06 ޑިސެމްބަރ 2017 - 12:15

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދުގައި 15 ބުރީގެ ދެ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން މިއަދު އިއުލާންކޮށްފި އެވެ.
ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" މަޝްރޫއުގެ ދަށުން ގައުމީ ޔުނިވަސިޓީން ޓަވަރު އަޅަން ނިންމާފައިވަނީ، ކޮންމެ އިމާރާތެއް 10،000 އަކަފޫޓުގެ ބިމެއްގަ އެވެ. އަދި އެ މަސައްކަަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަން ޖެހެ އެވެ.
ހުޅުމާލޭގައި 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 25 ބުރީގެ 62 ޓަވަރު އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ބައެއް ޓަވަރުތައް ހަދަން ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކުރުމުން، އެ ކުންފުނިތަކުން އަންނަނީ އެކަން ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރަމުންނެވެ.
އެގޮތުން ކަސްޓަމްސް އިން ހަތަރު ޓަވަރު، އައިލެންޑް އޭވިއޭޝަނުން ތިން ޓަވަރު، ސްޓެލްކޯ އިން ދެ ޓަވަރު، އެމްޓީސީީސީން ދެ ޓަވަރު، އެމްޕީއެލް އާއި ވެމްކޯއިން ދެ ޓަވަރު އަޅަން ވަނީ އިއުލާންކޮށްފަ އެވެ.
ފްލެޓްތައް އަޅަން ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރީ، އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދޫކުރުމަށް ފަހު ބާކީ ހުންނަ ފްލެޓްތައް އާއްމުންނަށް ވިއްކާލެވޭ ގޮތަށެވެ.
"ހިޔާ" މަޝްރޫއުގެ ދަށުން ޓަވަރު އަޅަން އެންމެ ފުރަތަމަ އިއުލާން ކުރީ 25 ބުރިއަށް ނަމަވެސް މިހާތަނަށް ހުރިހާ ކުންފުންޏަކުން ވެސް އިއުލާން ކޮށްފައިވަނީ 15 ބުރިއަށް އިމާރާތް ކުރުމަށެވެ. އެޗްޑީސީން ބުނީ ރެސިޑެންޝަލް ޓަވަރުތައް 25 ބުރިއަށް އެޅުން ލާޒިމް ނޫން ކަމަށާއި އެކަމަކު ދަށްވެގެން ވެސް އިމާރާތް ކުރެވޭނީ 14 ބުރިއަށް ކަމަށެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު، އެ ތަނުގައި 15،000 ފްލެޓް އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި "ހިޔާ" މަޝްރޫއުގެ ދަށުން އަޅާ ހައުސިން ޔުނިޓްތައް 2019 ގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން ރައީސް އަބްދުﷲ ޔާމީން ދެއްވައިފަ އެވެ.