06 ޑިސެމްބަރ 2017 - 06:22

މަޝްހޫރު މީސްމީހުން ހުވަފެނުން ފެނުމަކީ އާންމުކަމެކެވެ. އަހަންނަކީ އުމުރުން ތިރީސް އަހަރުގެ އަންހެނަކީމެވެ. އަހަރެން އެންމެ ބައްދަލުކުރާހިތްވާ މީހަކީ މައިކަލް ޖެކްޝަންއެވެ. އޭނަ މަރުވިތާ ކިތަންމެ ދުވަހެކެވެ. އެކަމަކު، ދޭތެރެއަކުން އަހަންނަށް އޭނަ ހުވަފެނުން ފެނެއެވެ. އަހަންނާ ބައްދަލުކުރަން ބޭނުން ވާހަކަ ބުނެއެވެ. ދެ ފަހަރަކު އަހަންނަށް ހެޓިލަރު ވެސް ހުވަފެނުން ފެނިއްޖެއެވެ. އަހަރެންގެ ގެއަށް އައިސް ގަރުދިޔަޔާއި ބަތާ ކަނިކޮށެވެ. ތާކުންތާކު ނުޖެހޭ ބޭކާރު ހުވަފެންތަކެވެ. އެއްވެސް މާނައެއް ނެތެވެ. އެހެންނަމަވެސް ސަނާ ހުވަފެނުން ފެންނަންވީ ކީއްވެގެން ހެއްޔެވެ؟ ފަހަކަށް އައިސް ކޮންމެ ރެޔަކު ހުވަފެނުން ސަނާ ފެނެއެވެ. ވާހަކައެއް ނުދައްކައެވެ. ސަނާގެ މިޒާޖަކީ އެއީއެވެ. ސަމާސާކޮށް ބޭކާރު އަނގައެއް ނުތަޅާނެއެވެ. ހަތަރުކަޅި ހަމަވެއްޖެއްޔާ ހިނިތުންވެލާނެއެވެ.
އަހަރެން ދިރިއުޅުނު އެޕާޓުމަންޓު ހުރީ ސަނާގެ އެޕާޓުމަންޓާ ޖެހިގެން ވައަތަށެވެ. އަހަރެން އުޅުނީ ކުއްޔަށެވެ. ދައްތަޔަކާ އެކީގައެވެ. ސަނާއަކީ، ގޭގެ ވެރިމީހާގެ ދަރިޔަކާ އިނދެގެން އައި ކުއްޖެކެވެ. އަހަރުމެން ދިމާވަނީ ލިފްޓުންނެވެ. ނުވަތަ ސިޑިމަތިންނެވެ. ސަނާގެ މޫނުމަތިން އަބަދުވެސް ފެންނާނީ ހިތާމަވެރިކަމެވެ. ހީވާނީ ރޮވެން ކައިރިވެފައި ހުންނަހެންނެވެ. އަހަރުމެން ކުއްޔަށްހިފި މުއްދަތު ހަމަވެގެން އެހެން ތާކަށް ބަދަލުވިއިރު ވެސް ސަނާއަކީ ގާތް އެކުވެރިއަކަށް ނުވިއެވެ. އެކަމަކު ދެކެފަރިތަ ކުއްޖަކަށް ވިއެވެ. އަހަރެންގެ ދިރިއުޅުން ހުޅުމާލެއަށް ބަދަލުކުރި ހިސާބުން ސަނާ ގެއްލުނީއެވެ. ހުވަފެނުން ސަނާ ފެންނަން ފެށީ، ހުޅުމާލޭގައި އަހަރެން އުޅޭތާ އަހަރެއް ވާން ކައިރިވެފައި ހުއްޓައެވެ. ބައެއް ރޭރޭ ދެ ފަހަރަށް ވެސް ސަނާ ފެނެއެވެ. އިސްޖަހައިލައިގެން ހުއްޓައެވެ. އަހަރެން ފެނުމުން ބަލައިލައެވެ. ހީވެއެވެ. އޭނަ އުޅެނީ ކޮންމެވެސް އެއްޗެއް ބުނާށެވެ.
