06 ޑިސެމްބަރ 2017 - 22:55

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ކަނޑައަޅައިފި ނަމަ އިތުރަށް ހަމަނުޖެހުން ބޮޑުވާނެ ކަމެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ފާޑު ކިޔުން އެމެރިކާ އަށް އަމާޒުވެފައި ވަނިކޮށް، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ގުދުސް ފަދަ ތަނެއްގައި އިތުރަށް ހަމަނުޖެހުން އުފެދޭނެ ސިޔާސަތެއް ތަންފީޒު ކުރުމަކީ އެކަމުގެ ސަބަބުން ހަރުކަށި ފިކުރުތައް އިތުރަށް ވަރުގަދަވާން ދެވޭ ފުރުސަތަކަށް ވާނެ ކަމަށެވެ.
އެމެރިކާގެ އެ ނިންމުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް މިރޭ ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ އެ ނިންމުމަކީ ބޭ އިންސާފަށް ތާއީދު ކުރުމުގެ އަމަލެއް ކަމަށެވެ.
އިޒްރޭލުގެ ވެރިރަށް ތެލްއަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ފަލަސްތީނުގެ ގުދުސަށް ބަދަލުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމެވި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް، ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ވެސް މިއަދު ވަނީ ބުނެފަ އެވެ.
އެމެރިކާގެ މި ނިންމުމަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ބަލައިގަތުމަށް ދުނިޔޭގެ ގައުމަކުން ނިންމި ފުރަތަމަ ފަހަރެވެ. އެ ނިންމުމާ މެދު އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.