ފައިލްސް ގޯ: ގޫގުލް އަށް ވެސް ފައިލް މެނޭޖަރެއް
ފައިލްސް ގޯ: ގޫގުލް އަށް ވެސް ފައިލް މެނޭޖަރެއް

ދޫކޮށްލައިގެން ފަރުޖެއްސެން ނެތް ގިނަ އެޕްލިކޭޝަންތަކެއް، ގޫގުލް ޕްލޭ ސްޓޯރަށް ޖަމާވަމުން އެބަ ދެ އެވެ. އެ ލިސްޓަށް އެންމެ ފަހުން އިތުރުވެފައި ވަނީ "ފައިލްސް ގޯ" އެވެ. މިއީ ގޫގުލްގެ އުފެއްދުމެކެވެ.

އެންޑްރޮއިޑް ފޯނުތައް އުފައްދާ ކުންފުނިތައް، އިނގިލިން ގުނަން އުނދަގޫ ހިސާބަށް އަދަދު ވަނީ އިތުރުވެފަ އެވެ. އެއިން ކޮންމެ ފޯނެއްގައި ވަކި ފައިލް ބްރައުޒާ އެކެވެ. އަނެއްކޮޅުން ތާޑްޕާޓީ ޑިވެލޮޕަރުން ވެސް ފައިލް ބްރައުޒާތައް ޕްލޭ ސްޓޯރަށް ހަދިޔާކޮށްފައި އެބަ ހުއްޓެވެ. އެވެ.

ގޫގުލްގެ "ފައިލްސް ގޯ" އަކީ ވަރަށް ފައްކާ ފައިލް ބްރައުޒާއެކެވެ. އެކަމަކު އެޑްވާންސްޑް ފީޗާތައް ބޭނުން މީހަކަށް "ފައިލްސް ގޯ" ކަމަކު ނުދާނެ އެވެ. ފައިލް އެކްސްޕްލޯރާއަކުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އެދެވޭ ނަމަ، "ސޮލިޑް އެކްސްޕްލޯރާ ފައިލް މެނޭޖާ" ކަހަލަ އެޕްލިކޭޝަނެއް ހޯދުން ރަނގަޅުވާނެ އެވެ.

"ފައިލްސް ގޯ"އާ ބެހޭ ގޮތުން ބުނަން އޮތް ވާހަކައަކީ، އަތްލައިފި ނަމަ ނެއްޓެއް އުނދަގޫ އެޕްލިކޭޝަނަކަށް ވާނެ ކަމެވެ. ޕްލޭ ސްޓޯރުން ހިލޭ ލިބެ އެވެ. ޑައުންލޯޑްކޮށް، އަޖުމަބަލައިލުމަށް ބުނަމެވެ.

އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމް ގޫގުލްއިން ދޫކޮށްލާއިރު، ފައިލް އެކްސްޕްލޯރާއެއް ނުހިމަނަ އެވެ. އެކަން ދޫކޮށްފައި ވަނީ ފޯނު އުފައްދާ ކުންފުނިތަކަށެވެ. އެ ބަޔަކަށް ފެނުނު ގޮތަކަށް އެޕްލިކޭޝަން އުފެއްދުމަށެވެ.

މައިގަނޑު ގޮތެއްގައި "ފައިލްސް ގޯ"އިން ކޮށްދޭ ކަމަކީ ފޯނުން ޖާގަ ހަދައިދިނުމެވެ. ދުވަސްވީ މުސްކުޅި ފައިލްތައް ދައްކައި، ފޮހެލަން އިރުޝާދު ދިނުމާއި، ތަކުރާރުވެފައި ހުންނަ ފައިލްތައް ފޮހެލަން ނުވަތަ ކޮންމެވެސް އެހެން ޑިވައިސްއަކަށް ފޮނުވާލަން ބުނެ ނަސޭހަތްތެރިވެ އެވެ.

"ފައިލްސް ގޯ"ގައި ރެކެން އެންމެ އުނދަގޫ ފީޗާ އަކީ އެއް ފޯނުން އަނެއް ފޯނަށް ފައިލްތައް ފޮނުވާލަން އިންނަ ފީޗާ އެވެ. މިހާ ފަސޭހަ ފީޗާއެއް ގޫގުލްއިން އެންޑްރޮއިޑްގައި މީގެ ކުރިން ނުހިމެނީ ކީއްވެބާއޭ ހިތަށް އަރަ އެވެ. "ފައިލްސް ގޯ" އިންސްޓޯލްކޮށްލާށެވެ. އަޖުމަބަލާލާފައި ކޮމެންޓެއް ދީބަލާށެވެ.