09 ޖުލައި 2016 - 08:09

އެންމެ މޮޅީ ކޮން ފޯނެއްތޯ އަހަފި ނަމަ އެ ފޯނެއް ވާނީ ސެމްސަންގް ނުވަތަ އެޕަލްގެ އުފެއްދުމަކަށެވެ. އެ ނޫން ކުންފުންޏެއްގެ ނަންގަނެގެން ލަދުގަންނަންޖެހިދާނެތީ އެވެ. ސެމްސަންގް އާއި އެޕަލް އަށް ވުރެ ސްމާޓްފޯން މަސްރަހުގައި ނަންހިނގާ އެހެން ކުންފުންޏެއް ނެތެވެ.
ބެންޗްމާކް/ރޭންކިން ކުންފުންނެއް ކަމަށްވާ އޭންޓުޓޫ ބުނާ ގޮތުގައި، އެންމެ ބާރުގަދަ ފޯނުތައް އުފައްދަނީ ޗައިނާގަ އެވެ. ސެމްސަންގް އާއި އެޕަލްގެ ނަން މަޝްހޫރު ނަމަވެސް ފޯނުތަކުގެ ފެންވަރަށް ބަލާއިރު، ކިޔޫގައި ތަރުތީބުކުރެވެނީ ޗައިނާ ކުންފުނިތަކަށް ވުރެ ފަހަތުގަ އެވެ.
އޭންޓުޓޫ ބުނާ ގޮތުގައި ބެންޗްމާކް ޓެސްތަކުން އެންމެ ކުރީގައި އުޅެނީ ވަންޕްލަސް 3 އެވެ. ވަންޕްލަސް އަކީ ޗައިނާ ކުންފުންޏެވެ. ދުނިޔެ އަށް މަޝްހޫރުވަމުން އަންނަ ވަންޕްލަސްގެ ފޯނުތައް އެމެރިކާ އާއި ޔޫރަޕްގައި ވެސް ނުހަނު ކާމިޔާބެވެ. ވަންޕްލަސް ވެފައި ފަނީ ސްމާޓްފޯނު މާކެޓްގައި ވަރަށް ހަގު އުމުރުގައި ގިނަ ކާމިޔާބުތަކެއް ހޯދި ކުންފުންޏަކަށެވެ. ވަންޕްލަސް އުފައްދާފައި ވަނީ ޑިސެމްބަރު 13، 2013 ގައި ޗައިނާގަ އެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލައި އޭންޓުޓޫއިން އެކުލަވާލި ލިސްޓްގެ ދެވަނާގައި އުޅެނީ "ވީވޯ އެކްސްޕްލޭސް 5 އެލީޓް" އެވެ. މިއީ ބަޔަކު ސްމާޓްފޯނަކަށް ކިޔާފާނެ ނަމެއް ބާއޭ ހިތައް ތަރަ އެވެ. ކުރި އަށް އޮތް "ވީވޯ" ކަނޑާލި ނަމަވެސް ހީވަނީ ރަޝިޔާގެ ނިއުކްލިއާ ސަބްމެރީންއަކަށް ކިޔާ ނަމެއްހެންނެވެ.
ބެންޗްމާކް ޓެސްޓްތަކުން ތިން ވަނަ ހޯދަނީ "ލިއެކޯ މެކްސް 2" އެވެ. ދެން ހުރި ނަންތައް ބަހައްޓާފައި "ސެމްސަންގް ގެލަކްސީ އެސް 7 އެޖް" އުޅެނީ ހަވަނާގައި ކަމަށް ބުނެލާނަމެވެ. އައިފޯން 6އެސް ހަތްވަނާގަ އެވެ. އެ ލިސްޓްގައި ލެނޮވޯ ފޯނުތައް ވެސް އެބަ ހުއްޓެވެ. އާންމުކޮށް މީހުން ދަންނަ އެހެން ނަމެއް ނެތެވެ. ބެންޗްމާކް ޓެސްޓްތަކުގެ ތަފްސީސް އޭންޓުޓޫ ވެބް ސައިޓްގައި އެބަ ހުއްޓެވެ.