މޯލްޑިވްސް ކަސްޓަމާ އެކްސްޕީރިއަންސް އެވޯޑް ތައާރަފް ކޮށްފި
މޯލްޑިވްސް ކަސްޓަމާ އެކްސްޕީރިއަންސް އެވޯޑް ތައާރަފް ކޮށްފި

ކަސްޓަމަރުންނާއި ކުންފުނިތަކާ ދެމެދު އޮންނަ ގުޅުންތަކާއި ތަޖުރިބާތަކުގެ ދާއިރާ އިން ރާއްޖޭގައި ބޭއްވި ފުރަތަމަ ކަސްޓަމާ އެކްސްޕީރިއަންސް (ސީއެކްސް) ކޮންފަރެންސްގައި "މޯލްޑިވްސް ކަސްޓަމާ އެކްސްޕީރިއަންސް އެވޯޑް" ތައާރަފް ކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމާ އެކްސްޕީރިއަންސް އެވޯޑް ތައާރަފް ކޮށްފި
މޯލްޑިވްސް ކަސްޓަމާ އެކްސްޕީރިއަންސް އެވޯޑް ތައާރަފް ކޮށްފި

އެވޯޑް ތައާރަފް ކުރީ އިއްޔެ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ކޮންފަރެންސްގަ އެވެ. އެ ކޮންފަރެންސް އިންތިޒާމްކުރި ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސް އިން ބުނީ އެވޯޑާ ދޭނީ ބިޒްނަސް އާއި ޕީޕަލް ކެޓަގަރީތަކުން ކަމަށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތުތައް ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

ބިޒްނަސް ކެޓަގަރީން އެ އެވޯޑް ދޭން ހަމަޖެހިފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ބޮޑެތި ވިޔަފާރިތަކުގެ އިތުރުން ޕަބްލިކް ސެކްޓާ އަށެވެ. މި އެވޯޑް ދޭނީ އެންޕްލޯއީ އެންގޭޖްމަންޓް، ޑިޖިޓަލް އެކްސްޕީރިއަންސް، ޑިޖިޓަލް ސީއެކްސް އިނޮވޭޝަން އަދި ސީއެކްސް ޓްރެއިނިން ޕްރޮވައިޑާ އަށެވެ.

ޕީޕަލް ކެޓަގަރީން އެވޯޑް ދޭނީ ވަކިވަކި ފަރުދުންނަށެވެ. މި އެވޯޑް ދޭނީ ސީއެކްސް ޕާސަނަލަޓީ، ސީއެކްސް ޓްރެއިނާ އަދި ސީއެކްސް ޕްރޮފެޝަނަލް އަށެވެ.

ބޭރުގެ މަޝްހޫރު ފަރާތްތަކުން މައުލޫމާތު ދެއްވި ކޮންފަރެންސް ހުޅުއްވައިދެއްވީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަމީމް ވިދާޅުވީ ރާއްޖެ ފަދަ ގައުމަކަށް ކަސްޓަމާ އެކްސްޕީރިއަންސްގެ ދާއިރާ އަކީ ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ. އަދި މިފަދަ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޓޫރިޒަމް ދާއިރާ އާއި އެހެނިހެން ދާއިރާތައް ކުރިއަރާ، ފުޅާވަމުން އަންނަ އިރު ރާއްޖެ ފަދަ ގައުމަކަށް ކަސްޓަމާ އެކްސްޕީރިއަންސް އަކީ ވަރަށް މުހިންމު ދާއިރާ އެއް. މިފަދަ ކޮންފަރެންސްތަކަކީ ކުންފުނިތަކަށް އިތުރަށް ކުރިއަރަން ލިބޭ ފުރުސަތެއް،" ޑރ. ޝަމީމް ވިދާޅުވި އެވެ.

ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސް އިން ބުނީ މި ފަހަރުގެ ކޮންފަރެންސްގައި 150 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވި އިރު، އޭގެ ތެރެއިން ގިނަ ފަރާތްތަކުން ކޮންފަަރެންސަށް "އޭ ރޭޓިން" ދީފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ވެސް ސީއެކްސް ކޮންފަރެންސް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.