ވިންޓަ އޮލިމްޕިކްސް އިން ރަޝިއާ ސަސްޕެންޑްކޮށްފި
ވިންޓަ އޮލިމްޕިކްސް އިން ރަޝިއާ ސަސްޕެންޑްކޮށްފި

ލަންޑަން (ޑިސެމްބަރު 6) - އަންނަ އަހަރު ދެކުނު ކޮރެއާގައި ބާއްވާ ވިންޓަ އޮލިމްޕިކްސް އިން ރަޝިއާ ސަސްޕެންޑް ކުރުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމައިފި އެވެ.

މިދިޔަ އަހަރު ލޯޔަރު ރިޗަޑް މެކްލަރެން ނެރުނު ރިޕޯޓުގައި 2011 އިން 2015 އަށް ބޭއްވި ގިނަ ކުޅިވަރު މުބާރާތްތަކުގައި ރަޝިއާގެ އެތުލީޓުން މަނާ ބޭސް ބޭނުންކޮށްގެން މަކަރު ހަދާފައިވާ ކަމަށް ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ. މި މައްސަލަ އައިއޯސީން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި މައްސަލަތައް ނިމޭ ވަރަކަށް މަނާ ބޭސް ބޭނުންކުރިކަން ސާބިތުވާ އެތުލީޓުންނަށް އަންނަނީ އަދަބު ދެމުންނެވެ. އައިއޯސީން ވަނީ މި މަހުގެ މިހާތަނަށް ރަޝިއާގެ 19 އެތުލީޓަކު ސަސްޕެންޑްކޮށްފަ އެވެ.

މި މައްސަލައިގައި ތަހުގީގު ކުރިއަށްދާއިރު އައިއޯސީން ވަނީ އަންނަ ފެބްރުއަރީ މަހު ދެކުނު ކޮރެއާގެ ޕޯންޗަންގައި ފަށާ ވިންޓަ އޮލިމްޕިކްސް އިން ރަޝިއާ ސަސްޕެންޑްކޮށްފަ އެވެ. އަދި މަނާބޭސް ބޭނުންނުކުރާކަން ސާބިތުކޮށްދޭ ރަޝިއާގެ އެތުލީޓުން ނިއުޓްރަލް އެތުލީޓެއްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދޭން އައިއޯސީން ވަނީ ނިންމައިފަ އެވެ.

އައިއޯސީގެ ރައީސް ތޯމަސް ބަޗް ވިދާޅުވެފައިވަނީ ރަޝިއާ ސަސްޕެންޑް ކުރަން ނިންމީ ތަހުގީގު ޓީމުން އެގޮތަށް ލަފާދިނުމުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށެވެ.

އައިއޯސީން ވަނީ ރަޝިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ކުރީގެ ކުޅިވަރާ ބެހޭ މިނިސްޓަރު ވިޓާލީ މުޓްކޯ މުސްތަގުބަލުގައި ބާއްވާ ހުރިހާ އޮލިމްޕިކްސް ގޭމްސްގައި އެއްވެސް ސިފައެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.

މެކްލަރެންގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ރަޝިއާގެ އެތުލީޓުން މަނާ ބޭސް ބޭނުންކުރަނީ އެ ގައުމުގެ އޮފިޝަލުންގެ އެހީގައި މެޑެއްޔަށް ޓާގެޓް ކޮށްގެންނެވެ. މައްސަލަ ބެލުމަށް ފަހު މަނާ ބޭސް ބޭނުންކުރިކަން ސާބިތުވާ އެތުލީޓަކަށް އެ އިވެންޓަކުން މެޑެއްޔެއް ލިބިފައިވާ ނަމަ އައިއޯސީން އަންނަނީ އެ އެތުލީޓަކު އަތުން މެޑަލް ނަގަމުންނެވެ. އަދި މެޑަލް ނެގުމަށް ފަހު އެ އިވެންޓަކުން ދެ ވަނަ ދިޔަ އެތުލީޓަކަށް މެޑަލް ރައްދުކޮށްދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.