"ބޭފިކްރޭ"ގެ ނާކާމިޔާބީން އަދިތުޔާ މާޔޫސްވި: ރާނީ
"ބޭފިކްރޭ"ގެ ނާކާމިޔާބީން އަދިތުޔާ މާޔޫސްވި: ރާނީ

ފިލްމީ ބަތަލާ ރާނީ މުކަރުޖީ އާއި ޕްރޮޑިއުސަރު-ޑައިރެކްޓަރު އަދިތުޔާ ޗޯޕްރާގެ ޒަވާޖީ ހަޔާތް ވަރަށް އުފާވެރި އެވެ. ނަމަވެސް ކައިވެންޏަށް ފަހު އަދިތުޔާ ޗޯޕްރާ ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ބޭފިކްރޭ" ފެއިލްވުން ފިިރިމީހާއަށް ގަބޫލުކުރަން ދަތިވި ކަމަށް ރާނީ ބުނެފި އެވެ.

ރާނީ ބުނި ގޮތުގައި "ބޭފިކްރޭ" އޭނާއަށް ވަރަށް ރީއްޗެވެ. ނަމަވެސް ފިލްމު ފެއިލްވުން ގަބޫލުކުރަން އަދިތުޔާ އަށް ވަރަށް އުނދަގޫވި އެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ކުރިމަތިލާން ޖެހުނު ނާކާމިޔާބީން ސަލާމަތްވާން އަދިތުޔާ ވަރަށް މަސައްކަތް ކުރި ކަން ރާނީ ފާހަގަކުރި އެވެ.

ދުވަހަކުވެސް މީޑިއާއާ ވާހަކަ ނުދައްކާ އަދި ފޮޓޯގްރާފަރުންނަށް ވެސް ފިލައިގެން އުޅޭ އަދިތުޔާ ޗޯޕްރާ ފަހަކަށް އައިސް ކޮންމެވެސް ވަރަކަށް ބޭރު ތެރޭން ފޮޓޮގްރާފަރުންގެ ލެންސަށް އަރާފައިވެ އެވެ. އަދިތުޔާ މި ވަރަށް ވެސް ބޭރު ތެރޭން ފެންނަން ފަށާފައި މިވަނީ "ބޭފިކްރޭ" ނާކާމިޔާބުވި ފަހުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް އޭނާއަށް އެ ބަދަލު އަންނަން ފެށީ ރާނީއާ ކައިވެނިކޮށް ދަރިފުޅަކު ލިބުމުން ކަމަށް ގަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ.

ވާނީ ކަޕޫރާއި ރަންވީރު ސިންގް ލީޑް ރޯލަށް ލައިގެން އަދިތުޔާ ޑައިރެކްޓްކުރި "ބޭފިކްރޭ" އަކީ ޝާހްރުކް ޚާން ނޫން އެހެން މީހަކާ އެކު އޭނާ އުފެއްދި ފުރަތަމަ ފިލްމެވެ.

އަދިތުޔާ ފިލްމު ޑައިރެކްޓްކުރަން ފެށުމުގެ ގޮތުން އުފެއްދި ފުރަތަމަ ފިލްމަކީ "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ" އެވެ. އޭގެ ފަހުން "މުހައްބަތޭން" އާއި "ރަބް ނޭ ބަނާ ދީ ޖޯޅީ" ޑައިރެކްޓް ކުރުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ފިލްމު ޑައިރެކްޓްކުރުމާ ދުރުގައި ހުއްޓެވެ. "ބޭފިކްރޭ" އަކީ ގާތްގަނޑަކަށް އަށް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އޭނާ އުފެއްދި ފިލްމެކެވެ.

އަދިތުޔާ އަކީ ރީތި އަދި ކާމިޔާބު ފިލްމުތަކުގެ ރެކޯޑެއް އޮތް މީހަކަށް ވާތީ އެންމެ ފިލްމެއް ވެސް ނާކާމިޔާބުވުމަކީ އޭނާއަށް ބަރުދާސް ނުކުރެވޭ ވަރުގެ ހިތްދަތި ކަމަކަށް ވީ އެވެ.