06 ޑިސެމްބަރ 2017 - 21:04

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަކީ ބޭ އިންސާފާއި ހަމަނުޖެހުމަށް ކުރެވޭ ތާއީދެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ގުދުސް އަކީ އިޒްރޭލްގެ ވެރިރަށް ކަމަށް ދުނިޔޭގެ އެއްވެސް ގައުމަކުން ގަބޫލު ނުކޮށް އޮއްވައި، އެމެރިކާ އިން މިއަދު ވަނީ ގުދުސް އަކީ އިޒްރޭލްގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް ނިންމައިފަ އެވެ. އެކަމާ މެދު އިސްލާމީ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިކަމާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ގުދުސް އަކީ އިޒްރޭލްގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަކީ އެ ސަރަހައްދުގެ ހަމަޖެހުމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އެއީ ބޭ އިންސާފަށް ތާއީދުކޮށް ކުރި ކަމެއްގެ ގޮތުގައި އެ ޓްވީޓްގައި މައުމޫން ސިފަ ކުރައްވާފައިވެ އެވެ.
އެމެރިކާއިން އެގޮތަށް އިއުލާން ކުރަން ނިންމީ ގިނަ ގައުމުތަކުން އެކަމަށް ދެކޮޅު ހަދަމުން ދަނިކޮށެވެ. އަދި އެމެރިކާގެ އެ ނިންމުމަށް އދ. އިން ވެސް ވަނީ ފާޑު ކިޔައިފަ އެވެ.