07 ޑިސެމްބަރ 2017 - 12:03

ސައިރިކްސް ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ވަނުމަށް ބޭނުންވާ ދަރިވަރުން ހޭލުންތެރި ކުރުމުގެ ގޮތުން ބާއްވާ އޯޕަންޑޭ އިއްޔެ ފަށައިފި އެވެ.
އެ ކޮލެޖުން ބުނީ އަންނަ އަހަރު ފަށާ ކޯސްތަކުގެ މައުލޫމާތު ދިނުމަށް އިއްޔެ ފެށި އޯޕަން ޑޭގެ ހަރަކާތްތައް އަންނަ ހަފުތާގެ އަންގާރަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ. އެ މުއްދަތުގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 5:00 އަށް އެ އޯޕަންޑޭގެ ހަރަކާތްތައް ހިންގާނީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އާ އިންވެގެން ހުންނަ އެ ކޮލެޖްގެ އާ ބިޒްނަސް ސްކޫލުގަ އެވެ.
ސައިރިކްސް އިން ބުނީ މިދިޔަ މަހު އަލަށް ތައާރަފުކުރި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން އިންޓަނޭޝަނަލް ޕްރޮގްރާމަކާއި މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ކޯހުގެ މައުލޫމާތު ދިނުމާއި ކޯހަށް ވަންނަން ބޭނުންވާ އެޕްލިކޭޝަން ފުރުމުގެ ކަންތައްތައް ކުރިއަށް ދާނެ އެވެ.
މީގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) އާއި ވިޔަފާރި އާއި ތައުލީމާ ގުޅޭ ކޯސްތަކަށް ވަނުމާއި ކިޔެވުމަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތްތަކުގެ މައުލޫމާތު ވެސް ލިބޭނެ ކަމަށް ބުންޏެވެ.
މީގެ 24 އަހަރު ކުރިން ވުޖޫދުވި ސައިރިކްސް ކޮލެޖުން ދަސްވެނިވި އެތައް ދަރިވަރުންނެއް އަންނަނީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް ވަޒީފާ އަދާކުރަމުންނެވެ. އެ ކޮލެޖުގެ ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށް، އަދި ރާއްޖޭން ބޭރުގެ ޔުނިވާސިޓީތައް ވެސް ބަލައިގަންނަ ފެންވަރުގެ ކޯސްތަކެކެވެ.