އަހަރެން ވަޒީފާއަދާކުރަނީ ރާއްޖޭގެ މަޝްހޫރު ނޫސްއިދާރާއެއްގައެވެ. އަހަރެންގެ ދާއިރާއަކީ ތަޙުޤީޤީ ނޫސްވެރިކަމެވެ. ހާދިސާއަކާ ބެހޭގޮތުން އަހަރެން ލިޔާނީ، އެ ހާދިސާގެ އެންމެ ފުނަށް ފީނައިފައެވެ. ވަށައިގެން އަތްފުނާއަޅައި މަޢުލޫމާތު އެއްކޮށްގެންނެވެ. މަކަރުވެރިން ބޭޒާރުކުރުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެކެވެ. ހުވަފެނުން ސަނާ ފެންނަލެއް ގިނަވުމާއި، ފެންނަ ގޮތް ތަފާތުކަމުން ސަނާޔާ ވާހަކަދައްކާ ހިތްވާން ފެށިއެވެ. ޙަޤީޤަތުގައި ބޭކާރު ކަމެކެވެ. ހުވަފެނުން މީހަކު ފެންނައިރަށް އެ މީހަކާ ވާހަކަދައްކާކަށް ނުވެސް ޖެހެއެވެ. އަހަރެން ދައްކާނެ ވާހަކައެއް ވެސް ނެތެވެ. އެހެންނަމަވެސް، ނޫސްވެރިޔަކަށް ވީތީ ޝައުޤުވެރިކަން އުފެދުނެވެ.
ސަނާގެ ފޯނު ނަންބަރު ހޯދަން އަހަރެން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އަހަރެން އެ ގޭގައި ކުއްޔަށް އުޅުނީ ރާމިޒާގެ އެޕާޓުމަންޓުގައެވެ. ރާމިޒާއަކީ ގޭގެ ވެރިމީހާގެ އަންހެންދަރިއެކެވެ. ދައްތަ އަތުން ރާމިޒާގެ ނަންބަރު ހޯދައިގެން ގުޅީމެވެ. ނަސީބު ވަރަށް ދެރައެވެ. ރާމިޒާގެ ފޯނު ވަގަށްނެގުމުގެ ސަބަބުން އެ ފޯނުގައި ހުރި ނަންބަރުތައް ގެއްލުނީއެވެ.
"އެކަމަކު ސަނާ އުޅެނީ ތި ގޭގައެއްނު،" އަހަރެން ބުނީމެވެ. "ނަންބަރު ހޯދައިލައިދީފިއްޔާ ވަރަށް ރަނގަޅު."
"ނަންބަރު ހޯދާފަ ގުޅާލާނަން." ވަރަށް ހަމަޖެހިލައިފައި ރާމިޒާ ބުންޏެވެ.
އަހަރެން ފޯނު ބޭއްވީ ވަރަށް ފޮނި އުންމީދަކާ އެކުގައެވެ. އެހެންނަމަވެސް، ރާމިޒާއެއް ނުގުޅިއެވެ. އަހަރެން ގުޅުމުން ދެން ފޯނެއް ނުނަގައެވެ. ހިތަށްއެރިއެވެ. ޔަގީނެވެ. ސަނާއާއި ރާމިޒާއާ ދެމެދު ކޮންމެވެސް މައްސަލައެއް ޖެހުނީއެވެ. ކިރިޔާ ވެސް މައްސަލައެއް ޖެހޭއިރަށް ވާހަކަދެއްކުން ހުއްޓައިލުމަކީ ދިވެހިން ވަރަށް ފަސޭހައިން ކޮށްލާ ކަމެކެވެ. އެ ހިސާބުން އަހަރެން އެ ކަން ހުއްޓައިލީމެވެ. އޮފީސްކަމެއް ނޫނެވެ. އަހަންނަށް ވެސް މާ މުހިންމުކަމެއް ނޫނެވެ.
ޖެހިގެންއައި ރޭގެ ހުވަފެނުގައި ސަނާ އާ ކަމެއް ކުރިއެވެ. އެހެން ފަހަރުފަހަރު ފެންނާނީ އަހަރެން ހިނގައިފައި ގޮސް ސަނާ ހުރަސްކުރާ ތަނެވެ. އޭނަ ހުންނާނީ ރޯށެވެ. އެ ރޭ އަހަރެން ހުރަސްކުރަނިކޮށް އަހަރެންގެ އަތުގައި ކުއްލިއަކަށް ސަނާ ހިފޭއްޓިއެވެ. ހުވެފެނާއި ޙަޤީޤަތުގައި ވެސް އަހަރެން ސިއްސައިގެންދިޔައެވެ. ހޭލެވުނެވެ. އެ ރޭ ހިތަށްއެރިއެވެ. ކޮންމެވެސް މައްސަލައެއް އެބަ އުޅެއެވެ. ސަނާ އެ އުޅެނީ ކޮންމެވެސް ވާހަކައެއް އަހަރެން ގާތުގައި ދައްކަންވެގެންނެވެ. އަހަރެންނަކީ ނޫސްވެރިއަކަށް ވީތީއެވެ.
