06 ޑިސެމްބަރ 2017 - 15:18

ކޮލަމްބޯ (ޑިސެމްބަރު 6) - ބޭ އޮފް ބެންގާލުގެ މެދުތެރޭގައި އުފެދިފައިވާ ލޯ ޕްރެޝާއެއްގެ ބާރުގަދަވަމުންދާތީ ކަނޑުމަތީގައި ތިބި ސްރީ ލަންކާގެ މަސްވެރިން ސަމާލުވުމަށް އެ ގައުމުގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން އަންގައިފި އެވެ.
އުތުރުގެ ޓްރިންކޮމަލީ އާއި ޕޮއްޓުވިލް އަދި ކަންކަސަންތުރަ ހިމެނޭ ސަރަހައްދުގެ ކަނޑުތައް ބައެއް ވަގުތުތަކުގައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އޮފިޝަލުން ބުނެފައިވެ އެވެ. އެ ސަރަހައްދަށް ގަޑިއަކު 60-70 ކިލޯ މީޓަރުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ނޮދަން އަދި ނޯތު-ސެންޓްރަލް- އީސްޓަން ޕްރޮވިންސަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާ އިން ވަނީ ބުނެފަ އެވެ.
ލަންކާގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން މިއަދު އެންމެ ފަހުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން ސްރީ ލަންކާއާ 800 ކިލޯ މީޓަރު ދުރުގައި އުފެދިފައިވާ ލޯ ޕްރެޝާ އޭރިއާ މިހާރު ދަނީ އެ ގައުމާ ދުރަށް ދަތުރު ކުރަމުންނެވެ.