ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ ބަލައިގެންފި
ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ ބަލައިގެންފި

ވޮޝިންޓަން (ޑިސެމްބަރު 6) - ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަނެ، އެކަން ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދުގެ ވަގުތެއްގައި އިއުލާން ކުރާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެފި އެވެ.

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ ބަލައިގެންފި
ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ ބަލައިގެންފި

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ދުނިޔޭގެ އެއްވެސް ގައުމަކުން އަދި މިހާތަނަށް ބަލައިގެންފައެއް ނުވެ އެވެ. އެހެންކަމުން އެމެރިކާ އަކީ 1948 ވަނަ އަހަރު އިޒްރޭލް އުފެދުނު ފަހުން ގުދުސް އަކީ ޔަހޫދީ ދައުލަތުގެ ވެރިރަށް ކަމަށް ބަލައިގެން ފުރަތަމަ ގައުމެވެ. އިޒްރޭލުގެ ވެރިރަށަކީ ގުދުސް އަށް އެމެރިކާ އިން ނިންމި ނަމަވެސް ތެލް އަވީވުގައި ހުރި އެމެރިކާ އެމްބަސީ މި ވަގުތު ގުދުސް އަށް ބަދަލު ނުކުރާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފައިވެ އެވެ. އެ މަސައްކަތް މަޑުޖައްސާލާފައި ވަނީ ގުދުސް އަށް އެމްބަސީ ބަދަލު ކުރުމަށް އާ އިމާރާތެއް ހަދާ ނިމެންދެން ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭގެ ވަގުތެއްގައި ވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށް ފޯނުން ގުޅުއްވާ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ހަދާނެ ކަމަށް ދަންނަވައިފަ އެވެ.

އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށަށް ހެދުމަކީ ޓްރަމްޕް މާކުރިންސުރެ ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ އިޒްރޭލުގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގެންފައި މިވަނީ އެކަން އެގޮތަށް ނުކުރުމަށް އަރަބި ދުނިޔޭގެ ވަރަށް ގިނަ ލީޑަރުންނާއި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ވެރިން ވެސް ރައީސް ޓްރަމްޕަށް ދަންނަވާފައި ވަނިކޮށެވެ. ސައުދީ އަރަބިއާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ވަނީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ނިންމައިފި ނަމަ މުޅި އަރަބި ދުނިޔޭގެ ރުޅިވެރިކަން އެމެރިކާ އަށް އަމާޒުވެ އިތުރު ހަމަނުޖެހުންތައް އުފެދޭނެ ކަމަށް ޓްރަމްޕަށް ދަންނަވައިފަ އެވެ. ޖޯޑަންގެ ރަސްގެފާން އަބްދުﷲ ވަނީ އެއީ ސުލްހައިގެ މަސައްކަތް ހުއްޓުމަކަށް ގެނެސް އިތުރު ހަމަނުޖެހުން އުފެދޭނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. ގުދުސްގައި ހުންނަ މުސްލިމުންގެ މުގައްދަސް ތަންތަނުގެ ބެލެނިވެރި ފަރާތަކީ ޖޯޑަން އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ގުދުސް އަކީ މުސްލިމުންނަށް ރަތް ރޮނގެއް ކަމަށާއި އެ ރޮނގު އެއްވެސް ބަޔަކަށް ހުރަސް ނުކުރެވޭނެ ކަމަށް ވިދާޅުވެ އެމެރިކާ އަށް އިންޒާރު ދެއްވައިފަ އެވެ. އަދި އެމެރިކާ އިން އެ ގޮތަށް ނިންމައިފި ނަމަ އިޒްރޭލާ ގުޅުން ކަނޑާލާނެ ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ. މެދުއިރުމަތީގެ ހާލަތު އިތުރަށް އުނދަގޫ ފައްތަރަކަށް ނުގެންދިއުމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީ ވަނީ ޓްރަމްޕަށް ގޮވާލައްވައިފަ އެވެ. ފްރާންސްގެ ރައީސް އެމަނުއެލް މޭކަން ވެސް ވަނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަން ޖެހޭނީ ސުލްހައިގެ މަޝްވަރާތަކުގެ ތެރޭން ފަލަސްތީނާއި އިޒްރޭލުން އެއްބަސްވެގެން ކަމަށް ޓްރަމްޕަށް ދަންނަވައިފަ އެވެ. ޔޫރަޕިއަން ޔޫނިއަން އާއި އަރަބި ލީގުން ވެސް ވަނީ އެމެރިކާގެ ނިންމުމަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ދުނިޔޭގެ ލީޑަރުންނާ ގުޅުއްވާ އެމެރިކާގެ ނިންމުން ބަދަލު ކުރޭތޯ އެތައް މަސައްކަތެއް ކުރައްވައިފަ އެވެ.