ސަނާ އުޅޭ ގެއަށް އަހަރެން ދިޔައީމެވެ. އަހަރެންގެ އަމާޒަކީ ސަނާ އަތުން ނަންބަރު ހޯދުމެވެ. އޭރުން ކޮންމެ އިރަކު ވެސް ސަނާޔާ ވާހަކަދެއްކިދާނެއެވެ. އެޕާޓުމަންޓުގެ ރަނގަބީލުޖަހައިލުމުން ދޮރު ހުޅުވީ ސަނާގެ މައިދައިތައެވެ.
"ސަނާ އެބައުޅޭތޯ؟" އަހަރެން ސުވާލުކުރީމެވެ.
މައިދައިތަ އިރުކޮޅެއްވަންދެން އަހަންނަށް ބަލަހައްޓައިގެން ހުއްޓެވެ.
"ކާކު؟" ފިރިހެނެއްގެ އަޑު އިވުނެވެ.
ކޮޓަރިއެއްގެ ދޮރު ހުޅުވައިލައިފައި ފަހުދު ނުކުތެވެ. ފަހުދާ އެކުއެކީގައި އެހެން އަންހެނަކު ވެސް ނުކުތެވެ. އެއީ ސަނާއެއް ނޫނެވެ.
"ސަނާ ހޯދަން!" މައިދައިތަ ބުނެލިއެވެ. "ދަރިފުޅު ވާހަކަދައްކަބަލަ! އުނދުންމައްޗަށް އެއްޗެއް އުދައިގެން މަންމަ މި އުޅެނީ."
"ސަނާއެއް ނެތް." ފަހުދު ދިނީ ކުރު ޖަވާބެކެވެ.
އަހަރެން ހީކުރީ ސަނާ ވަރިކުރީކަމަށެވެ. ފަހުދު އެހެން މީހަކާ ކައިވެނިކުރީ ކަމަށެވެ.
"ސަނާގެ ފޯނު ނަންބަރު ލިބިދާނެތޯ!" އަހަރެން ސުވާލުކުރީމެވެ.
"އޭނަ މަރުވެއްޖެ!" ފަހުދާ އެކުގައި ކޮޓަރިން ނުކުތް އަންހެންމީހާ، ކުޑަކޮށް ނުރުހިފައި ބުންޏެވެ. "ނަންބަރު ދިނަސް ދެން އޭނައަކަށް ނުގުޅޭނެތާ ދޯ!"
އަންހެންމީހާ އައިސް އަހަރެންގެ މޫނުމައްޗަށް ދޮރުޖެހިއެވެ. ދެން ބުނި އެއްޗެއްގެ އެއްބައި ސާފުކޮށް އިވުނެވެ.
"ނަރަކައިގެ ނަންބަރަށް..." އަހަންނަށް އިވުނީ އެ ހިސާބަށެވެ.
ވީގޮތެއް އަހަންނަކަށް ނޭނގުނެވެ. ނުވީ ގޮތް ވަރަށް ރަނގަޅަށް އެނގުނެވެ. ސަނާގެ ނަން އިވުމުން އެކަކު ވެސް އުފަލެއް ނުވިއެވެ. ސަނާގެ ވާހަކަދައްކާކަށް އެ މީހުން ބޭނުމެއް ނުވިއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި އަހަރެން ހިނގައިގަތީމެވެ. ލިފްޓު ކައިރިއަށް ހުއްޓުނު ވަގުތު، ދޮރެއް ހުޅުވުނު އަޑު އިވުނެވެ. އަހަރެން ބަލައިލީމެވެ. ސަނާ އުޅުނު އެޕާޓުމަންޓާ ޖެހިގެން ކަނައަތަށްހުރި އެޕާޓުމަންޓުގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުއްޓެވެ. ދޮރު ފުރަގަހަށް ވަދެ ނިވައިވެގެންހުރި މީހަކު، ސިއްރުސިއްރުން ބަލައިލައިފައި ހަނާއަޅައިލިއެވެ. އަހަރެން ދިޔުމުން ދިނީ ކަރުދާސްކޮޅެކެވެ. އެ އަށް ފަހު ދޮރު ލެއްޕިއެވެ. އެ ކަރުދާސްކޮޅުގައި އޮތީ ފޯނު ނަންބަރެކެވެ. ހިތަށްއެރިއެވެ. ސަނާ މަރެއް ނުވޭތާއެވެ. އެކަމަކު މީހަކު ދެކެ ރުޅިއަޔަސް އެ ވަރުގެ ދޮގެއްހަދާކަށް ނުވާނެއެވެ. މަގުމައްޗަށް ނުކުމެފައި އަހަރެން ސަނާއަށް ގުޅައިލީމެވެ.
