06 ޑިސެމްބަރ 2017 - 19:07

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ބައްޕަ މުހައްމަދު ހައްސާން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ހައްސާން މާދަމާ މެންދުރު ފަހު 3:00 އަށް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ސަރަހައްދުގައި، އޭނާ އިސްވެ ހުރެ ދައުލަތުގެ އިސްވެރިންގެ މައްޗަށް ބަދު ދުއާކުރި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ފޮނުވި ޗިޓްގައި ވެ އެވެ.
އަނިޔާވެރިކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިސްލާމީ މަރުކަޒު ސަރަހައްދުގައި ކުރި ދުއާގައި ބައިވެރިވަނިކޮށް ކުރިން ވެސް މަހްލޫފްގެ ބައްޕަ ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ. އެކަމަކު ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
މަހްލޫފްގެ ބައްޕަ މާދަމާ ފުލުސް އޮފީހަށް ހާޒިރުކުރާއިރު، މަހްލޫފް ސްރީ ލަންކާގައި ހުންނަވަނިކޮށް، ސަރުކާރުން ވަނީ މަހްލޫފްގެ ޕާސްޕޯޓް މިދިޔަ އޮކްޓޯބަރު މަހު ހިފަހައްޓައިފަ އެވެ.
އެނގިފައިވާ ގޮތުގައި މަހްލޫފްގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ތިން މަސް ދުވަހަށެވެ.