11 ޖުލައި 2016 - 06:12

އީދު ބަންދުގައި ދަތުރު ގޮސް މޫދަށް އެރި އަވީގައި ގިނައިރު އުޅުމުގެ ސަބަބުން ހަންގަނޑު ކަޅުވެ ޓޭން ވެފައިވާ މީހުން މި ދުވަސްވަރު ވަރަށް ގިނައިން ފެނެެ އެވެ. މަޖާ ދަތުރަކަށްފަހު އަތުގެ އޮޅޮންބޮށިން މަތި އެހެން ކުލައެއްގައި ކަރު އެހެން ކުލައެއްގައި ނުވަތަ މޫނު އެހެން ކުލައެއްގައި ހުރުމަކީ އާއްމު ކަމެކެވެ. ނަމަވެސް، މިފަދަ ގޮތަކަށް ހުރެ އޮފީހަށް ނުވަތަ ޕާޓީއަކަށް ދާން ޖެހިލުންވާ ނަމަ ހަންގަނޑުގެ އަސްލު ކުލަ ގެނެސްދޭ "ފޭސް ޕެކެއް" އަޅާލުމުން ރަނގަޅުވާނެ އެވެ.

މި ޕެކް ތައްޔާރުކޮށްލަން ބޭނުންކުރާ މައިގަނޑު އެކައްޗަކީ ދޮންކޭލެވެ. މިއީ ވިޓަމިން އޭ، ބީ ކޮމްޕްލެކްސް، އީ، ކެލްސިއަމް އާއި އަޔަންގެ އިތުރުން ހަންގަނޑު ޒުވާންކޮށްދޭ ކޮލާޖެން ވެސް ހުންނަ މޭވާއެކެވެ.
ފޭސް ޕެކަށް ބޭނުންވާނީ:
* ބައި ސަމުސާ ދޮންކެޔޮ ޗަސްކޮށްފައި
* ބައި ސަމުސާ ދިޔާ ކިރު
* އޯޓްސް (ހެޔޮވަރު ވަރަކަށް)
ދޮންކެޔޮ ކޮޅާއި ކިރު ފޮދު އަދި އޯޓްސް ކޮޅު އެއްކޮށްލާށެވެ. ގާތްގަނޑަކަށް ފަސް މިނެޓު ވަންދެން ފޯކޮށްލަން ބަހައްޓާލާށެވެ. އެއަށްފަހު ރަނގަޅަށް އެއްކޮށްފައި މޫނުގައި އެއްވަރަކަށް ހާކާށެވެ. އަދި 15 ނުވަތަ 20 މިނެޓު ވަންދެން މޫނުގައި އަޅާފައި ބެހެއްޓުމަށް ފަހު، ހުސް ފެން ފޮދަކުން ރަނގަޅަށް ދޮވެލާށެވެ.
މިއީ ހިކިވެ ހަލާކުވެފައި ހުންނަ ހަންގަނޑަށް ވަރަށް ރަނގަޅު އަދި ފަސޭހައިން ތައްޔާރުކޮށްލެވޭނެ ފޭސް ޕެކެކެވެ. އޯޓްސް އަކީ ހަންގަނޑު "އެކްސްފޯލިއޭޓް" ކޮށްލަން އެހީވެދޭ އެއްޗެކެވެ. އަދި ކިރުގައި ހިމެނޭ ލެކްޓިކް އެސިޑާއި ވިޓަމިން އީ ގެ ސަބަބުން ހަންގަނޑު އޮމާންކޮށްދީ ރަނގަޅު ކޮށްދެ އެވެ. ދޮންކޭލުގެ ސަބަބުން ހަންގަނޑުގެ ކުލަ އެއްވަރުކޮށްދީ އުޖާލާ ކޮށްދެ އެވެ.