08 ޖުލައި 2016 - 12:35

މަދީނާ (ޖުލައި 8) - ސައުދީ އަރަބިއާގެ މަދީނާގެ މާތްވެގެންވާ މަސްޖިދުއްނަބަވީގެ ބޭރުގައި ގޮއްވާލި ބޮމާ ގުޅިގެން ހައްޔަރު ކުރި 19 މީހުންގެ ތެރޭގައި ޕާކިސްތާނުގެ 12 މީހުން ހިމެނޭ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ރޯދަ މަހު ގިނަ ބަޔަކު ރޯދަ ވީއްލަން ކީރިތި ރަސޫލާގެ މިސްކިތަށް ޖަމާވެފައި ވަނިކޮށް އެ މިސްކިތުގެ ބޭރުގައި ޖާނުންފިދާވެގެން ހަމަލާ ދިނީ ސައުދީ އަރަބިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 26 އަހަރުގެ ނައިރު މުސްލިމް ހަމަދު ކަމަށް ވެސް ދާޚިލީ ވުޒާރާގެ ތަރުޖަމާނަކު ބުންޏެވެ. އަދި އެއީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ރެކޯޑް އޮތް މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ. މި ހަމަލާގައި ސަލާމަތީ ހަތަރު އޮފިސަރުން ވަނީ މަރުވެފަ އެވެ.

ސައުދީގައި މިދިޔަ ހޯމަ ދުވަހު ވަނީ ބޮމުގެ އިތުރު ދެ ހަމަލާއެއް ވެސް ދީފަ އެވެ. ގާތިފްގެ ޝިއައީ މިސްކިތުގެ ބޭރުގައި ބޮން ގޮއްވާލި ތިން މީހުންގެ ނަން ވެސް ސައުދީން މިހާރު ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އެ މީހުންގެ ގައުމުތަކާ ބެހޭ މައުލޫމާތު އާއްމުކޮށްފައެއް ނުވެ އެވެ. އެކަމަކު އުމުރުން 20-23 އަހަރާ ދެމެދުގެ މި ތިން ޒުވާނުންނަކީ ސައުދީ ރައްޔިތުން ނޫން ކަމަށް ވަނީ ބުނެފަ އެވެ.
ޖިއްދާގައި ހުންނަ އެމެރިކާ ކޮންސިއުލޭޓުގެ ބޭރުގައި ބޮން ގޮއްވާލަން އުޅުނު މީހާ ސަލާމަތީ ފަރާތްތަކުން ވަނީ މަރާލައިފަ އެވެ.
ސައުދީގައި ދިން ތިން ހަމަލާގެ ޒިންމާ ވެސް އެއްވެސް ޖަމާއަތަކުން އުފުލައިފައެއް ނުވެ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ މިއީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިން ހަމަލާތަކެއް ކަމަށެވެ. އައިއެސް ވަނީ ރޯދަ މަހު ހަމަލާ ދިނުން އިތުރު ކުރުމަށް ގޮވާލައިފަ އެވެ.
ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ސައުދީގައި ދިން ގިނަ ހަމަލާތަކުގެ ފަހަތުގައި ވަނީ އިސްލާމިކް އައިއެސް އެވެ. އިރާގާއި ސީރިއާގައި ހަރަކާތްތެރިވާ އައިއެސްއާ ދެކޮޅަށް ވައިގެ ހަމަލާ ދޭ ލަޝްކަރުގައި ސައުދީ އަރަބިއާ ހިމެނެ އެވެ.
ސައުދީގައި ގިނަ ހަމަލާތައް ދީފައި ވަނީ ޝިއައީންގެ ބޮޑު އާބާދީއެއް އޮންނަ އީސްޓަން ޕްރޮވިންސްގަ އެވެ. މިދިޔަ ޖެނުއަރީ މަހު ވަނީ އަލް އަހުސާގެ މިސްކިތެއްގައި ބޮމެއް ގޮއްވާލުމުން ހަތަރު މީހުން މަރުވެފަ އެވެ. ގާތިފްގައި އާޝޫރާ ދުވަސް ފާހަގަކުރަނިކޮށް މިދިޔަ އޮކްޓޯބަރު މަހު ދިން ބަޑީގެ ހަމަލާއެއްގައި ފަސް މީހުން މަރުވެފައިވެ އެވެ. ދެހާސް ސާދަ ވަނަ އަހަރުގެ އާޝޫރާ ދުވަހު ވެސް ވަނީ ބަޑީގެ ހަމަލާއެއްގައި ޝިއައީންގެ ހަތް މީހުން މަރާލައިފަ އެވެ.
މިދިޔަ ޖެނުއަރީ މަހު ވަނީ ދައްމާމުގެ މިސްކިތަކަށް ޖާނުންފިދާވުމުގެ ހަމަލާ ދޭ މީހަކު ވަންނަން އުޅެނިކޮށް ހުއްޓުވި ޝިއައީންގެ މީހަކު މަރުވެފަ އެވެ. އޭގެ ކުރިން އީސްޓަން ޕްރޮވިންސްގެ ޝިއައީ މިސްކިތެއްގައި ބޮން ގޮއްވާލުމުން ވަނީ 21 މީހުން މަރުވެފަ އެވެ.