"ސަނާ ކޮންތާކު ތި އުޅެނީ،" އަހަރެން އުފާވެފައި ބުނީމެވެ. "ހާދަ ވަރަކަށް ހޯދައިފީމޭ!"
"މީ ސަނާއެއް ނޫން." އެ މީހަކު ބުންޏެވެ.
ވާހަކަދެއްކީ އަންހެނެކެވެ. ކާކުކަމެއް ނުބުންޏެވެ. އޭނައަށް އަހަރެން އެނގެއެވެ. ވަޒީފާއަދާކުރާ ތަން ވެސް އެނގެއެވެ.
"އެއްދުވަހަކު އަހަރެން ތި ތަނަށް ދިޔައިން ރައްޓެއްސަކާއެކީ،" އޭނަ ބުންޏެވެ. "ސަނާ ހޯދަން ދޯ މި ގެއަށް އައީ؟ ނޭނގޭތަ އޭނައަށް ވީގޮތެއް؟ އަހަންނަކަށް ވެސް މާ ގިނަ ވާހަކައެއް ނޭނގެ ކިޔައިދޭކަށް. ތުންތުންމަތިން އިވިފަހުރި ވާހަކަ ހުރީ. ތެދުދޮގު އަމިއްލައަށް ހޯދާ. ވަރަށް ހާލުގަ އުޅެފައޭ ސަނާ މަރުވީ. އެންމެން ވެގެން އޭނައަށް ހާދަ ވަރެއް ކޮށްލިއޭ. އަސްލު މަރުވީކީ ނޫން. ހަމަ މަރާލީ! އެކަމަކު ބާރު ހުރީމަ ކަންކަން ސިއްރު ކުރެވޭނެތާ! ކޮންމެހެން ވަކި މީހެއް، ވަކި އޮފީހެއް ކިޔާނެކަމެއް ނެތް. ލާރިއަށް ނުވިކޭ އެކަކު ވެސް ނެތް. ތި ނޫހުގަ ވެސް ނޭނގެ މި ވާހަކަ ޖެހޭނެކަމެއް."
ވަރަށް ގިނަ މަޢުލޫމާތު އޭނަ ދިނެވެ. ސަނާގެ މައިންބަފައިންގެ ނަންބަރު ވެސް ފަހުން ފޮނުވިއެވެ. އަހަރެންގެ ޝައުޤުވެރިކަން އިތުރުވިއެވެ. އެހެންނަމަވެސް، އަހަންނަކީ ސަނާޔާ ގުޅުމެއް ހުރި މީހެއް ނޫނެވެ. ވީއިރު، އަހަރެންނަށް ސަނާ ހުވަފެނުން ފެންނަންވީ ކީއްވެގެން ހެއްޔެވެ؟ މަރުވެފައިތިބޭ މީސްމީހުން ހުވަފެނުގައި ބައްދަލުކޮށް އިންސާފަށް އެދި ގޮވުމަކީ ފިލްމުތަކުގައި ވާ ކަންކަމެވެ. މީ ފިލްމެއް ނޫނެވެ. ވާހަކައެއް ވެސް ނޫނެވެ.
އަހަރެން ދިރާސާ ފެށީމެވެ. ހުރިހައި ދިމާއެއްގައި އަހަރެންގެ މަސްދަރުތައް ހުރުމުން، މަޢުލޫމާތު އޮހެން ފެށިއެވެ. ތޯތޯވާހަކައާއި، ފޮނިތޮށިކާފޫރުތޮޅިއާއި، ޙަޤީޤަތެވެ. އިންސާފުގެ ގޮޅިކުދި ފުރޭންޏަށް ވާހަކަތައް އަޅައި ހަލުވަން ފެށީމެވެ. މަންޒަރު ސާފުވާން ފެށިއެވެ. ސަނާއަކީ މޮޅަށް ކިޔަވައިގެންހުރި، ތޫނުފިލި ކުއްޖެކެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް ސަނާ ތަޢުލީމު ހާސިލުކުރިއެވެ. ސަނާއަކީ ސަކަ މިޒާޖެއްގެ، ދޫ ހަލުވި ކުއްޖެއް ވެސް މެއެވެ.
