ސަޕޯޓަރުން ނުކުމެ ޖޯޖިއާގެ ކުރީގެ ރައީސް ފުލުހުންގެ އަތްދަށުން ސަލާމަތްކޮށްފި
ސަޕޯޓަރުން ނުކުމެ ޖޯޖިއާގެ ކުރީގެ ރައީސް ފުލުހުންގެ އަތްދަށުން ސަލާމަތްކޮށްފި

ކިއޭވް (ޑިސެމްބަރު 6) - ޔޫކްރޭނުގެ ވެރިރަށް ކިއޭވްގައި ފުލުހުންގެ ވޭނެއްގެ ތެރޭގައި އިންނެވި ޖޯޖިއާގެ ކުރީގެ ރައީސް މިޚެއިލް ސާކަޝްވިލީ ސަޕޯޓަރުން ނުކުމެ ސަލާމަތްކޮށްފި އެވެ.

ސަޕޯޓަރުން ނުކުމެ ޖޯޖިއާގެ ކުރީގެ ރައީސް ފުލުހުންގެ އަތްދަށުން ސަލާމަތްކޮށްފި
ސަޕޯޓަރުން ނުކުމެ ޖޯޖިއާގެ ކުރީގެ ރައީސް ފުލުހުންގެ އަތްދަށުން ސަލާމަތްކޮށްފި

ކުށްކުރާ ޖަމާއަތަކަށް އެހީވިކަމުގެ ތުހުމަތުގައި ޔޫކްރޭން ފުލުހުން ބަންދުކުރި ސާކާޝްވިލީ، 49، ސަލާމަތްވުމާ އެކު އޭނާ ވަނީ ޔޫކްރޭނުގެ ޕެޓްރޯ ޕޮރޮޝެންކޯ ހައްޔަރު ކުރުމަށް ގޮވާލައިފަ އެވެ.

ސާކާޝްވިލީ ވަނީ 2015 ވަނަ އަހަރު ޔޫކްރޭނުގެ ރައްޔިތަކަށްވެފަ އެވެ. އެހެންވެ އޭނާ އަށް ވަނީ ޖޯޖިއާގެ ޕާސްޕޯޓް އޮޓޮމެޓިކުން ގެއްލިފަ އެވެ. މިދިޔަ ޖުލައި މަހު ޖޯޖިއާގެ ރައްވެހިކަން ސާކާޝްވިލީ އަށް ގެއްލުމުން އޭނާ އަކީ މިހާރު ވަކި ގައުމަކަށް ނިސްބަތް ނުވާ މީހެކެވެ. ޔޫކްރޭނަށް ވަޑައިގަތުމުގެ ކުރިން ސާކާޝްވިލީ ވަނީ ޖޯޖިއާގެ ރައީސްކަން 10 އަހަރު ކުރައްވައިފަ އެވެ.

ސާކާޝްވިލީ ވިދާޅުވީ ރައީސް ޕޮރޮޝެންކޯ އަކީ ކޮރަޕްޓް މީހެއް ކަމަށެވެ. އެއް އަތުގައި އޮތް ބިޑިއާ އެކު ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ސާކާޝްވިލީ ވަނީ ޔޫކްރޭން ޕާލަމެންޓާ ދިމާލަށް ދިއުމަށް ގޮވާލައިފަ އެވެ.

"ޕޮރޮޝެންކޯ މަގާމުން ދުރުކުރުމަށް ސުލްހަވެރި ގޮތުގައި މުޒާހަރާ ކުރަން ގޮވާލަން،" ސާކާޝްވިލީ ވިދާޅުވި އެވެ.

ޔޫކްރޭނުގެ ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ސާކާޝްވިލީ އަމިއްލަ އަށް ފުލުހުންނަށް ހަވާލުވުމަށް 24 ގަޑިއިރު ދީފަ އެވެ. ފުލުހުން ކުރިން ވަނީ ސާކާޝްވިލީ ގޭގައި ހުއްޓާ ދަމާ ނެރެގެން ބަންދުކޮށްފަ އެވެ. ސާކާޝްވިލީގެ ސަޕޯޓަރުންނާ ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިންގައިފަ އެވެ. ސާކާޝްވިލީ ޖޯޖިއާ އަށް އަނބުރާ ފޮނުވާލުމުގެ ފުރުސަތު މިހާރު ބޮޑެވެ.