އައިފޯނުގެ އަގުން 100 ޑޮލަރު ހެޔޮކުރަނީތަ؟
އައިފޯނުގެ އަގުން 100 ޑޮލަރު ހެޔޮކުރަނީތަ؟

އެޕަލް އިން ދެން ނެރޭ ފޯނެއްގެ އަގު، ކުރީގެ ފޯނުތަކާ އަޅާބަލާއިރު 100 ޑޮލަރު އަގު ހެޔޮވާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރަން ފަށައިފި އެވެ.

މި ވާހަކަތަކެއް ދެކެވެން ފަށާފައި މި ވަނީ އައިފޯން 7 އަދި 7 ޕްލަސްއާ އެކު، އެޕަލް އިން ދޫނުކޮށް ގެންގުޅޭ 16 ޖީބީގެ ފޯނު ދޫކޮށްލާނެ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުނުމާ އެކުގަ އެވެ. އެ ނޫހުގައި ބުނެފައި ވަނީ އެޕަލް އިން ދެން ނެރޭ ފޯނުތައް ފެށޭނީ ވެސް 32 ޖީބީ އިން ކަމަށެވެ.

އަަލަށް ނެރޭ އައިފޯނާ ބެހޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަަކަ ދެކެވެމުން ދާއިރު ވޯލް ސްޓްރީޓަކީ މިފަދަ ވާހަކަތަކެއް ދެއްކި އެންމެ އިތުބާރު ހުރި ނޫހެވެ. އެ ނޫހުން ވެސް ބުނީ މީގެ ކުރިން އެޕަލް އިން ހަދަނީ، 16، 64 އަދި 128 ޖީބީގެ ފޯނު ކަމަށް ވިޔަސް ދެން ހަދާނީ 32، 128 އަދި 256 ޖީބީގެ ފޯނު ކަމަށެވެ.

ފޯނުގެ ސްޓޮރޭޖަށް ބަލައިގެން އަގު ކަނޑައަޅާ ނަމަ، އައިފޯން 7ގެ 32 ޖީބީ 649 ޑޮލަށް، 128 ޖީބީ 749 ޑޮލަރަށް އަދި 256 ޖީބީ 849 ޑޮލަރަށް ލިބޭނެ ކަމަށެވެ. އަދި 7 ޕްލަސްގެ 32 ޖީބީ 749 ޑޮލަރަށް، 128 ޖީބީ 849 ޑޮލަރަށް އަދި 256 ޖީބީ 949 ޑޮލަރަށް ލިބޭނެ ކަމަށް ފޯބްސް އިން ބުނެ އެވެ.

މި އަގުތަކަށް ބަލާއިރު ފޯނުތަކުގެ އަގުން 100 ޑޮލަރު ހެޔޮވަނީ ކިހިނެއްތޯ އެއީ ސުވާލެކެވެ. ފޯބްސް އިން ބުނީ މީގެ ކުރިން އެޕަލް އިން ނެރުނު ފޯނުތަކުގެ ފެންވަރާއި ސްޓޮރޭޖް ކެޕޭސިޓީއާ އަޅާބެލުމުން އެވްރެޖް ގޮތެއްގައި 100 ޑޮލަރު އަގު ހެޔޮވަނީ ކަމަށެވެ. އެއީ ކެޕޭސިޓީ އާއި ކެމެރާ އާއި އެހެން ބައެއް ފީޗާތަކަށް އަޅާ ކިޔައިގެންނެވެ.

އަގާ އެންމެ ބޮޑަށް ގުޅިފައި ވަނީ ސްޓްރޯޖާ ކަމަށް ވާއިރު ކުރިން ހެދި 16 ޖީބީގެ ފޯނެއްގެ އަގަށް 32 ޖީބީގެ ފޯނެއް ލިބުމަކީ އަގު ހެޔޮވުން ކަމަށް ބަލަން ޖެހެ އެވެ.

އަލަށް ނެރެން އުޅޭ ފޯނުގައި ހެޑްފޯން ޖެކް ޖަހާ ތަނެއް ނީންނާނެ ކަމަށާއި ޗާޖް ކުރުމާއި ހެޑް ފޯނަށް ބޭނުންކުރާނީ އެއް ޕޯޓެއް ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އެކަަމަކު އަދި ފޯނާ ބެހޭ މާގިނަ މައުލޫމާތެއް ކަށަވަރެއް ނުވެ އެވެ.