ލޯބިވެރިންގެ ގޮތުގަ ދެތިން މީހަކު ސަނާގެ ހަޔާތަށް އައެވެ. އަންބަކަށްވުމުގެ ޝަރަފު ސަނާއަށް ހޯދައިދިނީ ނަބީހުއެވެ. ނަބީހަކީ ސަނާއަށް އެންމެ ކަމުދިޔަ މީހާއެވެ. އެހެންނަމަވެސް ފަހީމާ ހުރީ، ނަބީހަށް ޓަކައި ދުށް ހުވަފެނެއްގައި ރީތި އެތައް ކުލައެއް ޖައްސައިގެންނެވެ. ފަހީމާއަކީ ނަބީހުގެ މަންމައެވެ. ތިމާގެ މީހެއްގެ ދަރިފުޅާ ނަބީހު ދެވާނެކަމުގެ ޔަގީންކަން ފަހީމާ ހުރީ ދީގެންނެވެ. ދަރިފުޅު ގާތުގައި އެ ވާހަކަ ބުނާނެ ދަނޑިވަޅެއްގެ އިންތިޒާރުގައި ފަހީމާ ހުއްޓައި، ނަބީހުގެ ހިތަށް ސަނާގެ ލޯބީގެ ތީރު ހެރުނީއެވެ. އެ ޚަބަރު ފަހީމާއަށް އިވުނީ ވިއްސާރަ ރެޔެއްގައި ޖަހައިލި ގުގުރިއެއް ފަދައިންނެވެ. ފަހީމާއަށް ޙަޤީޤަތް އެނގުނު ރެއަކީ ސަނާއާ ކައިވެނިކުރަން ބޭނުން ވާހަކަ ނަބީހު ބުނި ރެއެވެ. ފަހީމާ ދުށް ގޮތުގައި ސަނާ ވަނީ ސިހުރެއް ހަދައި ނަބީހަށް ކާންދީފައެވެ. ކައިވެންޏާ ދެކޮޅަށް އުއްފު ވެސް ނުބުނެވޭ ވަރަށް ނަބީހު ހުރީ ސަނާގެ މަޅީގައި ބެދި ހައްޔަރުވެފައެވެ. އެ ހިސާބުން ފަހީމާގެ ހިތުގައި އޮތް ސިއްރު ކަފުންކުރިއެވެ. ނަބީހުގެ ކައިވެންޏަށް ރުހުންދިނެވެ. ހުރި އެންމެ ފިރިހެންދަރިފުޅުގެ ހިތުގައި ނުޖެއްސުމަށް ޓަކައެވެ. ސަނާދެކެ ފަހީމާއަށް ރުޅިއާދެވުނީ ސަނާ ނުވެސް ދެކިއެވެ. އެ ރުޅި އެކަކަށް ވެސް ފަހީމާއެއް ނުދައްކައެވެ. ބަދަލުގައި ފަހީމާ ދެއްކީ ހިތްހެޔޮކަމެވެ. އޯގާތެރިކަމެވެ. ފަހީމާއަށް ތަޢާރުފުކޮށްދޭން ސަނާ ގެނައިއްސުރެ ސަނާގެ ބުރިކަށީގައި ފިރުމުން ފަހީމާ ހުއްޓައިނުލައެވެ. މަންޒަރު ބަލާ ބައެއްގެ ލޮލުގައި ފަހީމާ އެޅުވީ ފިސާރި ކުލަ ގަދަ އަނދުނެކެވެ. ހިތުގައި އަނދަމުންދިޔަ އަލިފާންގަނޑު އޮބަހެއްޓީ ވަރަށް މަސައްކަތުންނެވެ.
ކައިވެންޏަށް ފަހު ސަނާ ދިރިއުޅުނީ ނަބީހުގެ ގޭގައެވެ. ފަހީމާ ހުރީ ދަނޑިވަޅަކަށް ބަލަބަލައެވެ. އަނެއްކޮޅުން ފަހީމާގެ ޅީދަރިޔަކަށް ވެގެން ގެއަށް އައި ސަނާ އައީ ވަރަށް ބޮޑު ސިއްރެއް ހިފައިގެންނެވެ.
ނުނިމޭ