްގެ ގޭގައި އޭނާ އުޅޭ ގޮތުން ހީނާ އަށް ފާޑުކިޔައިގެން ނުވާނެ ކަމަށެވެ. އެހާ ގިނަ ދުވަހު ބިގް ބޮސްގެ ގޭގައި އުޅެން ޖެހުމުން ކޮންމެ މީހަކުވެސް ގޮތް ހުސްވާނެ ކަމަށާއި ހީނާ އަށް ވެގެން އުޅެނީ އެހެން ކަމަށް ގޯރީ ގަބޫލު ކުރެ އެވެ. ނަމަވެސް އޭނާ އުޅޭ ގޮތް ޓީވީން އެންމެން ބަލާނެ ކަން ހީނާ ވެސް ވިސްނާލަން ޖެހޭނެކަމަށް ގޯރީ ގަބޫލު ކުރެ އެވެ.

"އަހަންނަށް ހީވަނީ ބައެއް މީހުންނަށް ރުޅި ކޮންޓްރޯލްކުރަން އުނދަގުލީހެން. ބިގް ބޮސްގެ ގޭގައި ނޫންނަމަ ހީނާ ކަންތައް ނުކުރާނެ ބައެއް ގޮތް ގޮތަށް ހީނާ އަށް މިހާރު އެބަ ކަންތައް ކުރެވޭތަން ފެނޭ،" ގޯރީ ބުންޏެވެ.

ގޯރީ އަކީ ވެސް މަޝްހޫރު ޓީވީ ތަރިއެކެވެ. އޭނާ އާއި ހިތެން ކައިވެނި ކުރީ ދެ މީހުން އެކުގައި ކުޅުނު "ކުތުމްބް" ކިޔާ ޓީވީ ސިލްސިލާއަކަށް ފަހުގަ އެވެ.

ބިގް ބޮސް ގޭގައި ހިތެން އުޅޭ ގޮތާ ބެހޭ ގޮތުން ގޯރީ ބުނީ އޭނާ އުޅެނީ ގޭގައި ވެސް ހަމަ އުޅޭ ގޮތަށް ކަމަށެވެ. އަދި އެއްވެސް ހާލެއްގައި ހިތެންގެ މިޒާޖު އެނޫން ގޮތަކަށް ބަދަލުވާން ނުވެސް އެދޭ ކަމަށް އޭނާގެ އަންހެނުން ބުންޏެވެ. އަދި ހިތެން ފަހަތުން އަޅައިގަނެގެން އަރްޝީ ޚާން އުޅޭތީ ވެސް ގޯރީ މައްސަލައެއް ނުޖައްސަ އެވެ. ގޯރީ ބުނީ އޭނާ އެހެން އުޅުނަސް ހިތެން އަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށެވެ.

މި ހަފުތާގައި ބިގް ބޮސްގެ ގެއިން ނުކުންނަން ނޮމިނޭޓްވީ އާކާޝް އާއި ޝިލްޕާ ޝިންޑޭ ނަމަވެސް މި ހަފުތާގައި އެއްވެސް މީހަކު ދާން ނުޖެހޭނެ ކަމަށް ބިގް ބޮސް ވަނީ އިއުލާން ކޮށްފަ އެވެ.

އަޑު އަރާފައިވާ ގޮތުގައި، އާކާޝް ނުވަތަ ޝިލްޕާ ސިއްރު ކޮޓަރިއަކަށް ލައިގެން ބިގް ބޮސްގެ ގޭގައި ހިނގާ ކަންތައްތައް ފެންނަ ގޮތަށް ބައިންދަން ބިގް ބޮސް ވަނީ ނިންމާފަ އެވެ.